އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލާހާ ހިނދަކު އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނާދެވޭނެ ގޮތް ހަދަންޖެހޭ ކަމަށް އިދިކޮޅުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ކުށްވެރި ކުރުމުން އެކަނި ނުފެދޭ ކަމަށާ ރާއްޖެއިން އެ ގައުމާ ދެކޮޅަށް ފިޔަވަޅު ވެސް އަޅަންޖެހޭނެ ކަމަށެވެ.
އިޒްރޭލުން ހިންގަމުންދާ ކަންކަމަކީ ރާއްޖެ އާއި ދިވެހިން ނުރުހޭ ކަންތައްތަކެއްކަން އެންގުމަށް އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް ނާދެވޭނެ ގޮތް ހަދަން ވެސް އޭނާ ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. މުންދު ވިދާޅުވީ ރާއްޖޭގައި އޮތީ ޕްރޮގްރެސިވް ކޯލިޝަންގެ ސަރުކާރެއް ނަމަ އެ ފިޔަވަޅު ރާއްޖެއިން އަޅާނެ ކަމަށެވެ.
"ސަރުކާރުން އެބަޖެހޭ މިވަގުތު އިޒްރޭލަށް އަޅުގަނޑުމެން [ދިވެހިން] ގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުމާއި ރުޅި ސީދާ ހާމަ ކުރުމަށްޓަކައި އިޒްރޭލްގެ ފަތުރުވެރިން ރާއްޖެއަށް ނާދެވޭނެ ކަމަށް އަންގަން. އެ މީހުންގެ އަމަލުތައް ބަދަލުކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ފަލަސްތީނުގެ ރަށްވެހި ކަމާއި އެމީހުންގެ ގައުމިއްޔަތާއި އެމީހުންގެ އިންސާނީ ހައްގުތައް އަލުން އިއާދަ ނުކޮށްދޭހާ ހިނދަކު އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލު ކުރުންތަކާއި އެއްވަރަށް މިކަން އިއާދަ ނުކޮށްދޭ ހިނދަކު އެ ގުޅުން ވެސް އަޅުގަނޑުމެން ދަމަހައްޓަން ބޭނުން ނުވާ ކަމަށް،"
ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިޒްރޭލުން ހިފަން އަނެއްކާވެސް ކުރަމުންދާ މަސައްކަތާ ގުޅިގެން ރާއްޖެއިން އެކަން އެތައް ފަހަރަކު ކުށްވެރިކޮށްފައި ވެއެވެ.