ހަބަރު

އޯޑިއޯތަކުގެ އަޑު މަޖިލީހަކަށް ނީވުނު!

Feb 17, 2020
3

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކްވެ، އެކަމާ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވީއިރު ވެސް ރައްޔިތުންގެ މަޖިލީހަށް މިފަހަރު އާންމުންގެ އަޑުތަކެއް ނީވުނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާ ކުރިއަށް ދިޔައިރު ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މެންބަރަކު އެ އޯޑިއޯގެ ވާހަކަ އާއި ފާޑުކިޔުންތަކުގެ ވާހަކައެއް ނުދެއްކެވި އެވެ. އެކަމާ ގުޅޭ އާންމުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ބޭއްވީ އެވެ.

އެކަމަކު، އެހެން ބައެއް މިނިސްޓަރުންގެ ވާހަކަތައް ދެއްކުމުގައި ފަސް ނުޖެހުނެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފާޑުވިދާޅުވެފަ އެވެ. މާ އުނދަގޫ ބޮޑުވަންޏާ ގެއަށް ވަޑައިގެންނެވުމަށް ވެސް ޝަހީމް، އިމްރާނަށް ގޮވާލެއްވި އެވެ. އެވަރު ކަމެއް ހޯމް މިނިސްޓަރު ކުރެއްވީ ހެއްޔެވެ؟

މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ވެސް ހަމަލާތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އަމާޒު ކުރެއްވި އެވެ. ކޯލިޝަންގެ އެހެން މިނިސްޓަރުންނަށް ވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވިޔަސް އަލީ ވަހީދުގެ ނަމެއް ނުގެނެ އެވެ.

ސަރުކާރަށް ތާއިދު ކުރާ މެންބަރުން ފަހަރުގައި ސަރުކާރުގެ ސްޓޭންޑް ހިފެއްޓީ ކަމުގައި ވެދާނެ އެވެ. އަޑުތައް އިވޭ ގޮތުން ސަރުކާރު ބޭނުން ވަނީ މިކަމުގައި އަލީ ވަހީދު ދިފާއު ކުރާށެވެ. އަލީ ވަހީދުގެ މައްސަލަ ބެލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

އޯޑިއޯގެ އަޑު މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުންނަށް ވެސް ނީވުނެވެ. މަޖިލީހުގައި މިއަދު އިދިކޮޅުގެ ބައެއް މެންބަރުން ވަރަށް ހޫނުކޮށް ވާހަކަ ދެއްކެވި އެވެ. އެކަމަކު، އަލީ ވަހީދާ ގުޅިގެން އާންމުންގެ އޮތް ކަންބޮޑުވުންތަކަކަށް އިޝާރާތެއް ނުކުރައްވަ އެވެ. އަލީ ވަހީދުގެ އޯޑިއޯގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް "ބަވާނެ" މެންބަރުން ހޯދައި މަޖިލިސް ގަޑުބަޑުކޮށްލުމުގެ ވާހަކަތައް ވެސް އަޑު އިވުނެވެ.

އަލީ ވަހީދުގެ އޯޑިއޯއަކީ އާދައިގެ އޯޑިއޯއަކަށް ނުވަނީ އޭގެ ތެރެއިން ނުބައި ގޯސްތަކެއް ފެށިގެން އަންނާތީ އެވެ. ކޮރަޕްޝަންގެ ސައްލެއް ޓޫރިޒަމް މިނިސްޓްރީގެ ކޮޓަރިކޮޅުގައި ދެކުވުމަކީ ގޯހެކެވެ. މީގެކުރިން މާޒީ ދެއްކީ އެފަދަ ކުދި ކަންކަމަށް ފިޔަވަޅު ނޭޅުމުގެ ހިތި ނަތީޖާ އެވެ.

ސަރުކާރުގެ އިސް ބޭފުޅުންތަކެއް ތިބިގެން ކެބިނެޓްގެ އެހެން މިނިސްޓަރުންނަށް މަލާމަތްކޮށް އަންހެން މިނިސްޓަރުންނަށް ފުރައްސާރަކޮށް ހަދާއިރު، އެއީ "ޒީރޯ ޓޮލަރެންސް"ގެ ދަށުން އަޅާ ނުލާނެ ކަމަކަށްވުމަކީ އާންމުން ކަންބޮޑުވުން އޮންނާނެ ކަމެކެވެ. ޝަކުވާއަކީ ސަރުކާރަށް އޯޑިއޯގެ އަޑު ނީވުނުތާ، ރައްޔިތުންގެ މަޖިލީހަށް ވެސް މި އަޑު ނީވުމެވެ.