ރާއްޖެ ކުޅިވަރު

ރާއްޖެ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ: ޕޮޕޯފް

ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސީގައި އިއްޔެ ހޮންކޮންގް އަތުން 2-0 އިން ދިވެހިރާއްޖެ ރަށުން ބޭރުގައި ބަލިވިއިރު، ރާއްޖެ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމަށާއި ބަލިވީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.

ގުރޫޕް ސީގައި ކުޅުނު ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވީ މެޗުގެ ދެވަނަ ހާފުގައި ހޮންކޮންގް އިން ޖެހި ލަނޑުތަކުންނެވެ.

"އަހަރެމެންނަށް ލިބުނު ހަތަރު ވަރަކަށް ފުރުސަތު. ރަށުން ބޭރުގައި ކުޅޭ މެޗެއްގައި އެވަރަށް ފުރުސަތު ލިބި، ބޭނުން ނުހިފުމަކީ މައްސަލައެއް،" ޕޮޕޯފް ބުންޏެވެ. "ފުރަތަމަ ހާފު ރާއްޖޭން ކޮންޓުރޯލްކުރީ. އެކަމަކު ދެވަނަ ހާފުގައި ގެންނަން ޖެހުނު ބަދަލުތަކަށް ފަހު، ހޮންކޮންގްގެ ޓީމު ފިޓްނަސް އަހަރެމެންނަށް ވުރެ ރަނގަޅުކަން ފެނުނު. އަހަރެމެންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ހޮންކޮންގް އަށް ދެ ލަނޑު ޖެހުނީ."

މި މެޗުގެ ފުރަތަމަ ހާފުގައި އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖޭން ގޯލްކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާއާ ގުޅިގެން ޕޮޕޯފް އަށް ވަނީ އިމްރާން ވެސް ބަދަލުކުރަން މަޖުބޫރުވެފަ އެވެ.

ޕޮޕޯފް ބުނީ އިމްރާން ބަދަލުކުރަން ޖެހުމަކީ ރާއްޖެ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

"އިމްރާން އަކީ މޮޅު ގޯލްކީޕަރެއްގެ އިތުރުން ލީޑަރެއް، ޑިފެންސް ލައިން ކޮންޓުރޯލްކުރާ ކުޅުންތެރިއެއް. އިމްރާން ކަހަލަ މުހިންމު ކުޅުންތެރިއެއް ބަދަލުކުރަން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް. އަދި ތިން ވަނަ ބަދަލު ގެންނަން މަޖުބޫރުވުމާއެކު، ކްރިއޭޓިވް ކުޅުންތެރިއެއް އެރުވުމުގެ ފުރުސަތު ވެސް ގެއްލުނީ،" ޕޮޕޯފް ބުންޏެެ.