ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ކެބިނެޓުގައި ހިމެނޭ ދެ ވަޒީރުން ކަމަށްވާ، އަލީ ވަހީދާއި އާތިސާ ޝަކޫރުގެ މައްޗަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަން ހާމަވެއްޖެ އެވެ.
ބައެއް ވަޒީރުންނގެ ކޮރޮޕްޝަންގެ މައްސަލަތައް އޭސީސީއިން ބަލަމުންދާ ކަން ހާމަވެފައި ވަނީ އެ ފަރާތްތަކަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށެވެ. އަިދ އޭސީސީ އިން ވެސް ވަނީ އެ ދެ މިނިސްޓަރުންގެ މައްސަލަތައް ބަލަމުންދާ ކަން "އަވަސް"އަށް ކަށަވަރުކޮށްދީފަ އެވެ.
ވަޒީރުންގެ މައްސަލައެއް ހުރިތޯ ބެލުމަށް އޭސީސީއަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ކޮމިޓީއަށް ފޮނުވާފައިވާ ލިޔުންތަކުގައިވާ ގޮތުން މިހާރުގެ ކެބިނެޓުގައި ހިމެނޭ އެއް ވަޒީރެއްގެ މައްސަލަ އޭސީސީއިން ބަލާ ނިމުމަށް ފަހު ވަނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް އެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ލިޔުންތަކުގައި ބުނެފައިވެ އެވެ.
ނަމަވެސް އިތުރު ދެ މިނިސްޓަރެއްގެ މައްސަލަ އޭސީސީއިން މިހާރު ވެސް ބަލަމުންދާ ކަމަށް އެ ކޮމިޝަންގެ ލިޔުމުގައި ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި މައްސަލަތައް ބަލަމުން އަންނަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހައުސިން އެންޑް އާބަން މިނިސްޓަރު އާތިފާ ޝުކޫރު އެވެ.
އެކަމާ ގުޅޭ ގޮތުން ކޮމިޓީގައި ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ އެ ވަޒީރުންގެ ހިޔާނާތުގެ މައްސަލައެއް އޭސީސީ އިން ބެލުމަކީ އެ ފަރާތްތައް ކުށެއް ކުރިކަން ސާބިތުވުމެއް ނޫން ކަމަށެވެ. އަދި މީހެއްގެ މައްޗައް ޝަރުއީ ކޯޓަކުން ކުށް ސާބިތުވާ ކަމަށް ކަނޑަނާޅާ ހިނދެއްގައި ކުށްވެރިއަކަށް ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް އެ ކޮމިޓީގައި ހިމެނޭ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ އެކަމާ ދެކޮޅު ހައްދައިފަ އެވެ. ޝަރީފް ވިދާޅުވީ ހިޔާނާތުގެ އެއްވެސް ކަމެއް ބަލާނަމަ އެ ފަރާތަކަށް ރުހުންދޭން ނުފެންނަ ކަމަށެވެ. ޝަރީފް ވަނީ ވޯޓަށް އެހުމުގެ ކުރިން ކޮމިޓީ ދޫކުރައްވާ ވަޑައިގެންފަ އެވެ.
ކޮމިޓީ އިން ވަނީ އެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.