ފިނިޕޭޖް

ލަޔަން ކިންގް ފިލްމުގެ ޓްރެއިލާ: އުއްމީދުކުރި ވަރުވޭތަ؟

ދިޒްނީގެ ލަޔަން ކިންގް ފިލްމަކީ 1994 ގައި ނެރުނު ލަޔަން ކިންގް ކާޓޫނު އަސްލަށް ބަލައިގެން އުފައްދާ ލައިވް އެކްޝަން ފިލްމެކެވެ. ފިލްމް އިއުލާންކުރި ހިސާބުން ގިނަ ބަޔަކު ދަނީ ފިލްމަށް އިންތިޒާރު ވެސް ކުރަމުންނެވެ. އެ އިންތިޒާރަށް އިއްޔެ ކުށަވަރެއްގެ ނިންމުމެއް ވަނީ އައިސްފަ އެވެ. ފިލްމްގެ ކުރު ޓީޒާ ޓްރެއިލާ ވަނީ އާންމުކޮށްފަ އެވެ. ފިލްމްގެ ވާހަކަ އާއި ކާޓޫންއާ މާބޮޑު ތަފާތެއް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ.

ލަޔަން ކިންގް ފިލްމުގެ ޓީޒާ ޓްރެއިލާ

ފިލްމުގެ ޓްރެއިލާ އާއެކު މުޅި ސޯޝަލް މީޑީއާއަށް ބަންޑުންވި ކޮމެންޓުތަކަކީ މި ފިލްމުގެ ޓްރެއިލާ އާއި ކާޓޫނުގެ ހުރި އެއްގޮތް ކަމެވެ. މިއީ ފޮޓޯރިއަލިސްޓިކް، ކޮމްޕިއުޓާ އެނިމޭޓެޑް ފިލްމަކަށް ވާއިރު ކުރީގެ ކާޓޫނުން ފެނުނު ސީންތައް ހަމަ އެގޮތަށް ޓްރެއިލާއިންވެސް ދައްކުވައިދިނެވެ. ސޯޝަލް މީޑިއާގައި ދަނީ މި ޓްރެއިލާއިން ފެނުނު ސީންތައް ކާޓޫނުގެ ސީންތަކާ އަޅާކިޔަމުންނެވެ. ހަގީގަތުގައިވެސް ތަފާތެއް ނެތެވެ. ހަމަ އެކަނި ތަފާތަކީ، ކާޓޫނަށްވުރެ ފިލްމުން ފެންނަ ޖަނަވާރުތައް އަސްލުވެފައި ބަލާލާއިރު ރީތިވުމެވެ.

ޖޮން ފެވްރޯ ޑައިރެކްޓުކުރާ ލަޔަން ކިންގު ފިލްމުގެ މެއިން ކެރެކްޓާ ކަމަށްވާ ސިމްބާގެ އަޑު އަޅާފައިވަނީ ޑޮނަލްޑް ގްލޯވާ އެވެ. ބިޔޯންސޭގެ ހިތްގައިމު އަޑު ނާލާ އަށް ދީފައިވާއިރު، މުފާސާގެ އަޑު އަޅާފައިވަނީ ޖޭމްސް އާލް ޖޯންސް އެވެ.

މި ހިޔާލީ ކާޓޫނަކީ 90ގެ ޒަމާނުގައި ކުޑަ ބޮޑު އެންމެންގެ މަގުބޫލުކަން ހޯދި ކާޓޫނެކެވެ. ކާޓޫނުގައި ޖަންގަލީގެ ރަސްގެފާނުގެ ލަގަބު އޭގެ ހައްގުވެރިޔާ ސިމްބާ އަށް ދިނުމަށް ނިންމުމުން، އެކަމާ ހަސަދަވެރިވެ ދެކޮޅުހަދާ ކުޑަ ހަނގުރާމައެއް ދައްކުވައިދެ އެވެ. އަދި ކުޑަކުޑަ ސިމްބާއަށް ހައްގު ތަހުތަށް އެރުމަށް ކުރާ ބުރަ މަސައްކަތްވެސް ކާޓޫނުން ފެނިގެން ދިޔައިރު، މި ފިލްމުންވެސް ކާޓޫނުގެ އަސްލު ހިފަހައްޓައިދޭނެ ކަމަށް ބެލެވެ އެވެ. ޓްރެއިލާއަށް ފަހު ފިލްމަށް ކުރެވޭ އުއްމީދު ވަނީ އިތުރަށް ބޮޑުވެފަ އެވެ. އެހެންނަމަވެސް، އިންތިޒާރު ދިގެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.