އާ ސަރުކާރުން ބޭރުގައި ހުންނަ އެމްބަސީތަކަށް ސަފީރުން އައްޔަނު ކުރައްވާއިރު، ހާރިޖީ ދާއިރާގެ ބޭފުޅުންނަށް އިސްކަން ދެއްވާނެކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރު ގައުމުތަކުގައި ހުންނަ އެމްބަސީތަކަށް ސިޔާސީ ބޭފުޅުން އައްޔަނުކުރުން އިތުރުވެ، އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާތަކާއި ގުޅިގެން، "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޝާހިދު ވިދާޅުވީ ޖުމްހޫރީ ނިޒާމެއް ހިނގާ މިފަދަ ގައުމެއްގައި ބައެއް އެމްބަސީތަކުގެ ސަފީރުންގެ ގޮތުގައި ސިޔާސީ ބޭފުޅުން ތިއްބެވުމަކީ އާންމު އުސޫލުކަމަށެވެ. އެހެން ނަމަވެސް، އެ އުސޫލުގެ ތެރެއިން ވެސް ކަމަށް ގާބިލް ބޭފުޅުން މިޝަންތަކަށް އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް، އަޅުގަނޑު މި މަސައްކަތް މި ކުރަނީ އާންމު އުސޫލުގެ ތެރެއިން، ވީހާވެސް ގިނަ ސަފީރުންގެ ގޮތުގަ، ފޮރިން ސާވިސް އޮފިސަރުން ހަމަޖެއްސޭތޯ، ހާރިޖީ ދާއިރާގެ ތަޖުރިބާހުރި، މި ދާއިރާގަ މަސައްކަތް ކުރައްވާފަ ތިބި އަދި ތައުލީމީ ބޭފުޅުން މިޝަންތަކުގަ ސަފީރުންގެ ގޮތުގަ ބޭތިއްބުމަށް،" ޝާހިދު ހާމަކުރެއްވި އެވެ. "މިޝަންތަކުގެ ސިޔާސީ ބޭފުޅުން ތިއްބަވާ ތަންތަން ވަރަށް މަދުވާނެ މިފަހަރު."
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަފީރުކަމަށް ސިޔާސީ ބޭފުޅުން ހުށަހެޅުއްވި ނަމަވެސް، ހާރިޖީ ދާއިރާއިން ކުރަންޖެހޭ
މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވޭ އެކަމަށް އެއްބާރުލުން ދެއްވޭނެ ބޭފުޅުން އައްޔަނުކުރުމަށް ބާރު އަޅުއްވާނެ ކަމަށެވެ.
"ސަބަބަކީ ފޮރިން ސާވިސްއަކީ ވަކި މަސައްކަތެއް ކުރުމަށް މުޅި ރާއްޖޭގެ ތަސައްވަރު ބެލެހެއްޓުމަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ބޭރުގެ ދުނިޔޭގައި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައެއް، އަޅުގަނޑުމެންގެ ތެރޭގައި،
އަޅުގަނޑުމެންގެ ރޫހަކަށް ވާންޖެހޭނީ އެ ނަތީޖާ ނެރުން، ހަމައެކަނި ލަނޑުކަނޑާލުމަށްޓަކައި ރާއްޖޭން ބޭރުގަ ހުންނާކަށް
ނޫން."