ވިޔަފާރި

މަޓާޓޯ އޭޖީއެމް އަންނަ މަހުގެ ދެވަނަ ދުވަހު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައިިފި އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ހިމެނޭ ޖަމިއްޔާ މަޓާޓޯއިން ބުނީ އެ ޖަމިއްޔާގެ އޭޖީއެމް އޮންނާނީ ޑިސެމްބަރު ދެވަނަ ދުވަހު ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ހިމެނޭ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ގިނަ ހަރަކާތްތައް ހިންގާ އެ ޖަމިއްޔާ ކަމަށްވާ މަޓާޓޯގައި ޓޫރިޒަމް ދާއިރާއަށް ނިސްބަތްވާ ގިނަ ކުންފުނިތަކެއް ބައިވެރިވެ އެވެ. އަދި އެ ޖަމިއްޔާއިން ދަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މަޓާޓޯގެ އޭޖީއެމްއަށް ތައްޔާރުވަމުން ދާއިރު މިހާރު އެ ޖަމިއްޔާގެ ރައީސްއަކީ އިނަ މޯލްޑިވްސްގެ ޑީއެމްޑީ އަބްދުﷲ ގިޔާސް އެވެ. މީގެ އިތުރުން ބޯޑުގައި ހިމެނިވަޑައި ގަންނަވަނީ ނައިބް ރައީސުގެ ގޮތުގައި ތިއްބަަވަނީ އަބްދުﷲ ސޫދު އާއި ޔޮޓް ޓުއާސްގެ އިބްރާހިމް ޝިހާމް އެވެ. އަދި ޓްރެޒަރާއަކީ ވިޒްޓާ ޓްރެވަލްގެ އަލީ އަހުމަދު އެވެ. މީގެ އިތުރުން އެގްޒެކެޓިވް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސަން ޓްރެވަލް އެންޓް ޓުއާސްގެ އައިމިނަތު ނީނާ ނިޒާރު އާއި ޕާލް ޓްރެވަލް ސާވިސަސްގެ އަހުމަދު ފިއާޒު އަދި ރިއޯލޯ ޓްރެވަލްސްގެ މުހައްމަދު ހަލީލް އާއި ވޮޔޮޖަސް މޯލްޑިވްސްގެ މުހައްމަދު ޖިނާންގެ އިތުރުން އައިލެންޑް ޕާލް ޓްރެވަލްގެ ހާތިމް ހުސެއިން ހިމެނި ވަޑައިގަންނަވަ އެވެ.