ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ ބޭނުން ކުރާ ނެޕީ އިން ޖީއެސްޓީ ނުނަގާ ކަމެއް މެންބަރުންނަށް ނޭނގި، އެތަކެތިން ޖީއެސްޓީ ކަނޑާލުމަށް ބައެއް މެންބަރުން ގޮވާލައިފި އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ކުރިޔަށް ދިޔައީ އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ކަނޑާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މަޝްވަރާ ކުރުމެވެ. އެ ބިލަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ބޭނުން ކުރާ ނެޕީއިންނާއި ކުޑަ ކުދިންނަށް ދޭ ކިރާއި ކާނާއިން ވެސް ޖީއެސްޓީ ކަނޑާލުމަށް ގޮވަލައި ވާހަކަދައްކައިފަ އެވެ. ނަމަވެސް ޖީއެސްޓީގެ ގާނޫނުގައި އެތަކެއްޗަކީ މިހާރު ވެސް ސުން ޕަސަންޓް ޖީއެސްޓީގެ ކެޓަގަރީގައި ހިމެނޭ ތަކެއްޗެވެ. މެންބަރުންނަށް ބަހުސް ކުރެއްވީ އެކަން ރަނގަޅަށް ސާފު ނުކޮށެވެ.
އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިއީ ފޮތި ނެޕީ ޖަހާ ޒަމާނެއް ނޫން ކަމަށާއި އެހެންކަމުން ނެޕީއަކީ އާއިލާތަކަށް ބޮޑު ހަރަދެއް ކަމަށެވެ. އެހެންކަމުން އެ ނެޕީ ފަދަ ޒަރޫރީ ތަކެތި ގަންނަ އިރު ނަގާ ޓެކްސް ކަނޑާލަން ޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"މި އިސްލާހުގެ ތެރެއިން މިކަން ނުކުރެވޭނަމަ ސަރުކާރުގެ ތެރެއިން މިކަން ހުށަހަޅައިގެން ވިޔަސް، ނެޕީން ނަގާ ޓެކްސް ވެސް ކަނޑާލަން ޖެހޭ ގޮތަށް ނެސެސިޓީއެއްގެ ގޮތުގައި އަޅުގަނޑު ހުށަހަޅަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ޖީއެސްޓީ ސުން ރޭޓް ކެޓަގަރީގެ މުދާ:
- ކާޑުގެ ބާވަތްތައް
- ކިރު
- ކުކިން އޮއިލް
- ބިސް
- ރާއްޖޭގައި ބަންދުކޮށްފައި ހުރި މަހާއި ރިހާކުރާއި އަލުވި
- ހަވާދު އުފެއްދުމަށް ބޭނުން ކުރާ ތަކެތިތައް
- ދިޔަ ހަކުރާއި، ކާށި، ކުރުންބާ ރުކުރާ އަދި ކުރޮޅި
- ކެރެޓު، ކެބެޖު، ތޮޅި އަދި ޓޮމާޓޯ
- މޭވާގެ އެންމެހާ ބާވަތްތައް
- ޕާން ބަނަސް ފާރޮށި
- ކުޑަ ކުދިންގެ ނެޕީ
- ތުއްތު ކުދިންގެ ކާނާ
- ކައްކާ ގޭސް
- ޑީސަލް
- ޕެޓްރޯލް
- ބޮޑެތި މީހުންގެ ނެޕީ
ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ކުޑަ ކުދިންނަށް އާއިލާއިން ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށެވެ. އެގޮތުން އެ ކުދިން ބޭނުން ކުރާ ކިރުން ވެސް ޖީއެސްޓީ ކަނޑާލުމަކީ މުހިންމު ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.
ނެޕީ އިން ޖީއެސްޓީ ނެގުމާ ބެހޭ ގޮތުން ދެން ވާހަކަދެއްކެވީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެވެ. އޭނާ ވިދާޅުވީ ބޮޑެތި މީހުން ބޭނުން ކުރާ ނެޕީ އަކީ ވެސް ޒަރޫރީ ބޭނުމެއް ކަމަށާއި މަޖިލީހުން އޭގެ ޖީއެސްޓީ ވެސް
ކަނޑާލުން މުހިންމު ކަމަށެވެ. އަދި އެ ބަދަލު ގެންނަވާނެ ކަމަށް އުންމީދު ކުރަައްވާ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.