ހަބަރު

ކުޑަކުދިންގެ ހައްގުތަކާބެހޭ ބިލާއި ޖުވެނައިލް ބިލް އަވަހަކަށް ފާސްކުރަންޖެހޭ

އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކުޑަކުދިންގެ ހައްގުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެ އަވަހަކަށް ފާސްކުރަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމް އިން ބުނެފި އެވެ.

މިއަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ އަނިޔާ ލިބެމުންދާ ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރި ކުރުމަށެވެ.

ދުވަހާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ވަނީ، ރާއްޖޭގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ވަނީ ކުޑަކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ހެދި ދަނީ ތަންފީޒުކުރަމުންދާ ކަމަށެވެ.

"ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މިއަހަރު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަކުރުމާބެހޭ އުސޫލަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރަން، މި އުސޫލަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެންޖެހިފައިވާ ކުދިންނަށް އާއިލީ ވެއްޓެއްގައި އާއިލާއެއްގެ ލޯތްބާއި ރައްކާތެރިކަން ލިބުމަށް މަގުފަހިވެ، އެކުދިންގެ މުސްތަގްބަލު ރަނގަޅުގޮތުގައި ބިނާވެގެންދިއުމަށް މަގުފަހިވެގެންދާނެ ހަރުދަނާ ފިޔަވަޅެއް،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ޖެންޑާ މިނިސްޓްރީއަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 50 ޕަސެންޓް މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެއީ ޖިންސީއާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކާއި އާއިލާ އާއި މުޖުތަމައު އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ފަރާތުން ވާ އިހުމާލުގެ މައްސަލަތަކުގެ ތެރެއިން ކަމަށްވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

"އެހެންކަމުން، ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެ އަވަހަކަށް ފާސްކުރަންޖެހޭ، އަދި ދައުލަތުގެ ބެލުމުގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ މަރުކަޒުތައް ހިންގުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށް މިކަމާގުޅޭ އިޖްރާއުތައް ކަމާގުޅުންހުރި ފަރާތްތަކުން ފުރިހަމަކުރަންޖެހޭ،" އެޗްއާރްސީއެމުން ބުންޏެވެ.

ބަޔާނުގައި ވަނީ، އަނިޔާއަށް ހުށަހެޅޭ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ނަފްސާނީ އެހީތެރިކަން ދެވޭނެ އިންތިޒާމެއް ގާއިމުކޮށް، ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް މިހާރު ގާއިމުކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި ހަރުދަނާ ރިހެބިލިޓޭޝަން ނިޒާމެއް ގާއިމުކުރުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވަން ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދޭންޖެހޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށްވަނީ، ކުޑަކުދިންނަށް ކުރާއަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް މީޑިއާ ތަކުން ރިޕޯޓް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކުޑަކުދިންނަކީ ގައުމުގެ މުސްތަގްބަލަށްވާއިރު، ކުޑަކުދިންނަށް ލިބޭ އަނިޔާއިން އެކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން ދިނުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެކުދިންނަށް ރައްކާތެރިކަންދިނުމަށް ފަރުދީ ހައިސިއްޔަތުން ކުރެވެންހުރި މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.