ބޮލީވުޑް

ދަނޑުވެރިންގެ ބޮޑު ލޯނެއް އަމީތާބް ދައްކައިދީފި

އިންޑިއާ ދަނޑުވެރިންތަކެއްގެ 40 މިލިއަނަށްވުރެ ގިނަ ރުޕީސްއަށް އަރާ ލޯނު، ބޮލީވުޑްގެ ތަރި، އަމީތާބް ބަޗަން ދައްކައިދީފި ކަމަށް އޭނާ ބުނެފި އެވެ.

އަމީތާބުގެ ބްލޮގުގައި މި އަންގާރަ ދުވަހު ލިޔެފައިވަނީ 1398 ދަނޑުވެރިންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނި އަދާ ކޮށްދެވުމުން ކާމިޔާބީއެއްގެ އިހުސާސް ކުރެވުނު ކަމަށެވެ. މި ހުރިހާ ދަނޑުވެރިންނަކީ އަމީތާބުގެ އުފަން ރަށް އުއްތަރު ޕްރަދޭޝްގެ ދަނޑުވެރިންނެވެ.

އިންޑިއާގެ 10،000 އަށް ވުރެ ގިނަ ދަނޑުވެރިން ދަނީ އެމީހުންގެ ދަނޑުތައް ހެއްދުމަށް އެކި ފަރާތްތަކުން ބޮޑެތި ލޯނުތައް ދަރަނީގެ ގޮތުގައި ނަގަމުންނެވެ. އަދި ހަނަފަސްވެ ފެން ނުލިބުމާއި، ޒަމާނީ ވަސީލަތްތަކުގެ އެހީ ނުލިބުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާ އިން ނެރެވޭ ތަކެތި ދަނީ މަދުވަމުންނެވެ. އިންޑިއާ ދަނޑުވެރިންގެ މާލީ ތަނަވަސްކަން ދަށް ވުމުގެ ސަބަބުން 1995 ފެށިގެން ތިން ލައްކަ އަށްވުރެ ގިނަ އިންޑިއާގެ ރައްޔިތުން ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.

މި ދަރަނި ދެއްކުމުގެ ގޮތުން އިންޑިއާގެ ސަރުކާރު ސެންޓްރަލް ބޭންކް އިން ވަގުތުން ފައިސާ ދެއްކުމުން ލިޔުން ހަވާލު ކުރެވޭ ގޮތަށް އަމީތާބް ވަނީ ދަރަނި ދައްކައިދީފަ އެވެ. އަދި އަމީތާބްގެ ބްލޮގްގައި ލިޔެފައިވާ ގޮތުން ހުރިހާ ދަނޑުވެރިންނަށް ވެސް ވަގުތުން ލިޔުން ދޭން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ހުރިހާ ދަނޑުވެރިންނަށް އެއްފަހަރާ ލިޔުން ދިނުމަކީ ފަސޭހަ ކަމަކަށް ނުވުމުން އެހެން މީހަކު މެދުވެރިކޮށް ފައިސާ ދެއްކި ކަމުގެ ލިޔުން މި މަހު 26ގައި ހަވާލު ކުރެވޭނެ ކަމަށްވެސް ބްލޮގުގައި ލިޔެފައިވެ އެވެ.

މި އަހަރުގެ ކުރީކޮޅު، މަހާރަސްތްރާގެ 350 ދަނޑުވެރިންގެ ލޯނު ވެސް އަމީތާބް ވަނީ ދައްކައިދީފަ އެވެ.

އަމީތާބް އަކީ އިންޑިއާގެ ފިލްމުތަކުން އަދިވެސް ފަނޑުނުވެ ފެންނަ ތަރި އެކެވެ. ބޮލީވުޑްގެ 200 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާއިރު، އަމީތާބުގެ އެންމެ ފަހުގެ ފިލްމު މި މަހު ވަނީ ރިލީޒްކޮށްފަ އެވެ. އަދި ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައިވެސް އަމީތާބުގެ ހުނަރުވެރިކަން ވަަނީ ދައްކުވައިދީފަ އެވެ.