ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ދަ ޑިމޮކްރްސްއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިދިކޮޅު އެންމެ ބޮޑު ޕާޓީ -- ޕީޕީއެމްއާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ -- މ. ކުނޫޒުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. ރައީސް ނަޝީދަކީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ބައެއް ބުނެ އެވެ.
މިބައްދަލުވުމަށްފަހު ރައީސް ނަޝީދާއި ނާޒިމު އަދި ގާސިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޕީއެމްއާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެއްބަސްވާނަމަ އެ ހުރިހާ ޕާޓީތަކެއް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް އެ ތިން ބޭފުޅުންނަށް އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް އެގޮތަށް ޕީޕީއެމްއާއި އެމްއާރްއެމް އެއްބަސްނުވެއްޖެނަމަ ތިން ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރާނެ ކަމުގައިވެސް އެބޭފުޅުން ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ ތިން ޕާޓީ ގުޅިގެން އެއް ކެނޑިޑޭޓަކު ނެެރެވޭނެ ގޮތަކަށް މަސައްކަތް ފެށީ އެ ތިން ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕް ލެވަލްގައި މަޝްވަރާކުރެވިގެން ކަމަށެވެ. ޕީޕީއެމްއާއި އެމްއާރްއެމްއާ އެކުވެސް މި ވާހަކަތައް ފަށާނެ ކަމަށާއި މަޝްވަރާތަކުގައި އެއް ކެންޑިޑޭޓް ނެރުމަށް އެ ދެ ޕާޓީން އެއްބަސްނުވެއްޖެނަމަ ޕާޓީތަކުން ވަކިވަކި ކެންޑިޑޭޓުން ނިކުންނަވާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެއް ކެންޑިޑޭޓް ނެރެވޭ ގޮތް ވެއްޖެނަމަ މިހާރު އެ ޕާޓީތަކުން އިންތިހާބަށް ކުރިމަތިލުމަށް ނިކުންނަވާފައި ތިއްބެވި ބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ މިއަދު ގައުމު އޮތް ހިސާބުން ރަނގަޅު ހިސާބަކަށް ގެނައުމުގެ މަސައްކަތް،" ގާސިމް ވިދާޅުވި އެވެ.
"މަސައްކަތެއްގައި އޮންނާނީ ކާމިޔާބުވުމާއި ނުވުން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ކާމިޔާބުކުރެވޭނެ މަގެއް ފަހިކުރުން،" ގާސިމް އިތުރަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް މަސައްކަތް ކުރަމުންދާއިރު އެބޭފުޅަކު ވާނީ ހުރިހާ ޕާޓީ ތަކަކަށްވެސް އެއްބަސްވެވޭ ބޭފުޅަކަށް ކަމަށެވެ.
"މައިގަނޑު ގޮތެއްގައި ދެކެވުނު ވަހަކައަކީ ހުރިހާ އެންމެންނަށް އެއްބަސްވެވޭ ކެނޑިޑޭޓަކު ހޮވުން،" ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމު ވިދާޅުވީ އޭނާއާއި ރައީސް ނަޝީދާއި ގާސިމް ވާހަކަދައްކަވައިގެން މިއަދު އެއްބަސްވެވުނު ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ތިން ޕާޓީން މަޝްވަރާކުރެވިފައިވާ ގޮތަށް ކެނޑިޑޭޓޭއް ނެރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.