ހަބަރު

ތޮލްހަތުގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ބާތިލްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ދަށުކޯޓުން އިއްވި 10 އަހަރުގެ ޖަލު ހުކުމާއި، އެހުކުމަށް ތާއިދުކޮށް ހައިކޯޓުން އިއްވި ހުކުމް ސުޕްރީމްކޯޓުން ބާތިލްކޮށްފި އެވެ.

ސްޕްރީމްކޯޓުން މިއަދު ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައިވަނީ، ތަލްހަތުގެ މައްޗަށް ދަށުކޯޓުން އިއްވި ހުކުމާއި، އެހުކުމަށް ތާއިދުކޮށް ހައިކޯޓުން އިއްވި ހުކުމް ތަލްހަތުގެ ފަރާތުން އިލްތިމާސަށް ސުޕުރީމްކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުން ތަލްހަތުގެ ފަރާތުން މުރާޖާ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ތަލްހަތުގެ މައްޗަށް ދަށުކޯޓުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ތަލްހަތު ހުންނަވަނިކޮށް، ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ގަވައިދާ ޙިލާފަށް ހައްޔަރު ކުރި މައްސަލައިގަ އެވެ.

ސްޕްރީމްކޯޓުގެ އަމުރުގައި ބުނެފައިވަނި ރައީސް ނަޝީދާއި، ތަލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ މައިގަނޑު އެއް ވާގިޔާއެއްގެ މައްޗަށް ބިނާކޮށްގެންކަން ކުރިމިނަލް ކޯޓުން ބަލާފައިވާ މައްސަލައިގެ ދައުވާގެ ސީޢާއިން އެގެން އޮންނަ ކަމަށާއި، ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ހުކުމް އިއްވާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް އެކޯޓުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ މައްސަލައިގައި ސުޕުރީމްކޯޓުން ނިންމާފައިވާ ނިންމުން ތަލްހަތުގެ މައްސަލައަށް ތަތުބީގުކޮށް ބެލުމުން ތަލްހަތުގެ މައްޗަށް ދައުވާ ކޮށްފައިވާ އަސާސްއާއި، ދައުވާކޮށްފައިވާ ވާގިޔާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބަލައި އެކަންކަމުގެ މައްޗަށް ޝަރީއަތް ހިންގާ ހުކުމް ކުރިގޮތަކީ ޝަރުއީ އަދި ގާނޫނީ ހަމަަތަކާއި ހިލާފަށް ކޮށްފައިވާ ކަމެއްކަން އެގެން އޮންނަ ކަމަށާއި، އެހެން ކަމުން ތަލްހަތުގެ މައްސަލާގައި ކުރިމިނަލް ކޯޓުންކޮށްފައިވާ ހުކުމާއި، ހައިކޯޓުން އެހުކުމަށް ތާއިދުކޮށް ކޮށްފައިވާ ހުކުމް ބާތިލް ކުރާކަމަށް ސްޕްރީމްކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.