ވިޔަފާރި

ދިރާގުގެ ހަލުވި ފައިބަ އިންޓަނެޓްގެ ހިދުމަތް ތުޅާދޫ އަށް

Nov 19, 2018

ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓުގެ ހިދުމަތް ބ. ތުޅާދޫ އަށް ދޭން ފަށައިފި އެވެ.

ދިރާގުން ވަނީ ފައިބަ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން ފައިބަ ޓު ދަ ހޯމް ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 41 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީ ނިމިފައި އެވެ.

އެ ކުންފުނިން ބުނީ ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށެވެ. އެގޮތުން ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ. މިހާރު ބ. ތުޅާދޫގެ ގޭބިސީ ތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެ ކަމަށެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.