ހަބަރު

ރާއްޖެޓީވީއަށް ފޮޓޯއެއް ފޮނުވައިގެން ވަކިކުރި މުވައްޒަފަކަށް ވަޒީފާ ދޭން އަންގައިފި

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޮޓޯތަކެއް ފޮނުވި ކަމުގެ ތުހުމަތުގައި ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކު ވަކިކުރި މައްސަލާގައި ހައިކޯޓުން އެ މުވައްޒަފަށް އަލުން ވަޒީފާ ދޭން އަމުރުކޮށްފި އެވެ.

އެ މުވައްޒަފަކީ އެ ކޯޓުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހަވާލާދީ، އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އެވެ.

އެ މައްސަލަ އެ މުވައްޒަފު ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމުން މައްސަލަ ނިންމާފައި ވަނީ މުވައްޒަފާ ދެކޮޅަށެވެ. ޓްރިބިއުނަލްއިން ނިންމީ ކޯޓުތަކުގެ ބެލެނިވެރި، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިިން އެ މުވައްޒަފު ވަކި ކޮށްފައި ވަނީ ގަވައިދާ އެއްގޮތަށްކަން ސާބިތު ކޮށްދީ، އެ މުވައްޒަފު ވަނީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިންގާފައިވާކަން ސާބިތުކޮށްދީފައި ކަމަށެވެ.

އޭނާއަށް ވަޒީފާ އަލުން ދިނުމަށް ޓްރިބިއުނަލްއިން އަމުރު ނުކޮށް ދިނުމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އިއްޔެ ވަނީ މައްސަލާގައި ހުކުމް ކޮށްފަ އެވެ. ހުކުމްގައި ބުނެފައިވާ ގޮތުގައި، އެ މުވައްޒަފު ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަން ހިނގި ގޮތް ރަނގަޅަށް ތަހުގީގު ކުރުމަކާއި ނުލައި ވަޒީފާއާބެހޭ ގާނޫނުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެގޮތުން، ވަޒީފާއިން ވަކިކުރާއިރު ފުރިހަމަވާން ޖެހޭ ޝަރުތުތައް ގާނޫނުގައި ބަޔާން ކޮށްފައި ވާއިރު އެކަންކަން ފުރިހަމަވޭތޯ ކޮންމެ މައްސަލައެއްގެ ވެސް ހަގީގަތްތަކަށް ބަލައި ޓްރިބިއުނަލްއިން ބަލަން ޖެހޭނެ ކަމަށެވެ. މި މައްސަލާގައި މުވައްޒަފުން ހިންގާފައިވަނީ ހިޔާނާތެއް ނޫން ކަމަށާއި އަދި، މިކަމުގައި މުވައްޒަފަށް ތުހުމަތުވާ ކަމަކީ ވަޒީފާދޭ ފަރާތަށް ގެއްލުންވާނެ ކަމެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާން ނެތް ކަމަށް ހުކުމްގައިވެ އެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ދެ ޝަރުތު ވެސް ފުރިހަމަ ނުވަނީސް ކަމަށްވާތީ ވަޒީފާއިން ވަކިކުރީ ގާނޫނީ ހަމައެއްގެ މަތިން ކަމަށް ނުބެލެވޭނެ ކަމަށެވެ.

"ފަށާއިރު" ޕްރޮގްރާމްގައި ގަން ކޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވަނީ އެ ކޯޓުގައި މުވައްޒަފުންނަށް ވަކި ކުލައެއްގެ ހެދުން ލައިގެން، ޔުނީފޯމެއް އަޅައިގެން އަންނަ ޖެހޭ ގޮތަށް އުސޫލު ހަދާފައިވާ ކަމަށް ބުނެ އެވެ. އެކަމާ ގުޅޭ ފޮޓޯތައް ވެސް ޕްރޮގްރާމްގައި ދެއްކި އެވެ. އެ ފޮޓޯތަކަކީ ވަކިކުރި މުވައްޒަފުން ނެގި ފޮޓޯތަކެއް ކަމަށް އެ ކޯޓުގެ އެހެން ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމާ ޑީޖޭއޭގެ ތަހުގީގުގައި މުވައްޒަފު ވަނީ އެ ފޮޓޯތައް އޭނާ ފޭސްބުކްއަށް އަޕްލޯޑް ކުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން އޭނާއަށް ސާބިތުނުކޮށް ދެވުން ކަަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ.

ނަމަވެސް ޕްރޮގްރާމްގައި ދެއްކި ފޮޓޯތަކަކީ ސީދާ މުވައްޒަފުން ނެގި ފޮޓޯތަކެއް ކަމަށް އެނގޭނެ ހެއްކެއް ނެތް ކަމާއި އަދި އެ ފޮޓޯތަކަކީ އޭނާ ނެގި ފޮޓޯތަކެއް ކަމުގައިވީ ނަމަވެސް އެއީ މަނާ ކަމެއް ނޫންކަން ހުކުމްގައި ފާހަގަކުރި އެވެ. ހުކުމްގައި ބުނީ، އެ ފޮޓޯތަކަކީ އޭނާގެ ފޭސްބުކްގައި ހުރި ފޮޓޯތަކެއްކަން އޭނާ ސާބިތުކޮށް ނުދެވުނު ކަމަށް ނިންމިއިރު ތުހުމަތުވާ މީހާއަށް ސާބިތުކޮށް ދިނުމުގެ ބުރަ ފުރޮޅުނު ގޮތެއް ވެސް ސާފުވާން ނެތް ކަމަށް ބުންޏެވެ.

މީގެއިތުރުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް އޭނާ ކޮށްފައިވާ ކަމަށް ޓްރިބިއުނަލްއިން ނިންމާފައިވާއިރު އެންމެ ފުރަތަމަ ބަލަން ޖެހެނީ އޭނާ ހާމަކުރި ކަމަކީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ކަމަށެވެ. ތަނެއްގެ މުވައްޒަފުން ޔުނީފޯމެއް ލައިގެން އޮފީހަށްދާކަން ހާމަވުމަކީ ތަނުގެ ކަރާމާތް ގެއްލޭނެ ކަމެއް ނޫން ކަމާއި އެއީ ފޮޓޯތަކެއް ހާމަނުކުރިޔަސް އާންމުންނަށް ފެންނަން ވެސް ފެންނާނެ މަންޒަރެއް ކަމަށް ހުކުމްގައި ބުންޏެވެ. ހުކުމްގައި އިތުރަށް ބުނީ، އެ މައުލޫމާތު މުވައްޒަފުން ދީފައިވީ ނަމަވެސް އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށްވީ ގޮތެއް ޑީޖޭއޭއިން ތަހުގީގުކޮށްފައިނުވާ ކަމާއި އަދި، އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކުށެއް ނުވަތަ ގޯހެއް ކަމަށްވީ ގޮތެއް ވެސް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ހައިކޯޓުން ހުކުމް ކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައި އޭނާއަށް ކޯޓުން އަލުން ވަޒީފާ ހަމަޖައްސައިދީ، ވަޒީފާއިން ވަކިކުރި މުދައްތުން ފެށިގެން މިއަދާ ހަމައަށް އޭނާއަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށެވެ. އޭނާ ވަޒީފާއިން ވަކިކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.