އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ފިނޭންސަށް ފޮނުވާއިރު، އިންކަމް ޓެކްސް ނެގުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ހިމެނޭ ގޮތަށް 10 ކަމެއް ބަޖެޓް ރެކޮމަންޑޭޝަންގެ ގޮތުގައި ފޮނުވުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ފާސް ކުރި ފުރަތަމަ ރިކަމެންޑޭޝަނަކީ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަަވާލި ބަޖެޓަކަށް ވުމުން އާ ސަރުކާރުގެ އޮފީސްތަކަށް އައި ބަދަލުތަކާއި އެ އޮފީސްތަކަށް ބަޖެޓު ކަނޑައެޅި ގޮތް ބަޖެޓު ފާސް ކުރާތާ 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށެވެ. ދެވަނަ ކަމަކަށް އިންކަމް ޓެކްސް ތާރަފް ކުރުމެވެ. އަދި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންޑޭޓު ފުރިހަމައަށް އަދާ ކުރުމަަށާއި އެ އޮތޯރިޓީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާާ މުވައްޒަފުންނާއި ވަސީލަތްތައް ގާއިމް ކުރުމަށް ދައުލަތުގެ އާމްދަނީ އިން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު އަދަދެއް 2019 ވަނަ އަހަރުގެ ބަޖެޓުން އެ އޮތޯރިޓީއަށް ހަމަޖައްސާ ދެއްވުމަށް ވެސް ރެކޮމެންޑް ކުރި އެވެ.
ރެކަމެންޑޭޝަނެއްގެ ގޮތުގައި ދެން ފާސް ކުރީ ޑީޖޭއޭގެ ބަޖެޓު އިތުރުކޮށްދީފައިވާ އިރު މިހާރަށް ވުރެ ބާރު ސްޕީޑަށް މައްސަލަތައް ނިންމާ، ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު މާލިއްޔަތު ކޮމިޓީއަށާއި މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުވައިދެއްވުމަށެވެ. އަދި މިހާރު ހަދަން ފަށާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ނުހުއްޓި ކުރިޔަށް ގެންދިޔުމަށާއި ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރަން ޖެހޭ އިރު ކައުންސިލްތައް ހިންގުމުގެ ބަޖެޓު ފިނޭންސް އިން ހަމަޖައްސައިދިނުމަށް
ރެކަމެންޑޭޝަނެއް ފާސް ކުރި އެވެ.
އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެ ތަންތަނުގެ ޕާފޯމަންސް އޮޑިޓެއް ހެއްދެވުމަށާއި ސަރުކަރު ހިންގާ ބޮޑެތި ޕްރޮޖެކްޓު ހައުސިންއާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބްރިޖާއި އައިޖީއެމްއެޗް އިމާރާތް ހިންގާފައި ހުރީ ގާނޫނުތަކާ އެއްގޮތަށްތޯ ބަލައި އޮޑިޓެއް މާލިއްޔަތަށް ހުށަހެޅުމަށް ވެސް ފާސް ކުރި އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި ކަހާ ސާފު ކުރަން މިހާރު ދެނީ ވަރަށް ކުޑަ އަގަކަށް ވާތީ އެ އަގުތައް އަލުން ރިވިއު ކުރުމަށް ވުރެ ބޮޑު ކޮށްދިނުމަށާއި ކޮންޓެންޖަންސީ ބަޖެޓުގެ ތެރެއިން މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް އެކަށީގެންވާ އަދަދެއް ހަމަޖެއްސުމަށް ވެސް ފާސް ކުރި އެވެ.
ރިކަމެންޑޭޝަންތައް ފާސް ކުރުމަށް ފަހު ބަޖެޓު ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަޖެޓު ދިރާސާ ކުރުމުގެ ކަންކަން ނިންމަން މާދަމާ 4:00 ޖަހާއިރު އިތުރު ޖަލްސާއެއް އޮންނާނެ ކަމަށެވެ. މިހާތަނަށް އައި އިރު އެ ކޮމިޓީ އިން ވަނީ ސަރުކާރު އޮފީސްތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅާފައިވާ ބަޖެޓު ދިރާސާކޮށް ގޮތްތަކެއް ނިންމަވައިފަ އެވެ.