ފިނޭންސް މިނިސްޓްރީ

މަޝްރޫއުތައް ނުހުއްޓާނެ، އެއްބަސްވުންތަކަށް އިހުތިރާމް ކުރާނެ: ފިނޭންސް މިނިސްޓަރު

ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަށް ފުރިހަމަޔަށް އިހުތިރާމް ކުރާނެ ކަމަށާއި މިހާރު ކުރިއަށްދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށް އާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލުމަށް އިންތިގާލީ މަރުހަލާގެ ތެރޭގައިވެސް ފިނޭންސް މިނިސްޓްރީގައި ދަންނަވާފައި ވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުން ކަމަށާއި މިހާރު ހުރި މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެތީ އެއްވެސް ފަރާތަކުން ހާސްނުވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްބަސްވުމެއް އޮތް ނަމަވެސް، އެއަށް ދިވެހި ސަރުކާރުން އަމަލުކުރާނެ އެވެ.

"ކޮންޓްރެކްޓެއް އޮތިއްޔާ، ކޮންޓްރެކްޓް ކުރެވިގެން މަސައްކަތެއް ހިނގަމުން ދަންޔާ އަޅުގަނޑުމެން އެއަށް އޮނާ ކުރާނަން. ކޮންޓްރެކްޓެއް އެއްވަސް ބަޔަކާ އެކު ހެދިފައި އޮވެއްޖިއްޔާ އޮނާކުރާނެ. ކުރިން ވެސް އަޅުގަނޑުގެ އިންސްޓްރަކްޝަނަކަށް ވީ މިހާރުވެސް ހިނގަމުން ދާ މަޝްރޫއެއް ވިއްޔާ 2019ގެ ބަޖެޓްގައި ވެސް ހިމެނުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންފްރާސްޓްރަކްޗާ ޕްރިއޮރިޓީ ލިސްޓެއް ފިނޭންސުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެކުލަވާލާނެ ކަމަށެވެ. އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް ހައްދަވާނެ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިއަށްދާ ޕްރޮގްރެސް ފަސޭހައިން އެނގޭނެ ގޮތަށް ހައުސިން މިނިސްޓްރީގައި މައުލޫމާތު ނެތް ކަމަށާއި މަޝްރޫއުތައް ނިމޭ ވަރު އެނގިފައި ހުންނަން ޖެހޭ ކަމަށެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު ހުރި ސީދާ އަދަދު ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެކި މުއައްސަސާތަކުގައި ހުރީ އެކި އަދަދުތައް ކަމަށާއި އެހެން ކަމުން ހުރިހާ މައުލޫމާތުތައް ބަލައި ސައްހަ އަދަދު ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. މީގެ އިތުރުން ސޮވަރިން ގެރެންޓީތައް ދޫކޮށްފައި ހުރި މިންވަރާއި އޭގެ ތަފްސީލްތައް ވެސް ހޯދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދަރަންޏާއި ސޮވަރިން ގެރަންޓީތަކުގެ މައުލޫމާތު ފުރިހަމަޔަށް ހޯދުމާ އެކު އަޅުގަނޑު ޕްރެސްކޮންފަރެންސެއްގައި އެ މައުލޫމާތު ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުން ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓް ޑެފިސިޓް އުފެންދުންތެރިކަމުގެ ނިސްބަތުން ތިން ޕަސެންޓް ހާތަނުގައި ބެހެއްޓުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.