ރާއްޖެ ކުޅިވަރު

ނިއު އަށް ބްރެޒިލްގެ ފޯވަޑެއް، އޭޝިއާ ކުޅުންތެރިއެއް ހޯދުމުގެ ވިސްނުމެއް ނެތް

ނިއު ރޭޑިއަންޓަށް ބްރެޒިލްގެ ފޯވަޑެއް ސޮއިކޮށްފި އެވެ.

ބްރެޒިލްގެ އެކި ޑިވިޝަންތަކުގައި އަދި ހޮންކޮންގް އާއި ޕޯޗުގަލްގައި ކުޅެފައިވާ ރަފައެލް މެޓިމް މަރްތީ (ރަފީނިއާ) އަކީ ކުރިއަށް އޮތް ސީޒަނަށް ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ނިއު އިން ގެނައި ބިދޭސީ ތިން ވަނަ ކުޅުންތެރިއާ އެވެ. އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވަޑް އެވަޓަން ސޫޒާ ސަންތޯސް އާއި ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ ވަނީ މީގެ ކުރިން ނިއު އަށް ސޮއިކޮށްފަ އެވެ.

"މި ވަގުތު ނެތް ބިދޭސީ ހަތަރު ކުޅުންތެރިން ހޯދުމުގެ ވިސްނުމެއް. އެކަމަކު ޖެނުއަރީ 24 ވަނަ ދުވަހާ ހަމައަށް އެބައޮތް ސްކޮޑަށް ބަދަލު ގެނެވެން. އެހެންވީމަ އަދި މި ވަގުތު ޔަގީންކަމާއެކު ނުބުނެވޭނެ އިތުރު ބިދޭސީ ކުޅުންތެރިއެއް ނުހޯދާނަމޭ،" އޮފިޝަލް ބުންޏެވެ.

ފާއިތުވި ތިން އަހަރު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނިއު އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އައްސަދު އަލީ (އަޑުބަރޭ) އާއި ރިލްވާން ވަހީދު (ރިލޭ) އަދި ގޯލްކީޕަރު މުހައްމަދު ޔަމާން ވެސް ގެނެސްފަ އެވެ.