ފޮރިން މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެމިނިސްޓްރީގެ ކޮމިޓީން ބަލަމުންދާ މައްސަލަ މިއަދު ނިމި، އެކަމުގެ ފުރިހަމަ ރިޕޯޓްވެސް މިއަދު ލިބޭނެ ކަމަށް އާ ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު
ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމިޓީއަކުން އެމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންގެންދާ ކަމަށެވެ. އަދި އެމައްސަލަ ޖިނާއީ ގޮތުން ތަހްގީގް ކުރުމުގެެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓްރީ ތެރޭގައި ގާނޫނުގެ ދަށުން އުފައްދަން އޮތް ތިން މެންބަރުންގެ ކޮމިޓީން އެމައްސަލަ ދިރާސާ ކުރައްވައި މިއަދު އަޅުގަނޑަށް އެކަމުގެ ރިޕޯޓް ފޮނުއްވާނެ ކަމަށް ކޮމިޓީން ވިދާޅުވެފަ އެބައޮތް، އެރިޕޯޓް ލިބުމަށްފަހު އެރިޕޯޓްގެ މައްޗަށް އެ ރިޕޯޓްގައި ވިދާޅުވެފައިވާ ހުރިހާ ފިޔަވަޅުތަކެއް އަޅުގަނޑު އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެމައްސަލާގައި މިއަދު ކޮމިޓީން ރިޕޯޓް ހަވާލުކުރެއްވުމުން އެރިޕޯޓާއި ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
މި އަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން މިނިސްޓަރު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. ހާރިޖީ ދާއިރާގެ ބައެއް ފަރާތްތަކާއި ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ބާރު އަޅައިފަ އެވެ.
އެގޮތުން އެއް އަންހެން ކުއްޖެއްގެ ޖިންސީ ގުނަންތަކުގައި ހިފާ އަދި އަނެއް ދެ މުވައްޒަފުންގެ އަތުގައި ހިފައި، ފިތައި ހެދި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލަ ކުރީގެ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީގެ މުވައްޒަފުންތަކެއް މަސައްކަތް ކުރެއްވިކަމަށް ވެސް ވަނީ ހާމަވެފަ އެވެ. މިމައްސަލަ ޖެންޑާ މިނިސްޓްރީންވެސް އަންނަނީ ތަހުގީގް ކުރަމުންނެވެ.