ބޭރު ކުޅިވަރު

އަގުއޭރޯގެ ލަނޑާއެކު އާޖެންޓީނާ މޮޅުވެއްޖެ

މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ޖެހި ލަނޑާއެކު ކޮޕާ އެމެރިކާގައި މިއަދު އުރުގުއޭ އަތުން 1-0 އިން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

ސިޓީގެ ޕަބްލޯ ޒަބަލެޓާ ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް އަމާޒުކޮށްލައި، އަގުއޭރޯ އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ މެޗުގެ 56 ވަނަ މިނިޓުގަ އެވެ.

އުރުގުއޭ އަށް މެޗުގެ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ޑިއޭގޯ ރޯލާން އަށް ލިބުނު ފުރުސަތު ބޭކާރުކޮށްލިއިރު، އަބެލް ހެނާންޑޭޒް އާއި ޑިއޭގޯ ގޮޑިންގެ ހަމަލާތައް އާޖެންޓީނާ އިން ވަނީ ދިފާއުކޮށްފަ އެވެ.

މި މޮޅާއެކު އާޖެންޓީނާ ގުރޫޕް ބީގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ޕެރަގުއޭ ވެސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ޕެރަގުއޭ ވަނީ ރޭ ކުޅުުނު މެޗުގައި ޖެމެއިކާ އަތުން 1-0 އިން މޮޅުވެފަ އެވެ. އުރުގުއޭ އޮތީ ތިން ޕޮއިންޓާއެކު އެވެ.

އާޖެންޓީނާގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނީ މި މެޗުން މޮޅުވިޔަސް، އާޖެންޓީނާގެ ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެމެން ބޯޅަ ހިފަހައްޓައި، އުރުގުއޭގެ ޑިފެންސް ފޫއަޅުވާލަން މަސައްކަތްކުރިން. އެކަމަކު ވަކި ހިސާބަކުން އަހަރެމެންނަށް ކޮންޓުރޯލް ގެއްލުނީ،" މާޓީނޯ ބުންޏެވެ. "މެޗުގެ ކޮންޓުރޯލް ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް. އަހަރެމެންގެ ރިދިމް 90 މިނިޓަށް ނުހިފެއްޓޭ." -- ބީބީސީ