ހަބަރު

ޕެޑުން ޓެކްސް ކަނޑާލައި އަގު ވެސް ކޮންޓްރޯލް ކުރަން ޖެހޭ: މެންބަރުން

ސެނިޓަރީ ޓަވަލް އާއި ޓެމްޕޮންސް އިން ޓެކްސް ކަނޑާލަން ޖެހޭ ކަމަށާއި ފިހާރަތަކުން އެތަކެތި ވިއްކާ އަގުތައް ވެސް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ބަހުސްކޮށްފި އެވެ.

ޕެޑުން ޓެކްސް ކަނޑާލުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅިގެން ދިޔަ މައްސަލައަށް ބަހުސް ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޕެޑުން ޓެކްސް ކަނޑާލި ނަމަވެސް ވިޔަފާރިތަކުން އޭގެ އަގުތަކަށް ބަދަލެއް ނުގެންނާނެ ކަމަށާއި މިހާތަނަށް ވެސް ޓެކްސް ކަނޑާލި ތަކެތީގެ އަގަކަށް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް ހަގީގީ ފައިދާ ވާނީ އެ މީހުން ޕެޑު ގަންނަ އަގަށް
ބަދަލެއް އައުމުން ކަމަށް ރޮޒެއިނާ ވިދާލުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވިދާޅުވީ އެއީ ހަމަކަނި އަންހެނުން ކުރަން ޖެހޭ ހަރަދެއް ނޫން ކަމަށެވެ. ޕެޑަކީ އަންހެން ބޭނުން ކުރާ އެއްޗަަށް ވިނަމަވެސް އެއީ މުޅި އާއިލާާއަށް އަންނަ ހަރަދެއް ކަމަށާއި ފިރިމީހާ ވެސް އެ ހަރަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަަމަވެސް މަޖިލީހުން އޭގެ ޑިއުޓީ ކަނޑާލަން ވައުދުވީ އޭގެ ސަބަބުން މުދަލުގެ އަގުން ވެސް ފެންނާނެ ކަމަށް އުންމީދުކޮށްގެން ކަމަށެވެ. އެހެންކަމުން ސަރުކަރުން ކޮންޓްރޯލް އަގެއް ހަދައިގެން ނަމަވެސް އެކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޑިއުޓީ ކަނޑާލީމާ ކަންމަތީ ފިހާރައިން އޭގެ އަގު ހެޔޮވާން ޖެހޭ، އަޅުގަނޑުމެން މި ކަން ކުރީމާ އާހިރުގައި އޭގެ ފައިދާ ރައްޔިތު މީހާއަށް ނުލިބޭ، މިއީ މިކަން ކުރާ އިރު ވިސްނަން ޖެހޭ ކަމެއް،" އަބްދުއްގަފޫރު ވިދާޅުވި
އެވެ.

ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޒަރޫދީ ބޭނުންތަކަށް ޓެކްސް މާފުކޮށްފައި އޮންނަ ކަމަށާއި އެއީ ރާއްޖޭގައި ވެސް އެކަން ކުރަން ޖެހޭ ގޮތް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެގޮތަށް ޓެކްސް ކަނޑާލިޔަސް އާންމު މީހާގެ ޖީބަށް ލުއިއެއް ނުވާ ކަމަށާއި ފިހާރަތަކުން އަގަކަށް ބަދަލެއް ނުގެންނަ ކަމަށް މުބީން ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި ވިއްކާ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާފަދަ ތަކެތި އޭތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅަން ޖެހޭނެ ކަމަށާއި އެ ނޫން ނަމަ ހެޔޮ ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްޗެއް އަގަށް ބަދަލެއް އައިސްފި ނަމަ ފިހާރަތަކުން އަގުތަކަށް ދެގުނަ ތިން ގުނައިން ބޮޑު ކުރޭ، ނަމަވެސް އެ ކުރިން އޮތް ގޮތަށް ހެދުމުން އަގެއް ކުޑައެއް ނުވޭ، ހަމައެގޮތަށް ޓެކްސްއަށް ވެސް ވަނީ، މީގަ އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު މެކޭނިޒަމްއެއްގެ ދަށުން އެކަން ބަލަހެއްޓުން،" މުބީން ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ގާނޫނުން ޓެކްސް ކަނޑާލެވޭ ތަކެތީގެ އަގު ހެޔޮކޮށް ވިއްކޭނެ ގޮތެއް މަޖިލީހުން ހަދައިދޭން ޖެހޭ ކަމަށެވެ. ކުރިން ވެސް އަންނައުނުން ވަރަށް ބޮޑަށް ޓެކްސް ކަނޑާލި ކަމަށާއި ނަމަވެސް އަދިވެސް ބާޒާރުތަކުން ބަދަލެއްނާން ކަމަށެވެ. އެއްވެސް ބަދަލެއް ނާންނަ ކަމަށް އަނާރާ ވިދާޅުވި އެވެ.

"ވެދާނެ ކުލިތައް ބޮޑުވީމަ ކަމަށް އެހެންވަނީ ނަމަަވެސް ކުލީގެ މައްސަލައަކީ ވެސް ހައްލު ގެންނަން ޖެހޭ ކަމެއް، މަޖިލީހުން ޓެކްސް ކަނޑަލުމުން ފިހާރަތަކުން މުދާ ވިއްކާއިރު އަގުހެޔޮ ކުރަން ޖެހޭ، އޭރުން މަންފާ ލިބިގެން ދާނީ،" އަނާރާ ވިދާޅުވި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި މިހާރު ވެސް ސުން ޕަސަންޓުން ޓެކްސް ނަގާ ތަކެތީގެ ތެރޭގައި 21 އެއްޗެއް ހިމެނެ އެވެ. އޭގެ ތެރެއިން ކާޑުގެ ބާވަތްތަކާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީ އިން ވެސް
ޓެކްސްއެއް ނުނަގަ އެވެ.