ހަބަރު

ބަޖެޓް ބޮޑުކުރަން މުއައްސަސާތަކުން އާދޭސްކުރަނީ!

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވެގެން ހަތަރު މިނިވަން މުއައްސަަސާއެއްގެ ކަންބޮޑުވުންތައް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހިއްސާކޮށް އެ ތަންތަނުގެ ބަޖެޓް ބޮޑު ކޮށްދޭން އެދިވަޑައިގެންފި އެވެ.

ބަޖެޓު ހުށަހެޅުމާއެކު ކޮންމެ އަހަރަކު ވެސް މުއައްސަސަތަކުން ބަޖެޓު ކުޑަވެގެން ޝަކުވާ ހުށަހަޅަ އެވެ. މިއަހަރު އެގޮތަށް ހުރި ބައެއް މުއައްސަސާތަކާ ބައްދަލު ކުރުމަށް ބަޖެޓު ކޮމިޓީ އިން ނިންމާ ރޭ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެގޮތުން ބަޖެޓާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތައް ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަން، ސިވިލް ސާވިސް ކޮމިޝަން، ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ވެރިން ބަޖެޓު ކޮމިޓީއަށް ހާޒިރުކޮށް އެ ފަރާތްތަކާ ސުވާލު ކުރި އެވެ.

ކޮމިޓީގަައި ފުރަތަމަ ވާހަކަދެއްކެވީ އީސީގެ މެންބަރުންނެވެ. އެ ކޮމިޝަނުން ވަނީ ކޮމިޝަނުން އެދިފައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށާއެކުގައި 123 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީ އިން އީސީއަށް ކަނޑައަޅާފައި ވަނީ 80 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެކަމާ ގުޅޭ ގޮތުން އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ކުރީ އަހަރުތަކަށް ވުރެ ބަޖެޓު އިތުރު ކުރަން ޖެހޭ ހަތަރު ސަބަބެއްވާ ކަމަށެވެ. ފުރަތަމަ ސަބަބަކީ އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާލެއަށް ދެ ދާއިރާއެއް އިތުރުވާތީ އެކަމަށް އިތުރަށް ހަރުދު ހިނގުމެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ދިމާވި، ކިއޫ ދިގުވުމުގެ މައްސަލަ ހައްލު ކުރުމަށް 700 އަށް ވުރެ ގިނަ މީހުން ވޯޓްލާ ފޮށިތައް ދެ ފޮށްޓައް ބަހާލުމަށް ވެސް ފައިސާ ހަރަދުވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

އޭގެ އިތުރުން އީސީގައި މިވަގުތު މުހިންމު މަގާމްތަކެއްގައި ވަގުތީ މުވައްޒަފުން ބޭނުން ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ފަރާތްތަކަށް ދާއިމީ ވަޒީފާ ދިނުމުގެ ގޮތުން ފައިސާ ކަނޑައެޅުން ހިމަނާފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ. އޭގެ ތެރޭގައި 14 ވަރަކަށް މަގާމެއް ހިމެނޭ ކަމަށާއި އެ ފަރާތްތަކުގެ މުސާރަ އަދި ރިސްކު އެލަވަންސް ހަމަޖެއްސުމަށް ވެސް ފައިސާ ހިމަނާފައިވާ ކަމަށެވެ. އީސީއަށް ބަޖެޓު އިތުރުވާ ތިން ވަނަ ސަބަބެއްގެ ގޮތުގައި އަމްޖަދު ވިދާޅުވީ އެއީ އައުޓްސޯސްކޮށްގެން ގާނޫނީ ލަފާ ހޯދަން ބޭނުންވާތީ ކަަމަށެވެ.

"މިދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެން ގާނޫނީ ލަފާ އަރުވާނެ ބަޔަކު ހޯދަން މަސައްކަތް ކުރިން، އެކަމަކު އެކަމަށް އަޅުގަނޑުމެންގެ އަތުގައި ބަޖެޓެެއް ނެތް، އެހެންވެ އަޅުގަނޑުމެންނަށް އެކަންކޮށްދިނީ ހިލޭ ސާބަހަަށް އެ މަސައްކަތް ކުރަމުންދާ ފަރާތެއް، އެ ނޫން ނަމަ އެކަން ނުވީސް،" އަމްޖަދު ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ބަޖެޓް ކޮމިޓީއަށް ހިއްސާ ކުރަމުން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އެ ކޮމިޝަނުން ހުށަހަޅާފައިވާ އަދަދަށް ވުރެ 19 ޕަސަންޓު މަދު އަދަދަކަށް ބަޖެޓު ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކޮމިޝަންގެ ގާނޫނީ ވާޖިބުތައް އަދާ ކުރުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ޝަމީމް ވިދާޅުވީ ކޮމިޝަން މުވައްޒަފުންގެ މުސާރައަށް އެކަނިވެސް 22 މިލިއަނެއްހާ ރުފިޔާ ހަރަދުވާ އިރު މަޖިލީހުން އެ ކޮމިޝަނަށް ހަމަަޖައްސާފައި ވަނީ ވެސް 21.7 މިލިއަން ރުފިޔާ ކަމަށެވެ.

"މިދިޔަ ހަތަރު އަހަރު އަޅުގަނޑުމެންނަށް ދެމުން އަންނަ ބަޖެޓު ކުޑަ ވަމުން މިދަނީ، ވަރަށް ގިނަ ކަންކަން ނުކުރެވި، މުއައްޒަފުންގެ މުސާރަ ކަންތަކުގައި ބަޖެޓުން މަދުވުން ކޮންމެ ފަހަރަކު ފިނޭންސް ކައިރިން އެދުމުން އެ ފައިސާ ހަމަޖައްސާދޭ އެކަމަށް ޝަކުރު އަދާ ކުރަން، ނަމަވެސް އަޅުގަނޑުމެންގެ ގިނަ ކަންކަން މި ހުންނަނީ ނުކުރެވިފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިދިޔަ އަހަރު ވެސް އަދި މި އަހަރު ތެރޭގައި ވެސް ސީއެސްސީ އިން އެއްވެސް ރަސްމީ ބޭރު ދަތުރެއްކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން ކޮންމެހެން ބައިވެރިވާން ޖެހޭ މަހާސިންތާތަކުގައި ވެސް ބައިވެރިވެފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތަކު ތެރެއަށް ވެސް އެ ކޮމިޝަނުން މިދިޔަ އަހަރުތަކުގައި ރަސްމީ ދަތުރެއްކޮށްފައި ނުވާނެ ކަމަށާއި އެއީ ބަޖެޓު ނެތިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އައިޔޫއެމްގެ ފަރާތުން ހިއްސާ ކުރި ކަންބޮޑުވުންމަކީ އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް ދޭ މުސާރާ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ދޭ މުސާރައާ އެއް ހަމަ ނޫންކޮށް އޮތުމެވެ. އަދި އެ ޔުނިވާސިޓީގައި މިހާރު މަދު މުވައްޒަފުންތަކަކާއެކު މަސައްކަތް ކުރާއިރު އެ މުވައްޒަފުންނަކީ ރާއްޖޭގައި އެންމެ ކުޑަ މުސާރައެއް ލިބޭ ފަރާތްތައް ކަމަށް އައިޔޫއެމް އިން ފާހަގަ ކުރި އެވެ. އޭގެ އިތުރުން އެ ޔުނިވާސިޓީއިން އާމްދަނީ ހޯދުމަށް ހުޅުމާލޭގައި އިމާރާތެއް އެޅުމުގެ ހަރަދާއި މިހާރު ހުރި އިމާރާތުގައި ލިފްޓު ހަލާކުވެފައި ހުރި މައްސަލަ ވެސް އައިޔޫއެމް އިން ފާހަގަ ކުރި އެވެ.