ހަބަރު

ކާނަލް ނާޒިމް، ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

ކުރިގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ކުރީގެ ރައީސް އަަދި އެމްޑީޕީގެ ރައީސް ނަޝީދާ ބައްދަލުކުރައްވައިފި އެވެ.

ކާނަލް ނާޒިމް މިއަދު ރައީސް ނަޝީދާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވާ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ރައީސް ނަޝީދާއެކު އުމްމީދީ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދާއި، ނާޒިމް މިއަދު ބައްދަލުކޮށްފައިވާއިރު، ކާނަލް ނާޒިމްއަކީ އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ފާޑު ވިދާޅުވަމުން އަންނަ ބޭފުޅެކެވެ. ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ނާޒިމްގެ ދައުރު ބޮޑު ކަމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކާނަލް ނާޒިމާއި ރައީސް ނަޝީދާ ދެ ބޭފުޅުން ވެސް ޖަލު ބަންދުން މިނިވަންވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުންނެވެ. ރައީސް ނަޝިދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕުރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ކާނަލް ނާޒިމްގެ 11 އަހަރުގެ ޖަލު ހުކުމުގެ އިލްތިމާސް މައްސަލަ ވެސް މިހާރު އޮތީ ސުޕުރީމް ކޯޓުގަ އެވެ. ކާނަލް ނާޒިމް ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަަަމަށް ވެސް ވިދާޅުވެފަ އެވެ.