އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓް 30 ބިލިއަން ރުފިޔާއަށް ބޮޑުވެގެން ހިނގައިދާނެ ކަަމަށް ލަފާކުރެވިއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުގެ ލަފާގެ މަތުން މިދިޔަ ސަރުކާރުން މަޖިލީހަށް ފޮނުވީ، އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭ އިރު ހަރަދުގެ ގޮތުގައިި 29.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ބަލައި 3.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
އެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިދިޔަ ދެ ހަފްތާ ވެސް ބާރު ސްޕީޑްގައި ބަޖެޓް ކޮމިޓީއިން ކުރިއަށް ގެންދާއިރު އިއްޔެ ވަނީ ކޮމިޓީއިން ވަނީ ބަޖެޓްގެ ތެރެއަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން، ސަރުކާރުގެ ބައެއް އޮފީސްތަކުގެ އެދުމުގެ މަތިން ބަޖެޓް އިތުރުކޮށްދީ އަދި އުމްރާނީ މަސައްކަތްތައް ހިމެނޭ ޕީއެސްއައިޕީގެ ބަޖެޓަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން އިއްޔެ ބަޖެޓް ކޮމިޓީއިން ފައިސާ އިތުރުކުރަން ނިންމީ، ފޮރިން މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން، ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބަޖެޓެވެ. އެ އޮފީސްތަކަށް ބަޖެޓް އިތުރުކުމާ އެކު ޕީއެސްއައިޕީގެ މުޅިން އާ ދެ މަޝްރޫއެއް އިއްޔެ އިތުރުކުރަން ފާސްކުރި އެވެ.
އެ ބަދަލުތަކާ އެކު ބަޖެޓަށް އިތުރު 180 މިލިއަން ރުފިޔާ އިތުރުވެ އެވެ.
ބަޖެޓް އިތުރުކުރި ދާއިރާތައް
- ފޮރިން މިނިސްޓްރީއަށް 30 މިލިއަން ރުފިޔާ
- ފުރަތަމަ ޑިގްރީ ޕްރޮގްރާމަށް 100 މިލިއަން ރުފިޔާ
- ކުރީގެ ރައީސުންގެ އިނާޔަތަށް 120،000 ރުފިޔާ
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެ މިލިއަން ރުފިޔާ
- ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 35 މިލިއަން ރުފިޔާ
- ހިމަންދޫ ބަނދަރު މަރާމާތަށް އަށް މިލިއަން ރުފިޔާ
- ދޫނިދޫ ބަނދަރު މަރާމާތަށް 10 މިލިއަން ރުފިޔާ
މީގެ އިތުރުން އިއްޔެ ފާސްކުރި ބަޖެޓް ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ކުނި ކަހާ މީހުންގެ އުޖޫރަ އިތުރު ކުރުމާއި ކައުންސިލްތައް ހިންގޭނެ ވަރުގެ ބަޖެޓެއް ކަނޑައެޅުން އަދި މަދަނީ ޖަމްއިއްޔާތައް ހަރުދަނާކުރަން ބަޖެޓް ކަނޑައެޅުން
ވަނީ ފިނޭންސްއަށް ދޫކޮށްފަ އެވެ. އެ ރެކޮމެންޑޭޝަންތަކަށް އަމަލު ކުރަން ހިނގާ ހަރަދުތަކާ އެކު ބަޖެޓްގެ ޖުމްލަ 30 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޓީގެ މެންބަރުން ލަފާކުރައްވަ އެވެ.
ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަޖެޓަށް ބަދަލުތައް ގެނައީ ޑެފިސިޓް އިތުރު ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ. މުޅި ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު އައި ނަމަވެސް، އާމްދަނީގެ ގޮތުގައި އިތުރު 300 މިލިއަން ލިބޭނެ ކަމަށް ލަފާކުރަން ބަޖެޓްގައި ހިމެނުމަށް ފާސްކޮށްފައި ވާތީ ސަރުކާރުން ހުށަހަޅާފައި އޮތް ވަރަށް ވުރެ ބަޖެޓް ޑެފިސިޓް ބޮޑެއް ނުވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
"ސަރުކާރުން މި ހުށަހަޅުއްވާފައި އޮތް ވަރަށް ޑެފިސިޓް އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ މި ބަދަލުތަކާ އެކުވެސް. ސަރުކާރުން އެދިވަޑައިގަންނަވަނީ ޑެފިސިޓް ބޮޑުނުވާނެ ގޮތަށް ބަދަލުތައް ގެންނަން،" ޝަރީފް ވިދާޅުވި އެވެ.
އާމްދަނީއަށް އިތުރު 300 މިލިއަން ރުފިޔާ އިތުރު ކުރަން ހިމެނީ، ބޭރު އެހީއިން އަންނަ އަހަރު ބޮޑު އެއްޗެއް ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ. އެހެން ނަމަވެސް، ކޮންމެ އަހަރަކު ބަޖެޓްގައި ޖަހާ އަދަދަށް ބޭރުގެ އެހީ ނުލިބުމަކީ ދިމާވާ މައްސަަލައެއްކަން އިއްޔެ ވެސް ބަޖެޓް ކޮމިޓީގައި ބައެއް މެންބަރުން ފާހަގަ ކުރެއްވި އެވެ. އާމްދަނީއަށް އިތުރު 300 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓްގެ ލަފާ ކުރާ އާމްދަނީ 23.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މީގެ އިތުރަށް
އިންކަމް ޓެކްސް ނެގުމުގެ މަސައްކަތްތައް ކުރުމަށް ބަޖެޓްގައި ވަނީ ލަފާދީފަ އެވެ.
ބަޖެޓް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި 30 ބިލިއަން ރުފިޔާއަށް ބަޖެޓްގެ ޖުމްލަ އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެކަމުން މައްސަލަތަކެއް ނުނިކުންނާނެ އެވެ. އެއީ ސަބަބަކަށް ވަނީ ބަޖެޓް ޑެފިސިޓް ބޮޑުވެގެން ނުދިޔުމެވެ. ބަޖެޓް ޑެފިސިޓް ވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވަނީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން 4.1 ޕަސެންޓްގަ އެވެ.
"ވަރަށް ބޮޑަށް ލަފާމި ކުރެވެނީ 30 ބިލިއަން ރުފިޔާއަށް ބަޖެޓް ދާނެ ކަމަށް. އެއީ އާންމު އޮފީސްތަކުގެ ބަޖެޓަށް ވެސް އަޅުގަނޑުމެން ބައެއް ފައިސާ އިތުރު ކުރަން މިޖެހުނީ. އަދި ޕީއެސްއައިޕީއަށް ވެސް ބަދަލުތައް މި އައީ. އެހެން ވީމާ ބަޖެޓްގެ ޖުމްލަ އިތުރުވަނީ. އެކަމަކު އާމްދަނީ ވެސް އެއާ އެކު އެބަ އިތުރު ކުރެވޭ އެހެން ވީމާ ޑެފިސިޓް ބޮޑު ނުވާކަމަށް ވާނަމަ އެއީ މައްސަލައެއް ނޫން،" މެންބަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު އިއްްޔެ ބަޖެޓް ކޮމިޓީގައި ވިދާޅުވީ، މިއަހަރު ބަޖެޓްގައި ހިމަނާފައިވާ ޑެފިސިޓަކީ އެބޭފުޅުންގެ ލަފަޔާ އެކު ހިމަނާފައިވާ އަދަދެއް ކަމަށެވެ. އަދި އެ އަދަދާ މެދު މުޅިން ހިތްހަމަ ނުޖެހުނަސް ބަޖެޓް ޑެފިސިޓް ގާތްގަނޑަކަށް ޖީޑީޕީގެ ނިސްބަތުން 3 ޕަސެންޓަށް ގެންދިޔުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، އަންނަ އަހަރު ރާއްޖެއަށް އިތުރު ހިލޭ އެހީ ލިބޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އާ ސަރުކާރާ އެކު ބޭރު ފަރާތްތަކުން ރާއްޖެއަށް ވަރަށް ޕޮޒިޓިވްކޮށް މި އޮތީ. ބޭރާ ވާހަކަ ދެކެވިފައި ވަނީ. އެހެން ވީމާ ބޭރުގެ އިތުރު ހިލޭ އެހީ ލިބޭނެ ކަމާ މެދު ޝައްކެތް ނެތް. އެކަމަކު އެކަމަށް އަޅުގަނޑުމެން އިތުރު މަސައްކަތްތައް ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ މަސައްކަތްތައް ރާވާފައިވާ ގޮތުން، މިރޭވެސް ބަޖެޓް ކޮމިޓީއިން މަސައްކަތް ކުރާނެ އެވެ. ކޮމިޓީގެ މުގައްރިރު ޝަރީފް ވިދާޅުވާ ގޮތުން ބަޖެޓްގެ މަސައްކަތް ނިންމައި އަންނަ އާދިއްތަ ދުވަހު، ބަޖެޓް ރިޕޯޓް މަޖިލީޖުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އަދި ބަޖެޓާ މެދު ބަހުސް ކުރުމަށް ފަހު ބަޖެޓް ފާސްކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.