ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް މިނިސްޓަރުން މިއަދު ރަސްމީ މަސައްކަތަށް އޮފީސްތަކަށް ނުކުންނަވައިފި އެވެ. އާ މިނިސްޓަރުންނަށް މިނިސްޓްރީތަކުގެ މުވައްޒަފުން ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔާފަ އެވެ.
ރައީސް ސޯލިހުގެ ކެބިނެޓަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުއާ ނުލާ 19 މިނިސްޓަރުން އައްޔަން ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމްގެ ބޭފުޅުންނެވެ.
އެ މިނިސްޓަރުންގެ ރަސްމީ މަސައްކަތަށް މިއަދު މިނިސްޓްރީތަކަށް ނުކުންނަވާފައިވާއިރު މުވައްޒަފުން ވަނީ އާ މިނިސްޓަރުންނަށް މަރުހަބާ ދަންނަވާފަ އެވެ. މިއަދު ހޫނު މަރުހަބާއެއް މުވައްޒަފުން ކީ މިނިސްޓަރުންގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނެ އެވެ.
ގިނަ މިނިސްޓަރުން ވަނީ އެ ދާއިިރާއެއްގެ އިސް ބޭފުޅުންނާ ވެސް މިހާރު ބައްދަލު ކުރައްވާފަ އެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ސިފައިންނާއި ފުލުހުންގެ އިސްވެރިންނާ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއަށް ވެސް އެ މިނިސްޓްރީގެ ދަށުގައި ހިމެނޭ ޑިޕާޓްމެންޓްތަކުގެ ވެރިންނާ މިއަދު ބައްދަލު ކުރައްވާފަ އެވެ. އޭގެއިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ދާއިރާގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.
ރައީސް ސޯލިހުގެ ކެބިނެޓަކީ އެންމެ ގިނައިން އަންހެން މިނިސްޓަރުން ތިއްބެވި ކެބިނެޓެވެ. އެގޮތުން ކެބިނެޓްގައި ހަތް އަންހެން ބޭފުޅުން ތިއްބަވަ އެވެ.