ދުނިޔެ

ގަރުނެއް ތެރޭ އަލަށް އެމެރިކާ ޑޮލަރުގައި އަންހެނެއްގެ ފޮޓޯ ޖަހަނީ

Jun 19, 2015

އަލަށް ފަރުމާކުރާ ދިހަ ޑޮލަރުގެ ނޫޓުގައި އަންހެން ޝަހުސިއްޔަތެއްގެ ފޮޓޯ ހިމަނަން އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

ޓްރެޝަރީ ސެކްރެޓަރީ ޖޭކޮބް ލޫ ވިދާޅުވި ގޮތުގައި އެ ނޫޓު ނެރޭނީ، އެމެރިކާގެ އަންހެނުންނަށް ވޯޓު ލުމުގެ ހައްގު ލިބިދިން، ގާނޫނުއަސާސީ އަށް ގެނައި 19 ވަނަ އިިސްލާހު ތަސްދީގުކުރިތާ ގަރުނެއް ފުރޭ މުނާސަބަތާ ދިމާކޮށް، 2020 ވަނަ އަހަރު އެވެ. އާ ނޫޓެއް ނެރުމުގެ މައިގަނޑު މަގުސަދަކީ، އޭނާ ވިދާޅުވި ގޮތުގައި، ޑޮލަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށެވެ.

"ޑޮލަރު އެންމެ ފުރަތަމަ ތައާރަފްކުރި ފަހުން، ވަރަށް މަދު ފަހަރަކު ނޫނީ ބަދަލެއް ގެނެސްފައެއް ނުވާނެ. އަލަށް ނެރޭ 10 ޑޮލަރުގެ ނޫޓަކީ ގަރުނެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް އަންހެނެއްގެ ފޮޓޯ ހިމަނާ ނޫޓު ކަމަށް ވުމަކީ އަޅުގަނޑަށް ލިބޭ ބޮޑު ފަހުރެއް،" ލޫ ވިދާޅުވި އެވެ.

އެކަމަކު، އެ ނޫޓުގައި ހިމަނާނީ ކޮން ޝަހުސިއްޔަތެއް ކަމެއް އަދިި ނުނިންމަ އެވެ. ލޫ ވިދާޅުވި ގޮތުގައި އެކަން ނިންމާނީ އާއްމުންގެ ހިޔާލާ ވެސް އެކު އެވެ.