ހަބަރު

ޔާމީން ކޯޓުތަކަށް ބިރު ދެއްކެވި މިންވަރު ސާފުވެއްޖެ: ނަޝީދު

Nov 26, 2018
32

ނިމިދިޔަ ދައުރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޯޓުތަކަށް ބިރު ދައްކާފައިވަ މިންވަރު މިހާރު ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލު ކުރުމުން، މިނިވަންވެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ދިޔައީ ކޯޓުތަކަށް ނާޖާއިޒް ނުފޫޒު ފޯރުވާ ބިރު ދައްކަވަމުން ކަމަށެވެ. އޭގެ ސަބަބުން ކޯޓުތަކަށް ދިމާވި ކަންކަން މިހާރު ފެނިގެންދާ ކަމަށާއި ނަމަވެސް ދެން އެކަންކަމަށް ބަދަލު އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގައި ތަރައްގީގެ ވާހަކަ ވަރަށް ގިނަ ބޭފުޅުން ދެއްކެވި، އަޅުގަނޑަށް ވެސް ފެނުނު ކޮންކްރީޓު އަޅާފައި ކޮންކްރީޓުން ތަންތަން ހަދާފައި ހުރި މިންވަރު، ނަމަވެސް ރާއްޖޭގެ ރައްޔިތުން ނުދެކުން އެއީ ކަމަށް ރައްޔިތުން ބޭނުންވާ ތަރައްގީއަކީ އަދި ބަދަލީ، ރައްޔިތުން ބޭނުންވަނީ އިންސާފު، އިރާދަކުރެއްވީއާ އެ އިންސާފު ރައްޔިތުންނަށް ހޯދައިދިނުމުގައި އަބަދުވެސް ދެމިތިބޭނަން،" ނަޝީދު ވިދާޅުވި އެވެ.

ކުރިޔަށް އޮތްތަނުގައި ވެސް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައި ނުގަނެ، އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާން ނިމުމަކަށް އައިސްފި ކަމަށް މިއަދަކު ވިދާޅެއް ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މާޗް 15، 2015ގަ އެވެ. އަދި އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ތާއީދުކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ނިހާއީ ހުކުމެއް އިއްވާފައެއް ނުވެ އެވެ.

ހުކުމުގެ ދަށުން ދުވަސްކޮޅެއްގައި މާފުށީ ޖަލުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެނބުރި އައިސްފައެއް ނުވެ އެވެ. އދ ގެ ވޯކިން ގްރޫޕަށް އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައި އެ ޖަމާއަތުން ބުނެފައި ވަނީ، އެމަނިކުފާނުގެ ޝަރީއަތް ހިންގީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިނިވަންކޮށް ހިފަހައްޓާފައިވާ ހުރިހާ ހައްގެއް އެމަނިކުފާނަށް ލިބިދޭން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބު، އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމެވުމުން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން އެ މައްސަލަ ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓްގައި އެދުނެވެ. އަދި އެ ކޯޓުން ވަގުތީ އަމުރެއް ނެރުނީ، ކުރިން އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުމަށެވެ.

ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެސް ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލް ކަމެއް ކަމަށެވެ.