ހަބަރު

ރައީސް ސޯލިހުގެ ކެބިނެޓަކީ ރެކޯޑެއް: ޝޯކޯ ނޯޑާ

Nov 20, 2018
3

އާ ސަރުކާރުގެ ކެބިނެޓުގައި އަންހެނުންގެ ބައިވެރިވުން ގިނަވުމުން އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ އެކަމަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޝޯކޯނޯޑާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން 30-35 ޕަސަންޓު އަންހެނުން ކެބިނެޓުގައި ހިމެނެނީ އެންމެ 10 ގައުމެއްގައި ކަމަށާއި ރާއްޖޭގެ ކެބިނެޓުގައި މިހާރު 32 ޕަސަންޓު ތަމްސީލު ކުރަނީ އަންހެނުން ކަމަށެވެ. އަންނަ އަހަރު ގިނަ އަންހެނުން މަޖިލީހަށް ވާދަ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝޯކޯނޯޑާ ވިދާޅުވި އެވެ.

ޝޯކޯ ނޯޑާ ކުރެއްވި ޓްވީޓު

ސަރުކާރުގެ ކެބިނެޓުގައި ހަތް އަންހެން މިނިސްޓަރުން ހިމެނެ އެވެ. އެއީ، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެވެ.