ކުޅިވަރު

ފުޓްބޯޅަ ކުޅުންތެރިޔާ އަޑޭއަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، ގްރީން ސްޓްރީޓްގެ ކެޕްޓަންކަން ކުރި، އަސްހަދު އަލީ 'އަޑޭ' ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި، އަޑޭ ވަނީ، މިއަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. ސިޔާސީ އެކި އެއްވުންތަކުގައި ވެސް އަޑޭއަކީ ގަވާއިދުން ބައިވެރިވާ މީހެކެވެ.

ސިޔާސީ އެކި ހަރަކާތްތަކުގައި އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާ ހައްޔަރުވެސް ކުރި އެވެ. އެގޮތުން 2016 ވަނަ އަހަރު، ކްރިމިނަލް ކޯޓްގެ އޭރުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްއާ ދެމެދު ހިނގި ކަންތައްގަނޑެއްގައި 15 ދުވަސް ވަންދެން އަޑޭ ޖަލުގައި ވެސް އޮތެވެ. އެކަމުގެ ސަބަބުން އޭރު މާޒިޔާއަށް ކުޅެމުން ދިޔަ އަޑޭއަށް އޭއެއެފްސީ ކަޕުގައި މާޒިޔާ ކުޅުނު ދެ މެޗު ވެސް ގެއްލުނެވެ.

އަޑޭ އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑީއާރްޕީގަ އެވެ. އޭރު ޑީއާރްޕީން ހިންގި މަގުމަތީ ހަރަކާތެއްގައި ހުއްޓައި ފުލުހުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން އަޑޭއަށް އަނިޔާ ވެސް ވި އެވެ. ފަހުން، ޑީއާރްޕީން ދޫކޮށް، މިހާރުގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު އަޑޭ އެމްޑީޕީއަށް ސޮއި ކުރީ 2011 ވަނަ އަހަރު އެވެ.

އެމްޑީޕީގައި އޭނާ ފާހަގަވީ މަގުބޫލް މެންބަރެއްގެ ގޮތުގަ އެވެ. އޭނާ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުކަން ކުރި އެވެ. އޭގެ ފަހުން، އަލީ ވަހީދު އެމްޑީޕީއިން ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމުން އަޑޭ ވެސް ވަނީ އެމްޑީޕީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިފަ އެވެ. ޖުމްހޫރީ ޕާޓީއާ ގުޅުމަށްފަހު އެ ޕާޓީގެ ކައުންސިލް މެންބަރު ކަމަށް ވާދަ ކުރެއްވި އެވެ. އެ މަގާމަށް އޭނާ އިންތިހާބު ކުރީ ޕާޓީގެ ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

މިހާރު ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ކަމުގެ މަގާމު ފުރާ، އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިއަހަރު އެވެ. އެއީ އޭނާ އަތުން ކެޕްޓަން ބޭންޑް ނަގަން، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ނިންމުމުންނެވެ. ފަހުން ގައުމީ ކޯޗް ވަނީ އަޑޭއަށް ގައުމީ ޓީމުން ފުރުސަތު އޮތްކަން ހާމަކޮށްފަ އެވެ.

މިއަހަރު އޯގަސްޓް މަހު ބޭއްވި ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމު އެކުލަވާލުމުގެ ކުރިން ޝެގަޓް ވަނީ އަޑޭ އަލުން ގައުމީ ޓީމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ.