ހަބަރު

ސައުދީއިން ރާއްޖެއަށް ހަދިޔާކުރި ކާރެއް އަމިއްލަ މީހަކަށް ރަޖިސްޓްރީ ކުރި މައްސަލައެއް

Nov 25, 2018
4

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ބޭނުން ކުރެއްވުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި އަގު ބޮޑު ކާރެއް އަމިއްލަ މީހެއްގެ ނަން މަތީގައި ރަޖިސްޓްރީ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

"އަވަސް"އަށް ލިބިފައި ހުރި ލިޔެކިޔުންތަކުގައިވާ ގޮތުގައި، މިއަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި "މާސިޑީޒް ބެންޒް، އެސް 600" މޮޑެލްގެ އާމާޑް ކާރު ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރީ ލ އަތޮޅުގައި ދުއްވާ ގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ ޗީފް އޮފް ސްޓާފްއަކަށް ހުންނެވި، އަހުމަދު މުސްތަފާގެ އަމިއްލަ ނަމުގަ އެވެ. އެ ކާރާ ގުޅޭ ގޮތުން ރައީސް އޮފީހުން ކުރި މުއާމަލާތްތަކުން އެނގޭ ގޮތުގައި މުސްތޮފާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ކާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކުގައި އެކި ފަހަރު ބޭނުން ކުރައްވައިފަ އެވެ.

އެއީ ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު ކާރެކެވެ. އެ ކާރު ރާއްޖެ އެތެރެ ކުރި، ކަސްޓަމްސްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވީ، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ނަމުގަ އެވެ.

އެ މައްސަލަ ފާހަގަ ވެގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ އަންނަނީ ތަހުގީގު ވެސް ކުރަމުން އެވެ. އެގޮތުން ކަސްޓަމްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެ ކާރާ ގުޅޭ ލިޔެކިޔުންތައް ހޯދައިފަ އެވެ.

އެ ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، މި މަހުގެ އަށް ވަނަ ދުވަހު ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވާ ނޮވެމްބަރު އަށް ވަނަ ދުވަހު ރައީސް ޔާމީންގެ އޭރުގެ ޗީފް އޮފް ސްޓާފް މުސްތޮފާއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ސައުދީއިން ހަދިޔާކުރި އާމާޑް ކާރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ނަމުގައި ރަޖިސްޓްރީކޮށް ދައުލަތުގެ ބޭނުންތަކަށް ބޭނުން ކުރުމަށް ދަންނަވާ ކަމަށެވެ.

އެ އެންގުމާ ގުޅިގެން ނޮވެމްބަރު 14 ވަނަ ދުވަހު ޗީފް އޮފް ސްޓާފް މުސްތޮފާ ސޮއިކުރައްވައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ސައުދީއިން ހަދިޔާ ކުރި އާމާޑް ކާރު ރައީސުލްޖުމްހޫރިއްޔާގެ ގޭގެ ނަމުގައި ރަޖިސްޓްރީ ކުރަން އަންގާފައި ވާތީ މީގެ ކުރިން އެ ކާރާ ގުޅޭ ގޮތުން ކޮށްފައިވާ މުއާމަލާތްތައް ބާތިލް ކުރަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.