ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލުމަށް ފަހު ވީނުވީއެއް ނޭނގިފައިވާ، އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތުގެ ބައިތައް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ހޯއްދަވައިފި އެވެ. އެކަމަނާ އެކަން މިއަދު ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގަ އެވެ.
ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު ރޫޅާލައިގެން އެތަނުން ނެގީ ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވުމަށެވެ. ނަމަވެސް މިސްކިތް ތިނަދޫއަށް އަދިވެސް ގެންގޮސްފައެއް ނުވެ އެވެ. އަދި މިދިޔަ ސަރުކާރުން ފަހުން އެ މިސްކިތާ ބެހޭ އެއްވެސް އެއްޗެއް ވެސް ހާމަ ނުކޮށް އެ މިސްކިތް ވީ ތަނެއް ވެސް ނޭނގެ އެވެ.
ނަމަވެސް އެ ދާއިރާގެ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ މަސައްކަތެއްގެ ގޮތުން ޔުމްނާ ހާމަކޮށްފައި ވަނީ އެ މިސްކިތުގެ ވާހަކައެވެ. ޔުމްނާ ވިދާޅުވީ ރޫޅާލި ކަޅުވަކަރު މިސްކިތުގެ ބައިތައް ގައުމީ ދާރުލް އާސާރުގެ ތެރޭގައި ހުރި ކަމަށެވެ. އަދި އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.
ކަޅުވަކަރު މިސްކިތް އަލުން ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެކެވެ. އެގޮތުން މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ފުރަތަމަ 90 ދުވަސް ތެރޭގައި ކަޅުވަކަރު މިސްކިތް ރޭވުމަށެވެ.
ދިވެހިންގެ ގަދީމީ މަސައްކަތްތެރިކަން ފެންނަ، ތާރީހީ މި މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ ކުޑަކުޑަ ކަޅުވަކަރު މިސްކިތް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިސޯޓަކަށް ނީލަން ކިޔައި އެ މިސްކިތް ހުރީ އެ ރިސޯޓްގަ އެވެ. އެހެން ނަމަވެސް މައުމޫންގެ ވެރިކަމުގައި 1979 ގައި އެ މިސްކިތް މާލެ ގެނެސް އަލުން ރާވައި ވަނީ ހުޅުވައިފަ އެވެ. އޭގެ ކުރިން ވެސް އެ މިސްކިތް މާލޭގެ އެކި ސަރަހައްދުތަކަށް އެކި ޒަމާންތަކުގައި ބަދަލުކޮށްފައިވެ އެވެ.