ހަބަރު

ވަޒީރުން ނަޒާހަތްތެރިކަން ބަލަން އޭސީސީއިން މައުލޫމާތު ސާފު ކުރަން މަޝްވަރާކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުންގެ މައުލޫމާތުތައް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހެޅުމާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާ ކުރިޔަށް ދިޔައީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ މައްސަލައާ ބެހޭ ގޮތުން މިއަދު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގަ އެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ނަޒާހަތްތެރި ވަޒީރުން ތިއްބަވަން ޖެހޭ ކަމަށް އެމްޑީޕީއިން މިހާތަނަށް ވެސް ވަކާލާތު ކުރަމުން އައި ކަމަށާއި މީގެ ކުރިން ވަޒީރުންނަށް ރުހުން ދޭ އުސޫލު ދޫކޮށްލާ، އެ މީހުންގެ މައްސަލަތައް ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ވަޒީރުންގެ މައްސަލައެއް ހުރިތޯ ބަލަން އޭސީސީ މެދުވެރިކޮށް މައުލޫމާތުތައް ހޯދުމަށް ހުށަހަޅާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ވަޒީރުން އައްޔަން ކުރުމާ ހަމަޔަށް އެ ބޭފުޅުންގެ ވިޔަފާރިތަކާ ބެހޭ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީ އިން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ. އަދި ވަޒީރުންގެ ފަތިފުށް ސިއްރު ޑޮކިއުމަންޓެއްގެ ގޮތުގައި ވިޔަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އެ މަޝްވަރާތައް ކުރެވުނު ނަމަވެސް އެ މައްސަލާގައި ވަކި ގޮތެއް ނިންމުމަށް ވޯޓަކަށް ނާހަ އެވެ. ކޮމިޓީގެ މުގައްރިރު ކަމަށް މިއަދު ކަނޑައެޅި ރިޔާޒް ރަޝީދު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ މަަސައްކަތްތައް އެހެން ކޮމީޓީ ބައްދަލުވުމެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މީގެ ކުރިން ބަލަނީ މީޑިއާތަކަށް ސިއްރުކޮށްގެންނެވެ. ނަމަވެސް ވަޒީރުން ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުމަށް ފަހު މާކްސް ދޭނެ އެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް އޮފީހުން ފޮނުވި ހުރިހާ ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.