ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން ގުޅިވަޑައިގަތުމާއެކު ރައްޔިތުން މަޖިލިހުގެ ބޮޑު އަގުލަބިއްޔަތެއް ޖޭޕީއިން ހޯދައި ވެރިކަން ކުރާ އެމްޑީޕީ ތަމްސީލު ކުރާ މެންބަރުންގެ އަދަދާ އެއް ހަމަޔަކަށް ޖޭޕީ މެންބަރުންގެ އަދަދު
ވެސް އަރައިފި އެވެ.
މަޖިލީހުގެ ދަފްތަރުގައި މިހާރު އޮންނަ ގޮތުން މެންބަރުން އެންމެ ގިނައީ އަދިވެސް ޕީޕީއެމްގަ އެވެ. އެއީ 35 މެންބަރުންނެވެ. އަދި ދެވަނައަށް އެންމެ ގިނަ މެންބަރުން އޮންނާނީ އެމްޑީޕީގަ އެވެ. އެއީ 22 މެންބަރުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭ ގޮތަށް ފަސް މެންބަރަކު މަޖިލީހުން އިސްތިއުފާ ދެއްވާ ކެބިނެޓަށް ވަޑައިގަތުމުން އެމްޑީޕީގެ މެންބަރުންގެ އަދަދު 17 އަށް ވެއްޓިފަ އެވެ. ނަމަވެސް ދެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެ ޕަޓީއާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ އަދަދު ވަނީ 19 އަށް އަރައިފަ އެވެ.
ދަފްތަރުގައިވާ ގޮތުން ޖުމްހޫރީ ޕާޓީގައި ހިމެނެނީ ނުވަ މެންބަރުންނެވެ. އެއީ އެ ޕާޓީއަށް އަލަށް ގުޅިވަޑައިގަތް ބައެއް މެންބަރުން ހިމަނައިގެންނެވެ. ނަމަވެސް މިފަހުން ޕީޕީއެމް އާއި ވަކި ޕާޓީއެއް ތަމްސީލު ނުކުރައްވާ 13 މެންބަރަކު ވަނީ ޖޭޕީއަށް ސޮއިކޮށްފަ އެވެ. އަދި ނައިބު ރައީސް ކަމަށް ފައިސަލް ނަސީމް ވަޑައިގަތުމާ ގުޅިގެން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން އެއް މެންބަރަކު އުނިވާނެ އެވެ. އެހެންކަމުން ޖޭޕީ މެންބަރުންގެ އަދަދު 19 އަށް އަރައިފަ އެވެ.
ޖޭޕީއަށް ސޮއި ކުރި މެންބަރުން
- ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ
- ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން
- އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު
- ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން
- މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީ
- ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު
- މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން
- ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
މަޖިލީސް މެންބަރުން ޕާޓީ ބަދަލު ކުރަން ފަށާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލި ފަހުންނެވެ. ޕާޓީ ބަދަލު ކުރި ބައެއް މެންބަރުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް ބުނެ ބަހުސްކުރި އެވެ.
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ތެރެއިން އަދިވެސް ޕާޓީއަކާ ގުޅިވަޑައި ނުގެން ހުންނެވީ ތިނަަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ވެސް ވަކި ޕާޓީއަކާ އަދި ގުޅިވަޑައި ނުގަންނަވަ އެވެ.