ރާއްޖެ ކުޅިވަރު

އިމްރާން މަދުވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ހޮންކޮންގް އަތުން 2-0 އިން ރާއްޖެ ބަލިވި މެޗުގައި އަނިޔާވި ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް މަދުވެގެެން އެއް މަސް ދުވަހު ކުޅުމާ ދުުރުގައި ހުންނަން ޖެހިއްޖެ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ހޮންކޮންގެ ކުޅުންތެރިއަކާއެކު ބޯޅަ ހޯދަން މަސައްކަތްކުރަނިކޮށް، އިމްރާންގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބާލައިފަ އެވެ.

ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް ބުނީ މާޒިޔާގެ ކީޕަރު އިމްރާންގެ ކަނާތު ކަކުޅު ހުޅުގެ ލަޓެރަލް މެނިކްސަސް އަށް އަނިޔާވެފައިވާ ކަމަށާއި އެ އަނިޔާ އިން ރަނގަޅުވެ، އަލުން ކުޅެން ނުކުންނަން ހަތަރު ހަފުތާ އާޢި ހަ ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށެވެ.

އަދި އިތުރު ތަފްސީލު ލިބޭނީ އެމްއާރްއައި ސްކޭނެއް ހެދުމުން ކަމާށައި އެންޓީރިއާ ކްރޫޝޭޓް ލިގަމެންޓް (އޭސީއެލް) އަށް ގެއްލުމެއް ލިބިފައިވާނަމަ، އިމްރާނަށް ހަ މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.

ހަަ މަސް ދުވަހަށް އިމްރާން ކުުޅުމާ ދުރަށްދާން ޖެހިއްޖެ ނަމަ، މި އަަހަރު މާޒިޔާ އާއި ގައުމީ ޓީމަށް ވެސް އިމްރާނަށް ދެނެއް ނުކުޅެވޭނެ އެވެ. 

އިމްރާންގެ އިތުރުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވެސް ވަނީ މި މެޗުގައި އަނިޔާވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އަސަދުﷲ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބާލައިފަ އެވެ.

ޝަކީބް ބުނީ އަސަދުﷲ އަށް ލިބުނު ހެމްސްޓްރިންގް އަނިޔާއަކާ ގުޅިގެން ދެ ތިން ހަފުތާގެ މުއްދަތަކަށް އޭނާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭ ކަމަށެވެ.

އޫރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަންނަ ހަފުތާގައި އަލުން ފަށާއިރު، މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިމްރާނާޢި އަސަދުﷲ އަށް އަނިޔާވުމަކީ މާޒިޔާ އަށް ކުރިމަތިވި ބޮޑު މައްސަަަަލައެކެވެ.