ހަބަރު

ސްޓޭޓް މިނިސްޓަރުކަން އިތުރު ފަސް ބޭފުޅަކަށް ދެއްވައިފި

Nov 29, 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފަސް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް ސޯލިހު، ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުންނަކީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، މާފަންނު މުއްދޫ މުހައްމަދު އިއާދު ހަމީދާއި ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ގަލޮޅު ސެރޭންޑް ހަސަން ރަޝީދާއި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ގދ. ވާދޫ ގުލްބަކާގެ އައްޝައިޚް އިލްޔާސް ޖަމާލާއި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ސ.ފޭދޫ ހަނދުވަރީގެ އާއިޝަތު ރަޝީދާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މާފަންނު ސީވޯލް އަހުމަދު މުޖްތަބާ އެވެ.

ރައީސް މި ފަސް ބޭފުޅުން އައްޔަނުކުރައްވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމަށް އިއްޔެ ވެސް ހަ ބޭފުޅަކު އައްޔަން ކުރެއްވި އެވެ. އެގޮތުން އައްޔަން ކުރައްވާފައިވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ ސްޓޭޓް މިނިސްޓަރުކަމަސް އަހުމަދު އަފުޒަމް އިބްރާހިމް އާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މުހައްމަދު ޒުހައިރު އާއި ޝާހު އަބުދުﷲ މާހިރު އާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފާތުމަތު ނަސީރު އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ޒުހައިރު އަދި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ސޯލިހު އެވެ.

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވާ އިރު، މި ސަރުކާރުން އައްޔަން ކުރަން ނިންމަވާފައިވާ ސްޓޭޓް މިނިސްޓަރުންގެ އަދަދު 39 އަކަށް އަރާއިރު، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 50 އަށް އަރައެވެ.

ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމްޑީޕީއަށް 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ފުރުސަތު ވަނީ ދީފަ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 10 ސްޓޭޓް މިނިސްޓަރުންނާއި، 12 ޑެޕިއުޓީ މިނިސްޓަރު ޕޯސްޓެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައުމުން ރިފޯމް މޫވްމަންޓަށް އަށް ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުންގެ ސްލޮޓް ވަނީ ދީފަ އެވެ. އަދި އަދާލަތު ޕާޓީއަށް ދީފައިވަނީ ހަ ސްޓޭޓް މިނިސްޓަރުންނާއި އަށް ޑެޕިއުޓީ މިނިސްޓަރުންގެ ޖާގަ އެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.