ހަބަރު

ގާނޫނަށް ހަރުކަށި އިސްލާހުތައް ގެނައި ފަހުން ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފި

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ދާދިފަހުން ހަރުކަށި އިސްލާހުތަކެއް ގެނައި ފަހުން އެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކުށެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގާނޫނަށް އިސްލާހު ގެނައި ފަހުން އެފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކުރީ ލ. ގަމު ތުނޑީ އަވަށުގައި އުމުރުން 74 އަހަރުގެ ފިރިހެނެއްގެ ގައިގައި ގާބުރިއަކުން ޖެހި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އޭގެ ތެރެއިން އެކަކު ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ލ. ގަމު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅަންޖެހެ އެވެ. އަދި ކޯޓަށް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ވެސް އެ އިސްލާހުގެ ސަބަބުން ލާޒިމްވެ އެވެ.

މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެ ގާނޫނުގައި ބަޔާންކުރާ އެއްވެސް ކުށެއްގައި ހައްޔަރު ކުރެވޭ މީހަކަށް ތަހުގީގު މަރުހަލާގައި ހަނު ހުރުމުގެ ހައްގެއް ނޯންނާނެ އެވެ. އަދި ވަކީލާ އެކު ވަކިން ބައްދަލު ކުރެވޭނީ ވެސް ހައްޔަރުކުރާތާ 96 ގަޑިއިރަށް ފަހު ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހު އައުމާ އެކު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ އެފަދަ މައްސަލަތަކަށް ޚާއްސަ ޓީމުތަކެއް އެކުލަވާލައި، އެއަށް ތައްޔާރުވާން ފަށައިފަ އެވެ.