ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ހަވަލި ފެއާއަށް ޒިޔާރަތް ކުރައްވައިފި

ހޯމް މިނިސްޓްރީން އިމްތިޒާމު ކޮށްގެން ދަރުބާރުގޭގައި ކުރިއަށްދާ ހަވަލި ފެއާއަށް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައި އެވެ.

ހަވަލި ފެއާއަކީ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަށް ގުޅުވައިދިނުމުގެ މަގްސަދުގައި ހޯމް މިނިސްޓްރީން އިސްނަގައިގެން ޔުތް މިނިސްޓްރީ އާއެކު ގުޅިގެން މިމަހު 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާއެކެވެ.

ސަތޭކައަށް ވުރެ ގިނަ ޖަމިއްޔާ ބައިވެރިވާ މިފެއާ 16 ވަނަ ދުވަހު ހުޅުވައިދީފައިވަނި އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. ހަވަލި ފެއާ ބޭއްވުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މިފެއާގައި ޖަމިއްޔާތަކަށް ހާއްސަ ކޮށްގެން ފަންނީ ބޭފުޅުން މައުލޫމާތު ދޭގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ޖަމިއްޔާތަކުގެ އިތުރުން ހަވަލި ފެއާގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެސްޓީއޯ، ވެމްކޯ، އައިލެންޑްއޭވިއޭޝަން، އެމް.ޑަބްލިޔު.އެސް.ސީ، އެމްޕީއެލް، ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، ބޭންކް އޮފް މޯލްޑިވްސް، ސްޓެލްކޯ، އެޗް.ޑީ.ސީ، އެމް.އެމް.ޕީ.އާރު.ސީ، ގްރީޓަރ މާލެ، އެލިސަން، އެޗް.އޯ.އެފް.ސީ، ލިކަމާ، އެލިއާ އަދި ދިރާގު އެވެ.
\
ފެއާގައި ބައިވެރިވި ކުންފުނިތަކުގެ އިސްބޭފުޅުން ވަނީ ޖަމްއިއްޔާތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ޖަމްއިއްޔާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.