ވާހަކަ

ދަހިވިގަނި

ހެނދުނު ހަޔެއް ޖަހާ އިރަށް ހަޅޭފަޅޭ ޖަހައިގަންނާނޭ ގަޑިއެއް ރުއްޖެހިގޭގައި ސޯނާކޮށްފައި ހުންނަނީކީއެއް ނޫނެވެ. އަމާ ވައްވައްޖަހަން ފެށީމަ، އިތުރަށް ކެތްނުކުރެވިގެން ހުސޭނު ފުންމައިގެން ތެދުވެ ގިފިއްޔަށް ވަދެ މޫނު ދޮވެލައިގެން ގެއިން ނުކުތީ އެވެ. ނުވަތަ މަންމަގެ ހަޔާތްނުހުންނަވަރޭ ހިތަށް އަރައި ލަދުން ފިލީ އެވެ.

އެހެންޏާ މިއީ ހަމަ ކޮންމެ ދުވަހަކު ވެސް ރުއްޖެހިގެއަށް އިރުއަރައިގެން އަންނަ ގޮތެވެ. ހުސޭނުގެ އަމާ، މަރީނާ ފަތިހު ހިއްލާލާ ގޮތަށް އިރުމެދުޖެހި ވާތާވެގެން ވެއްޓެން ދެން އުޅޭނީ ޖެހިގެން ހުންނަ ސައްކެޔޮގޭ ސަކީނާއާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވުމުގަ އެވެ.

ގެއަށް ގެނެސްފައި އޮންނަ ރާގޮނޑިން ހަންދެމިޔަސް، ކަނޑައިގެން ގެނެސްފައި ހުންނަ އޮޅުއަލަ މަށައި ކޮށިޔަސް، މަރީނާގެ ހުތުރު އަނގަ މައިތިރިއެއް ނުވާނެ އެވެ. ސަކީނާއާ ނުބެހި، އޭނާއާ ދިމާލަށް އެއްޗެއް ގޮވާނުލައި އަތުން ފައިން ހަމަ އެއްކަމެއް ވެސް ނުކުރެވެ އެވެ.

މިވަރުގެ އަންހެނަކު ކައްކާ އެއްޗެހި ކާން ހެޔޮވާނެތޯ މިއީ ވެސް ހުސޭނު ހިތާހިތުން ކުރާ ސުވާލެކެވެ. އަވަށްޓެރިންނާ ޒުވާބުކުރުމަކީ ކިހާ ހުތުރުކަމެއްހޭ ބުނެ އެކަން ހުއްޓުވައި ދިނުމަށް ބައްޕަ ގާތު އެދުމުން އެ މުސްކުޅި ބަފާ ވެސް އަމިއްލަ ދަރިއާ ދިމާލަށް ހަޔާތްގޮވައިގަތީ އެވެ.

"ބަލަ ކަލޭ މަދަރުސާއަކަށް ދާން ހޭލައްވަން ގެނެސްފައި ހުރި ރަނގަބީލެއް ނޫންތަ އެއީ؟ މިހިރަ އެއްޗެއް އެވަރުން ވެސް ކިޔަވާކަށް ދަނީކީއެއް ނޫނޭ،" އެ ބައްޕަ ހުސޭނާ ދިމާލަށް ހަޅޭފަޅޭ ޖަހައި ދެ އަތް އުކައިގަތީ ދެން މިހެން ކިޔައިފަ އެވެ.

އެއީ ވެސް ތެދެކެވެ. އެހާ ފަސޭހައިން ހެނދުނު ހޭލެވޭ އިރު ވެސް ހުސޭނު ކިޔަވަން ދަނީކީއެއް ނޫނެވެ. އެ ޝަކުވާއެއް މީހަކު ކުރާއިރަށް އޭނާ އިނގިލި ދިއްކުރަނީ އަމާ އަށެވެ. މަދަރުސާ އަށް ދިޔައީމަ ކުދިން ހުސޭނަށް މަލާމާތްކޮށް އޭނާއާ ދިމާކުރަނީއޭ ބުނެ އެވެ.

އެހެންވެ ހުސޭނު ބަލަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލެވޭއިރަށް ގެއިން ނުކުމެގެން ރަށުގެ އެންމެނަށް ފިލޭތޯ އެވެ. މަންމަގެ ޒުވާބާއި ކުދިންގެ ފުރައްސާރަ އާއި ރަށު މީހުންގެ މަލާމާތުން ވެސް ސަލާމަތްވާނެތީ އެވެ. މިގޮތަށް ނުކުމެގެން ގޮސް އިރެއް ނުއޮއްސެނީން އޭނާ ދެން ރުއްޖެހިގެއަކަށް ނުވަދެ އެވެ. 

އެހެން ކުދިންގެ މަންމައިންނާއި ބައްޕަމެން އެމީހުންގެ ދަރިން ދެކެ ލޯބިވާ ގޮތަށް ހުސޭނުގެ އަމާ އާއި ބައްޕަ އޭނާއާ ހެދި ނޫޅޭކަން އެ ސޮރުގެ އަމިއްލަ ޟަމީރު ވެސް ގަބޫލުކުރާތީ އެވެ.

** ** ** **

ތުނޑުކުނަލުގެ ކުރެހުން އެޅިފައިވާ ބުރަކަށި ކަހަމުން، އެ އަތް ގެނެސް ބޮލުގެ އިސްތަށިގަނޑު ތެރެއިން ދުއްވަމުން އާ ފުރެމުން ގޮސް ހުސޭނު ފޭބީ އަތިރިއަށެވެ. އަތިރިއަކަށެވެ. މަންމަ އާއި ސަކީނާ ޒުވާބުކުރާ ހިސާބެއްގައި މީހަކަށް މާގެފިލިކުރަން ވެސް ފަސޭހައެއް ނުވާނެތީ އެވެ.

ލައިގެން ހުރި ހަމައެކަނި އަންނައުނުގަނޑު ކަމުގައިވީ ސޯޓުބުރި ކަކުލުން ތިރިއަށް ދަމާލުމަށް ފަހު ހުސޭނު، އުޑުފައިން އިށީނދެއްޖެ އެވެ. އެއަށް ފަހު ގަޔަށް އެރުވި ވަރުގަނޑަކާ އެކު ދެ ލޯ މަރާލީ އަރާމާއި ހިމޭން ކަމުގައި އިރުކޮޅެއް ގުނާލެވޭނެ ކަމަށް ނިންމައިގެންނެވެ.

އޭނާ އިނީ ހޭޅިފަށުގައި ހެދިފައި ހުރި މަގޫ ގަސްތަކުގެ ހިޔަލާއި ނިވަލުގަ އެވެ. މަގޫ ގޮފިގަނޑެއްގެ ކުރިގަނޑެއް ބިނދެލައިގެން މާބުރު ފަހަމުން މޫނަށް ވެސް މަގޫފަތުން ފިނިކުރަމުންނެވެ.

ނަމަވެސް އެ އަރާމެއްގައި އޭނާ އަށް އިނދެވުނީ އިރުކޮޅަކަށެވެ. އަނެއްކާވެސް ޒުވާބެއްގެ އަޑުފައްގަނޑެވެ. އަނެއްކާ ޒުވާބަށް ފިލަން އުޅުނީމަ ހުސޭނާ ޒުވާބު ހިތާވީ ހެއްޔެވެ؟ އޭނާގެ ހިތަށް އެރީ މިހެންނެވެ.

އެއަށް ފަހު ނިކަން ފަރުވާތެރިކަމާ އެކު އަތުގައި އޮތް މަގޫފަތްގަނޑުން ބުރި ފޮހެލުމަށް ފަހު ތެދުވިގަންނަމުން ސޯޓު މައްޗަށް ނަގައިފި އެވެ. ދެން އޭނާ ވަދެގެން ދިޔައީ ބޯކޮށް ހެދިފައިވީ މަގޫ ގަސްތަކުގެ ތެރެއަށެވެ. މި ހިސާބުގަނޑަކީ ހުސޭނުގެ ދެ ވަނަ ގެ އެވެ.

ކިޔަވަން ނުދާންވެގެން ގެއިން ނުކުމެގެން އައިސް އަބަދުވެސް އޭނާ ފިލާފައި އޮންނަ ތަނަކީ މިއީ އެވެ. ވަގުރުކު އަޅައިގެން ބޯ މީހުންނާއި މި ހިސާބުގަނޑު ވަލަށް ވަދެ މާ ފޮޅުވާ މީހުންނަކީ ވެސް ކޮން ބައެއްކަން އެންމެ ރަނގަޅަށް އެނގޭނީ ހުސޭނަށެވެ.

ޒުވާބެއްގެ އަޑާ އެކު އޭނާގެ ޝައުގުވެރިކަން އެ ދިމާލަށް ދަމައިގަނެ، ލަވައިގަނެފައި ހުރި ސީމަތިން ހަނދާން ނެތުނީ، މާ ދުރު ނޫން ހިސާބަކުން އިވެމުން އައި އެ ޒުވާބާ އެކު އޭނާ ދަންނަ ފަރިތަ އަޑެއް ވެސް އިވުނީމަ އެވެ.

އަރައިރުންވަމުން ދިޔަ ދެ މީހުން ފެންނަ ހިސާބަކަށް ނުދެވިގެން އުޅެނިކޮށް އެ ދެ މީހުން އެކަކު އަނެކަކުގެ ގަޔަށް އަތްލާން ފަށައިފިކަން އެނގުމާ އެކު ދެނަކާދެނެއް ނެތި ހުސޭނު ގަސްތަކުގެ ތެރެއިން ގޮފިތައް ބިންދަމުން ދުއްވައިގަތެވެ.

ހަތަރެސް ފައިގެ ތަންތަނުން ލޭ އޮހޮރުވާލައިގެން އޭނާ އަށް ގޮސް ބޯ ދިއްކޮށްލެވުނުއިރު އެކަކު އޮތީ ވެލިގަނޑު މައްޗަށް ދެމިފަ އެވެ. އަނެކަކު އޮތީ ދެ ކަކޫ މައްޗަށް ވެއްޓިގަނެގެންނެވެ. ފެންނަ ފެނުމަށް، ކުރެވުނު ކަންކަތާ މެދު ދެރަވެ މޮޔަ ހީވެގެންނެވެ.

ކަކޫ މައްޗަށް ވެއްޓިގަނެގެން އެ އޮތީ ނިޔަދުރުގޭ މޫސާ ފަތުހީ އެވެ. އެއީ ހުސޭނަށް އެހާ ފަރިތަ މޫނެއް މޫނެއް ނޫނެވެ. ނަމަވެސް އެ މޫނެއް ފެނުމާ އެކު، ބިން މައްޗަށް ދެމިފައި ދެން އެ އޮތީ ކާކުކަން ހުސޭނަށް އެނގިއްޖެ އެވެ. އެއީ ކުރިން އިވުނު އޭނާ ދަންނަ ފަރިތަ އަޑަކީ މޫސާ ފަތުހީގެ އަޑުކަމުގައި ނުވާތީ އެވެ. 

ހުސޭނަށް އިވުނީ ދޮންބެއްޔާގެ އަޑެވެ. އެއީ ހުސޭނުގެ ބޮޑުބޭބެއެކެވެ. މިހާރު އެ އޮތީ މޫސާ ފަތުހީގެ އަތް ދަށުވެ ހިރިގަލަކުން ތަޅައި މޫނު ޗިސްކޮށްލައިފަ އެވެ.

މި މަންޒަރުފެނި ވެރިވި ބިރުވެރިކަމާ އެކު ދެ ފިޔަވަޅެއް ފަހަތަށް އެޅިގޮތަށް މަގޫ ގަސްތަކުގެ ތެރޭގައި ހުސޭނު ހިރިވެސް ނުލައި އޮތީ އެވެ. މިހެން އޮތްވައި ދެން ފެނުނީ މޫސާ ފަތުހީ އޭނާގެ ފައި މައްޗަށް ތެދުވެ، ހުސޭނުގެ ބޮޑުބޭބެގެ ދެ ފައިގައި ހިފައި ކޫއްތާފައި ގެންގޮސް ގޮނޑުދޮށުގައި ހުރި ކުރެދި ގަސްތަކެއް ކައިރީގައި އެ ހަށިގަނޑު ބޭއްވުމަށް ފަހު ދެ އަތުން އެ ތަނުގައި ވަޅެއް ކޮންނަން ފެށީ މަންޒަރެވެ.

ވެލިގަނޑު މަޑު ހިސާބަކަށް ވުމުން ބޭނުންވި ވަޅުގަނޑު ނިކަން ފަސޭހައިން މޫސާ ފަތުހީ ކޮނެފި އެވެ. އެކަމަކު އެއީ ތިލަ ވަޅުގަނޑެކެވެ.

ދެން ފެނުނީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު އެ ވަޅުގަނޑުގެ ތެރެއަށް ފުރޮޅާލުމަށް ފަހު ފަސްޖަހައި ފޮރުވި ތަނެވެ. އެއަށް ފަހު މޫސާ ފަތުހީ ދެން އަނެއްކާވެސް ދުއްވައިގަތީ މާރާމާރީއެއް ހިނގައި ހުސޭނުގެ ބޮޑުބޭބެގެ ދުވަސް ދުއްވާލި ތަނަށެވެ. 

އޭރު ވެސް ހުސޭނު އޮތީ މަންޒަރު ބަލަން ގަސްތަކު ތެރޭގައި ފިލަ އެވެ. ބޮޑުބޭބެ މަރާލި ވާހަކަ ރަށު މީހުންނާ ހަމަ އަށް ގެންގޮސް ދިނުމަށް ވުރެ އޭނާ އަށް މުހިންމުވީ މޫސާ ފަތުހީ ކުރަން އުޅޭ ކަމެއް ބެލުމަށް އެތަނުގައި އޮތުމެވެ.

ނަމަވެސް ވާނުވާއެއް ނޭނގި އޮތްވައި ހުސޭނަށް ދެން ފެނުނީ ނިކަން ބޮޑު ގަލެއްގެ ސިފައަށް އޮތް އެއްޗެއް އުފުއްލާލައިގެން ބަނޑުގައި ޖައްސައިގެން މޫސާ ފަތުހީ އެއްގަމަށް ދުއްވައިގަތް މަންޒަރެވެ. އެގަމަށް އަރައި، ލައިގެން ހުރި ޓީޝާޓުގަނޑު ބޭލުމަށް ފަހު އޭގައި އަޅައި ފޮރުވީ އެވެ.

މީހެއްގެ ފުރާނަ ދުއްވާލުމަށް ފަހު މޫސާ ފަތުހީގެ ގައިގައި ހުރި ވަރެއްލާފައި އުފުއްލާލައިގެން އެ ގެންދިޔައީ ހިރިގަލަކަށް ވުރެ އަގުބޮޑު އެއްޗެއްކަން ހުސޭނަށް ރޭކާލީ ދެނެ އެވެ.

އެ ބިޔަ ހުދަންބަރުގެ ވަހާއި ދަހިވެތިކަމުގެ ތެރެއަށް ހުސޭނު ވެސް ދަމައިގަތެވެ. އެހެންވެ އޭނާ ނިންމީ ބޮޑުބޭބެ އަށް ވީގޮތް އެއްވެސް މީހަކަށް ކިޔައި ނުދީ މަޑުކުރުމަށެވެ.

އެހެން ނޫނަސް އުޅުމެއް އަހުލާގެއް، ކުލުނެއް ލޯތްބެއް ނެތް ބޮޑުބޭބެއަކަށް މޮޔަވުމަށް ވުރެ އަގުބޮޑު މާވަހަރަކަށް ގުރުބާންވުން މާ ރަނގަޅެވެ. ހުސޭނުގެ ހިތަށް އެރީ މިހެންނެވެ.

ކުޑައިރު ހުސޭނަކީ ބޮޑުބޭބެގެ އަނިޔާ ލިބިފައިވާ ކުއްޖެކެވެ. އެތައް ދުވަހެއް ވަންދެން ޖިންސީ ގޮތުން އެކިވަރުގެ އަނިޔާތައްކޮށް އުޅުނެވެ. އެ ވާހަކައެއް ހުސޭނު ދުވަހަކު ވެސް އެއްވެސް މީހަކަށް ކިޔައެއް ނުދެ އެވެ.

ނަމަވެސް ބޮޑުބޭބެގެ ކިބައިން ބަދަލު ހިފުމުގެ އެދުން އޭނާގެ ހިތުގައި އަބަދުވެސް އޮވެ އެވެ. އެންމެފަހުން އެ މަގޫ ގަސްތަކުގެ ތެރެއިން ނުކުމެގެން އޭނާ ގެއަށް ދިޔައީ ހިތްފުރިގެންނެވެ. އެހެން އެދުމެއް ވެސް އޮވެގެންނެވެ.

** ** **

އޭގެ ދެ ދުވަސް ފަހެވެ. ދޮންބެއްޔާ އާންމުކޮށް ރަށު ތެރެއިން ނުފެންނާތީ އާންމުންގެ ހިތުގައި ސުވާލުތައް އުފެދި އޭނާ އަށް ވީގޮތެއް ބެލުމަށް މީހުން ޝައުގުވެރިވެއްޖެ އެވެ. އޭރު މޫސާ ފަތުހީ އޭނާގެ ރެއާއި ދުވާލު ގުނަމުން ދަނީ މާލެ ދާން އަރާނެ ނާލުބައްތެއްޔެއް ރަށަށް ނައިސްގެން އޭގެ އިންތިޒާރުގަ އެވެ.

ހުސޭނު އިންތިޒާރުކުރަމުން އެ ގެންދަނީ އޭނާގެ އަތަށް އެ މާވަހަރު އަރާނެ އިރަކަށެވެ. ނަމަވެސް އެރި އިރާއެކު އޭނާގެ ދުވަސް ހަރާބުކޮށްލީ މުސްކުޅި އަމާ އެވެ.

މިއަދު ޒުވާބުކުރުމެއް ނެތެވެ. ހިތާމައިގެ ދުވަހެކެވެ. ނަމަވެސް ހިތާމަ އަކީ ޒުވާބުކުރިޔަސް އަދި ހިތާމަކުރިޔަސް ހުސޭނުގެ އަމާ އަށް ވުރެ އަޑުގަދަ މީހަކު ރަށުގައި ވެސް ނޫޅޭ ކަމެވެ. އަމާގެ ހުރި ހަމައެކަނި ބޭބެ ވީނުވީއެއް ނޭނގި ގެއްލުމުގެ ހިތާމާގައި މުޅި ދުވަސް އެ އޮތް ދަންމާލަނީ އަޑުންއަޑުނަގައި ރުއިމުގަ އެވެ.

އުފަން ދަރިއަކު ދެކެ ނުވާ ލޯބި މީހަކު އޭނާގެ ބޭބެއް ދެކެ ވެދާނެ ހެއްޔެވެ؟ މިހެން ހިތަށް އަރައި ހުސޭނަށް ހުރެވުނީ މަންމަ ހެދެމުން ދިޔަ ގޮތް ބަލަން އަނގަނަގައިގެންނެވެ.

ކޮންމެއަކަސް ދޮންބެއްޔާ ހޯދަން ރަށުގެ މީހުން ނުކުތުމުން މާވަހަރު ފޮރުވުމަށް ފަހު މޫސާ ފަތުހީ ވެސް އެމީހުންނާ އެކު ނުކުމެއްޖެ އެވެ. އޭނާގެ މޭގަނޑު އަނގަޔަށް އައީ، ދޮންބެއްޔާ ވަޅުލި ހިސާބުގަނޑަށް ގޮސް ނިކަން ވަގުވަގަށް ހޭޅިފަށުން ގޮނޑުދޮށަށް ފޭބިތަނުންނެވެ.

ދޮންބެއްޔާ ވަޅުލިތަން އެ އޮތީ އަލުން ކޮނެފަ އެވެ. އެކަމަކު އެހިސާބުގަނޑުގައި ވެސް ގަބުރެއް ފެންނާކަށް ނެތެވެ.

މޫސާ ފަތުހީގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތީ އޭނާގެ ސިއްރު އެނގޭ މީހަކު ރަށުގައި ހުރިކަމުގެ އިހްސާސްވި ހިސާބުންނެވެ. މުންޑުގެ ފަސްބައި ދެ އަތަށް ނަގައިގެން މޫސާ ފަތުހީ ދެން ދުއްވައިގަތީ ގެއާ ދިމާލަށެވެ. މާވަހަރު ފޮރުވިތަނުގައި އޭތި އޮތްތޯ ބެލުމަށެވެ.

ދޮންބެއްޔާގެ ގަބުރާ އެކު ހުދަންބަރު ވެސް ގެއްލުނީ އެވެ. މޫސާ ފަތުހީ އަށް އެނގޭ ހަގީގަތަކީ އެހާ އަވަހަށް މީހެއްގެ ހަށިގަނޑު ކުނިވެ ވެއްޔަށް ބަދަލުނުވާނެ ކަމާއި ފަންސާސް އެތައް ކިލޯއެއް ބަރުދަނުގައި ހުރި ބޮޑު މާވަހަރެއް ހުލިނުވާނެ ކަމެވެ.

ރަށުގެ ކޮންމެވެސް މީހަކު މި އޮތީ އޭނާ އަށް ކެއްސެއް ދީފަ އެވެ.

ވަގުކަލޭގެ އަކީ ކާކުކަން މޫސާ ފަތުހީ އަށް ރޭކާލީ އޭގެ ދެ ތިން ދުވަސް ފަހުންނެވެ. ރުއްޖެހިގޭ މަރީނާގެ ހުރި ހަމައެކަނި ފިރިހެން ދަރިކަމުގައިވީ ހުސޭނު ވެސް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ. 

މާވަހަރާ އެކު ހުސޭނު ފުރައިގެން ދިޔައީ މޫސާ ފަތުހީގެ އަތުގައި ދެން އޮތް އެންމެ އަގުބޮޑު މުދާގަނޑު ވެސް ހިފައިގެންނެވެ. އޭނާގެ ބޮއްކުރާ އެވެ.

ނަމަވެސް ބޮއްކުރާއެއް ގެއްލުނުކަމުގެ އިހްސާސެއް ރަށުގެ އެހެން ބަޔަކަށް ނުކުރެވެ އެވެ. އަދި މޫސާ ފަތުހީ އަށް ލިބުނު ކެއްސުން ވެރިވި ހިތާމަ އިތުރަކަށް ގަދައެއް ވެސް ނުވި އެވެ.

އެއަށް ވުރެ ގަދަ ވިއްސާރައެއް އޭރު ލައިގަނެފައި އޮތީމަ އެވެ. އަދި އެ ވިލާގަނޑަށް މާވަހަރު ހަދިޔާކުރިޔަސް ހުސޭނާއި ބޮއްކުރާ ސަލާމަތްނުވާނެކަން މޫސާ ފަތުހީ އަށް ޔަގީންވާތީ އެވެ.