ހަބަރު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ: ފޮރިން މިނިސްޓްރީ

Nov 27, 2018
21

އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އުތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ.

އަދި އދ. ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއީދު ކުރާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ނިންމި ނަމަވެސް، ދައުރު ނިމިގެންދިޔަ އިރުވެސް އެކަން ވަނީ ނުކުރެވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް އޭރު ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް އޭރުގެ ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް
އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.