ބޮލީވުޑް

މީޓޫ މޫވްމަންޓަށް ޕްރިތީ ދިން ޖަވާބުން ފާޑުކިޔުން

އިންޓަވިއުއެއްގައި މީޓޫ މޫވްމަންޓުއާ ބެހޭ ގޮތުން ޕްރިތީ ޒިންތާ އާ ސުވާލުު ކުރުމުން އެކަމަށް ޖޯކު ޖަހާ ފަދަ ރާގަކަށް ވާހަކަ ދެއްކުމުން ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

'މީޓޫ މޫވްމަންޓު' އަކީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ހޮލީވުޑްގައި ކުރިއަށް ގެންދާ ކެމްޕެއިންނެކެވެ. ބޮލީވުޑް ހަންގާމާއިން ކުރި އިންޓަވިއުގައި ނޫސްވެރިޔާ، ޕްރިތީއަށް ޖިންސީ ފުރައްސާރަ އެއް ކުރިމަތިވިތޯ އެހުމުން، އޭގެ ޖަވާބުގައި ޕްރިތީ ހިނި އައިސްފައި ބުނީ އެކަހަލަ ކަމެއް ވިނަމަ އޭ ހިތައް އަރާ ކަމަށެވެ. އަދި، މީހުން ތިމާއާ މެދު ކަންތައް ކުރާނީ ތިމާ ބޭނުންވާ ގޮތަށް ކަމަށް ވެސް މި އިންޓަވިއުގައި ޕްރިތީ ބުންޏެވެ.

މީގެ އިތުރުން، ބައެއް މީހުން މިފަދަ ކެމްޕެއިންގެ ބޭނުން ކުރަނީ ހަގީގަތާ ހިލާފު ވާހަކަ ފަތުރާ، މަޝްހޫރު ވުމަށާއި ޒާތީ ހަސަދަވެރި ކަން ފިލުވުމަށް ކަމަށް ޕްރިތީ ބުންޏެވެ.

ޕްރިތީ މިހެން ބުނުމަކީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ތެދުވި މީހުންނަށް ކުރި މަލާމާތެއް ކަމަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުން ދިޔަ ގިނަ ބަޔަކު ބުނެ އެވެ.

ޕްރިތީގެ އިންޓަރވިއު.

އެހެންނަމަވެސް، މި ވީޑިއޯއަކީ އެޑިޓް ކުރެވިި ބުނި ބަހުގެ އަސްލު މާނަ އޮޅޭ ފަދަަ ގޮތަކަށް ގެނެސްފައިވާ ވީޑިއޯއެއް ކަމަށް ބުނެ ޕްރިތީ ޓުވީޓު ކުރި އެވެ. އަދި އޭނާ އެހެން ބުނުމުގެ އަސްލު މާނަ އޮޅުވާލާފައިވާތީ ސުވާލުކުރި ނޫސްވެރިޔާ ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. .

މިކަމާ ގުޅިގެން ޕްރިތީ މިއަދު ވަނީ އިތުރު ބަޔާނެއް ވެސް ނެރެފައެވެ. އަދި އެ ބަޔާނުގައި އޭނާ ބުނި ބަހުގެ މާނަ އޮޅުވާލާފައިވާ ކަމަށާއި، އިންޓަވިއުގައި ހިނި އައިސްފައި އިނީ އެއީ ޓީވީ ޕްރޮމޯޝަނެއް ވީމަ ކަމަށެވެ. އަދި އަންހެނުނާ ދެކޮޅަށް ކުރެވޭ ޖިންސީ ފުރައްސާރަ އާ ދެކޮޅަށް އަބަދުވެސް ހިތްވަރު ދޭނެ ކަމަށްވެސް އެ ބަޔާނުގައި ޕްރިތީ ބުންޏެވެ.

ޕްރިތީއަކީ ބޮލީވުޑްގައި 2000ގެ ކުރީ އަހަރުތަކުގައި އެންމެ އުހުގައި ފިޔަޖެހި ތަރިއަކަށްވާއިރު، އޭނާ އެފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ޕްރިތީއަށް ސަޕޯޓުކުރާ އެތައް ބަޔަކު ވެސް ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

އިންޑިއާގައި މީޓޫ މޫވްމަންޓު ފެށުނީ މި ސެޕްޓެމްބަރު މަހު އެވެ. އަދި މިފަދަަ ތުހުމަަތުތަކުގެ ސަބަބުން އިންޑިއާގެ ފުންނާބު އުސް ފަންނާނުންނާ ސުވާލުކުރެވި ތަހުގީގުތައްް ވެސް ދަނީ މިހާރު ކުރަމުންނެވެ.