ހަބަރު

ވިސާމަށް ކުށް ސާބިތުނުވި މައްސަލާގެ އިސްތިއުނާފު މާދަމާ ފަށަނީ

Nov 26, 2018

ރާއްޖެޓީވީގައި މަސައްކަތްކުރި ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުށް ސަބިތުނުވި މައްސަލާގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުންނެވެ.

ވިސާމްގެ މައްޗަށް އުފުލީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. ވިސާމަށް ކުރި ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބަލަން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ. -- އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.

ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ވިސާމްގެ މައްޗަށް ސާބިތެއް ނުކުރެ އެވެ.

އެ މައްސަލާގެ އިތުރުން ވިސާމްގެ މައްޗަށް ދެން އުފުލި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 28،800 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އައިސްފައިވެ އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެކަމަކު އަދި އެ މައްސަލަ ނުފަށަ އެވެ.

ރާއްޖެޓީވީގައި މަސައްކަތް ކުރުމަށްފަހު ވިސާމް މިހާރު ދިރިއުޅެމުން ދަނީ އޭނާގެ އުފަން ރަށް. ލ. ގަމުގަ އެވެ. އަދި އެ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމުގެ ޝައުގު އޭނާ ވަނީ ފާޅުކޮށްފަ އެވެ.