ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީ އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގަ އެވެ.
މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ބިޝާމްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދެވެ. މައްސަލަ އޭނާ އަނބުރާ ގެންދިޔަ ސަބަބެއް ސާފެއް ނުވެ އެވެ. މެންބަރު އަބްދުﷲއަށް ގުޅޭ ގޮތެއް ވެސް ނުވެ އެވެ.
ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މައުލޫމާތު ލިބޭ ގޮތުގައި އިދިކޮޅު ޕީޖީ ގުރޫޕްގައި މަޝްވަރާ ކުރުމެއް ނެތި އެވެ.
ޕީޖީގެ އިތުބާރު ނެތް ކަމަށް އަބްދުﷲ އަހުމަދު މަޖިލީހަށް ހުށަޙެޅުއްވި މައްސަލައިގައި ފަސް ސަބަބެއް ބަޔާންކުރި އެވެ. މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮތީ، ނިމިދިޔަ ސަރުކާރުގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި އެކަށީގެންވާ
ވަރަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމެވެ.
އަބްދުﷲ ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް، ބިޝާމްގެ އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން އެކި މައްސަލަތަކުގައި ދައުވާކޮށް، މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެއްވުމެއްނެތި، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި، އެކިފަރާތްތަކުގެ މައްޗަށް އުފުލުނު ތުހުމަތުތަކާއި ދައުވާތަކުގެ ސަބަބުން، ޖިނާއީ ކުށެއް ސާބިތުވުމެއްނެތި، ޖަލަށް ދާންނުޖެހޭ ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށެވެ.
އެ މައްސަލަ މެންބަރު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގެ ދަށުންނެވެ.