ހަބަރު

ފަލަސްތީނު ރައްޔިތުންނާއެކު ސާބިތުވެ ހުންނާނަން: ރައީސް

ރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ ‏ރައްޔިތުންގެ ހައްގުގައި ‏ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިއްޔެ ފޮނުވި މެސެޖްގައި ވިދާޅުވީ، ފަލަސްތީނުގެ އަމަންއަމާންކަމާއި އިންސާފުގާއިމުކުރުމުގަ އާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ އެއްބާރުލުން ދެމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އެފަދަ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ގައުމަކުންވެސް ކުރަން ޖެހޭނެ ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެގައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫއަ ވެގެން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނުގައި އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަމަސަލަސްކަން ގާއިމުކޮށް، ހަނގުރާމަ އާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށްވެސް ރައީސްގެ މެސެޖްގައި ވިދާޅުވި އެވެ.