ވާހަކަ

އަސްކަނި

މީހަކު ދެކެ ލޯބިވެވި، އެހެން ހުރިހާ އެއްޗެއް މަތިން ހަނދާން ނެތުނު ދުވަސްތަކެއްގައި އުޅެވުނު ހެއްޔެވެ؟ އަބަދުވެސް އޭނާގެ ހިޔާލުގައި އޮވެވުނު ދުވަސްތަކެއް ހަޔާތަށް އައިސް އެހެން އެންމެން މަތިން ހަނދާން ނެތުނު އުޅުމެއް ތަޖުރިބާކުރެވުނު ހެއްޔެވެ؟

ހަޔާތުގެ ދަތުރުގައި އެފަދަ ދުވަސްތަކެއް ތަޖުރިބާކުރެވިފައިވާ ނަމަ ތިޔަހުރީ ރަނގަޅަށް ވެސް އިޝްގީ ލޯބީގެ އެންމެ ފުނަށް ދަމައިގެން ގޮސްފަ އެވެ.

އެހެންވީމަ، ލޯބީގެ މެހެފިލަށް މަރުހަބާ އެވެ.

މި ލޯބީގެ ކޯރަކަށް ގެނބިގެން ދިއުމުގެ ކުރިން އަހަރެން ހީކުރީ ލޯބީގައި ޖެހި މީހަކު މިގޮތަށް އޭނާގެ އާދައިގެ ދިރިއުޅުމުން އުފުރިގެން ދަނީ ހަމައެކަނި ފިލްމާއި މިކަހަލަ ކޫސަނި ލޯބީގެ ވާހަކަތަކުގައި އެކަނި ކަމަށެވެ. ނަމަވެސް ލޯބީގައި މީހަކު ދީވާނާވެ، ހަމަ އެ މީހަކަށް މި ޖަޒުބާތުތަކެއްގެ އަސަރުކުރާ ގޮތަކުން، ގެއެއް ނުވަތަ ގަހެއް ފަދައިން އެމީހަކު ވީރާނާ ވެދާނެ ކަމަށް ވެސް ގަބޫލުކުރަން ޖެހެ އެވެ.

މަތީގައި ފާހަގަކޮށްފައި އެވާ ޒާތުގެ ހިނދުކޮޅުތަކެއް ލޯބީގެ ޢާލަމެއްގައި ތަޖުރިބާކުރެވިފައިވާ މީހަކަށް މި ވާހަކައިގެ ދޭހަ ލޯބީގެ ޅެން ބަހުރުވައިން ލިޔެ ގަތަން އެނގޭނެ އެވެ.

މިސާލަކަށް މިހެންނެވެ.

ނުވަތަ މިހެންނެވެ.

*** ** ***

އަހަރެމެން ޖެހުނީ މުލަ ނަކަތުގެ ހަޅައިގަ އެވެ. ދެން ތެމުނީ ކެތި ނަކަތުގެ ވާރެއިންނެވެ.

މިކަން މުހިންމު ވަނީ ލޯބީގެ ހުރިހާ ވާހަކައަކަށް ވެސް ވާރޭ ވެހޭތީ އެވެ. ދުޔަވީ ތަރުތީބަކީ މިއީ އެވެ. އެންމެ ރޮމޭންޓިކް ލޯބީގެ ވާހަކަ އަބަދުވެސް ފެށޭނީ އޭގައި ހިތާވުމަށް ކަނޑައެޅިފައިވާ ދެ މީހުން ވާރެއިން ތެމިފޯވެގެން ކޮންމެވެސް ގަނޑެއް ގަންނަ ހިސާބުންނެވެ.

ތިޔައީ ލޯބީގެ އެންމެ އަސަރުގަދަ ވާހަކަތަކާއި އެންމެ މަޝްހޫރު ފިލްމުތައް ބަލާ މީހެއް ކަމުގައިވާ ނަމަ މި ކިޔައިދޭ ވާހަކައިގެ ހަގީގަތް ނިކަން ރަނގަޅަށް އެނގޭނެ އެވެ.

އެހެންވީމަ މިހައި ހިސާބުން ކެތި ނަކަތުގެ ވިއްސާރައިން ތެމެން އެ ދިމާލަށް ދުއްވައިގަންނަމާ ހިނގާށެވެ. ބޯމަތީގައި އޮތް ވިލާގަނޑަށް ފަރުވާލެއް ދޭނެ ކަމެއް ނެތެވެ. އަހަރެމެން ދެ މީހުން ވެސް ނުދެމެވެ.

އަތުގައި ހިފައިގެން ދެ މީހުން ވެސް ވާރެއާ ތެމެން ދުއްވައިގަތީ އެވެ.

"މިއީ ކެތިނަކަތުގެ ވާރެއެވެ."

"ހީއެއް ނުކަރުވާނެ އެވެ."

އެންމެ ފުރަތަމަ އަހަރެން އޭނާ އަށް ދައުވަތު ދިނީ މިހެންނެވެ. އެ ދުވަހު އޭނާ ގަތީ ލަދެވެ. އަހަރެން ކަހަލަ، މީގެ ކުރިން ދުވަހަކު ވެސް ބައްދަލުވެފައި ނުވާ މީހެއްގެ ފަރާތުން ފެނުނު އަމަލާއި އިވުނު ވާހަކަ ގަބޫލުކުރަން ދަތިވެ ހައިރާންވީ އެވެ.

ވާރޭ ހުއްޓާލަން ދެން އޭނާ އަނގައަކުން ނުބުނެ އެވެ. އަނގަތެޅީ އަހަންނެވެ. ލަދުރަކި ހިނިތުންވުމެއް މޫނު މައްޗަށް ބަންޑުންކޮށްގެން އޭނާ ހުރިގޮތަށް ހުރީ އެވެ.

ދެން ތުނިކޮށްލި ވާރޭގެ ތެރެއަށް ނުކުމެގެން ގޮސް ގެއްލުނީ އެވެ. ގޯޅިއަކަށް އަޅައިގެން ގޮސް އޭނާ ގެއްލެން ދެން އަހަރެން ހުރީ އަސްކަނި ދަށުގަ އެވެ.

އެއީ ލޯބީގެ މޮޅެތި ވާހަކަތަކުގައި ބުނާ ގޮތަށް ގޯޅިއަށް އެޅުމުގެ ކުރިން އޭނާ އަހަންނާ ދިމާލަށް އެނބުރި ބަލާލާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ވާހަކަތަކުގައި ބުނަނީ އެގޮތަށް ގޮސް ފަސް އެނބުރި ބަލައިލާފައި އަންހެން ކުއްޖާ ގެއްލިއްޖެ ނަމަ އޭނާގެ ހިތުގައި ތިބާގެ ތަސްވީރު ކުރެހީ ކަމަށެވެ.

ތަންކޮޅެއް ބޮޑަށް ހަގީގަތް އޮޅުވާލާފައި ހުންނަ ވާހަކަތަކުގައި އަދި ބުނަނީ އެގޮތަށް ގޮސް އަންހެން ކުއްޖާ ފިރިހެން ކުއްޖާއާ ދިމާލަށް އެނބުރި ބަލައިފި ނަމަ އޭނާގެ ހިތުގައި ފިރިހެން ކުއްޖާ އަށް ލޯބި އުފެދުނީ ކަމަށެވެ.

އެއީ ދޮގެކެވެ. ހައްތަހާ ވެސް ލޯބީގެ ފައިލަސޫފިން ކަމަށް ހެދިގެން އުޅޭ މީހުން ހަދާ ދޮގެވެ.

އެހެންވީމަ ޖެހިގެން އައި ދުވަހު އަނެއްކާވެސް އަސްކަނި ދަށުން ބައްދަލުވެ މި އަންހެން ކުއްޖެއް ގާތު އަހަރެން އެ ސުވާލުކުރީ އެވެ.

"އެއީ ތެދެއް ހެއްޔެވެ؟"

"ދުރަށް ގޮސް ފަސް އެނބުރި ބަލައިފި ނަމަ އެއީ ލޯބީގެ ނިޝާނެއް ހެއްޔެވެ؟"

ހަމަ ހުރެފައި ކުއްލިއަކަށް އަހަރެން މި ވާހަކައެއް ފެށީމަ މި އަންހެން ކުއްޖާގެ އަނގަ ހުރި ތަނަށް ވެއްޓުނީ އެވެ. އެހެންވީމަ ދެން ވެސް ވާހަކަ ދެއްކީ އަހަންނެވެ. 

"ކުރީ ދުވަހު އެ ދިމާލަށް ގޮސް ގޯޅި އެޅުމުގެ ކުރިން މަށާ ދިމާލަށް އެނބުރި ބެލީމެއް ނޫން ހެއްޔެވެ؟"

"އޭގެ މާނަ އަކީ ކޮބައި ހެއްޔެވެ؟"

"އަހަރެން ދެކެ މިހާރު ލޯބިވީ ހެއްޔެވެ؟."

މިވަރު އަރުވާލީމަ އަނގައިން ނުބުނެ އަންހެން ކުއްޖާއަކަށް ނުހުރެވުނެވެ.

"ސީރިއަސްލީ؟."

ދެ ލޯ ބޮޑުކޮށްގެން ހެވި ދިއްލިގެން ގޮސް އޭނާ މިހެން ބުނީމަ އަހަރެން އިންދި ވާހަކައިން އާ ކުރިއެއް ފެޅީ އެވެ.

"އަންހެން ކުދިންނަށް ސީރިއަސްލީއަކާ ނުލައި ސީވެސް ނުލެވެނީ ކީއްވެ ހެއްޔެވެ؟."

މި ސުވާލެއް ކުރެވުނީ ހަމަ ބޭއިހްތިޔާރުގަ އެވެ. ދެން އެ އަންހެން ކުއްޖާ ހިނިގަނޑަކަށް ފަޅައިގެން ދިޔައީ އެވެ.

"އެ ވާހަކަ އޮތީ ފޮތެއްގަ އެވެ،" ހޭން އޭނާ އަށް ވަގުތުކޮޅެއް ދީފައި އަހަރެން ބުނެލީމެވެ.

ކޮން ވާހަކައެއްހޭ އެހުމުގެ ގޮތުން އަންހެން ކުއްޖާ ނިއް އަރުވާލި އެވެ. މިހާ ހިސާބަށް އައިއިރު އަންހެން ކުއްޖާގެ ފަރާތުން ފެންނަމުން ދިޔައީ ބީރައްޓެހިކަން ކެނޑި އެކުވެރިޔަކަށް ބަދަލުވަމުން ދިޔަ މޫނެކެވެ.

"ލޯބީގެ ވާހަކަ އެވެ."

"ލޯބީގެ ހުރިހާ ވާހަކައެއްގައި ވެސް ބުނަނީ އެހެންނެވެ. ދުރަށް ގޮސް ފަސް އެނބުރި ބަލައިފި ނަމަ އެއީ ލޯބީގެ ކަތި ނަޒަރެކެވެ."

މިހެން ބުނެ ނިންމާލިއިރު އޭނާގެ ނަޒަރުން އަހަރެން ކަތިލައިފި އެވެ.

ދެން ތުނިކޮށްލި ވާރެއާ އެކު އޭނާ އަސްކަނިން ނުކުމެގެން ދުރަށް ހިނގައިގަތީ އެވެ. ދެން ދަނީއޭ ބުނެފަ އެވެ.

އޭނާގެ ފަސްފަހަތަކުން އަހަރެން ނުދަމެވެ. ހުތުރުކަމަކަށް ވީމަ އެވެ. ނުވަތަ އަސްކަނި ދަށުގައި މަޑުކޮށްލައިގެން ހުރެވުނީ ދުރަށް ގޮސް ގޯޅިއަށް އެޅުމުގެ ކުރިން މިއަދު ވެސް އޭނާ އަހަންނާ ދިމާލަށް ބަލައިލާނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. ނަމަވެސް އެ ދުވަހުގެ ބައްދަލުވުން ނިމިގެން ދިޔައީ ކުރީ ދުވަހާ ހިލާފަށެވެ.

"މާދަމާ ވެސް ވާރޭ ވެހޭނެޔޯ. މެޓުން ބުނީ."

އަޑުގެ ކޮޅަށް މިހެން ކިޔައި ހަޅޭލެއްވީމަ ވެސް އޭނާގެ ސަމާލުކަމެއް ނުލިބުނެވެ. ފަހަރެއްގައި ލޯބީގެ އަސްލު އިޝާރާތަކީ މިއީ އެވެ. އެހެން ހިތަށް އަރުވައިގެން އަހަރެން ވެސް އެތަނުން ދިޔައީ އެވެ.

*** ** **

"މެޓުން އެ ބުނީ ތެދެއް ނޫން ހެއްޔެވެ؟."

އަސްކަނި ދަށުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާ ފެނިގެން އައިސް އޭނާއާ އެއް ހިޔަލަކަށް ވަދެ އަހަރެން ބުނެލީމެވެ.

އޭނާ ދިނީ ހިނިތުންވުމެކެވެ.

"ތިޔަ ހިތް ދޭނީ ކޮން އިރަކުން ހެއްޔެވެ؟"

އަހަރެންގެ ހިތަށް އެރީ މިހެންނެވެ.

ދެ މީހުން އަސްކަންޏެއްގެ ދަށުން ބައްދަލުވާތާ މިހާރު ދެ ތިން ދުވަސްވީ އެވެ. ފޮތް ފޮތުގައި ތަޖުރިބާކާރުން ބުނަނީ ހަގީގީ ލޯބި ހާސިލުކުރަން ނަގާނީ މި ވަރުގެ މުއްދަތެއް ކަމަށެވެ.

ހުސް ދޮގެވެ.

"އަހަރެންގެ ފަސް ފަހަތު އަޅުވައިލީ ހެއްޔެވެ؟،" ދޮގަށް ދިން ހުސް ވަގުތުކޮޅަށް ފަހު ދެން ވާހަކަ ދެއްކީ އަންހެން ކުއްޖާ އެވެ.

"ނޫނެކެވެ. އެއީ ހުތުރު ކަމެކެވެ." އަހަރެން ބުނީމެވެ.

"ތިޔަ އުޅެނީ ކޮން ފޮތެއް ކިޔައިގެން ހެއްޔެވެ؟،" އަންހެން ކުއްޖާ އެހި އެވެ.

"މި އުޅެނީ ދަ ފޯލްޓް އިން އަވާ ސްޓާސްއޭ ކިޔުނު ފޮތެއް ކިޔައިގެންނެވެ.،" އަހަރެން ބުނީ މިހެންނެވެ.

އެހެން ބުނުމުން އަންހެން ކުއްޖާ އޭނާގެ އެއްކަހަލަ ސަޅި ހިނިގަނޑަށް ބިނދިއްޖެ އެވެ. އެއަށް ފަހު ކޮނޑުގައި އޮތް އަތަށް ހެޔޮވަރު އަތްދަބަސް ތެރެއިން ނަގައި ދައްކާލީ ޖޯން ގްރީންގެ މަޝްހޫރު ވިލު ނޫކުލައިގެ ވާހަކަ ފޮތެވެ.

އެއީ އިއްތިފާގެކެވެ.

ކާއިނާތު އަހަރެމެން ދެ މީހުން އެއްތަން ކުރީ ދެ ލޯބިވެރިންނަށް ހަދަން ހެއްޔެވެ؟ އަހަރެންގެ ހިތަށް އެރީ މިހެންނެވެ.

އެ ހިޔާލެއްގެ ތެރެއަށް އަހަރެން ގެއްލުނުއިރު އޭނާ އަލުން އެ ފޮތް ދަބަސް ތެރެއަށް ކޮށްޕާލައިފި އެވެ.

އެއަށް ފަހު އަހަރެމެން ދެ މީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. ހީވީ ވަގުތު ހުއްޓުމަކަށް އައިސް އެތައް ޒަމާނަކަށް އިރު އަރައި އޮއްސިގެން ދިޔަ ހެންނެވެ.

"މި ފޮތުގެ ކިހާ ހިސާބެއްގައި ތަ އޮތީ ތި ބުނާ ވާހަކައެއް؟"

ގެއްލުނު ދުނިޔެ އިން އަހަންނަށް ނުކުމެވުނީ އަންހެން ކުއްޖާގެ މި އަޑަށެވެ.

"ކޮން ވާހަކައެއް؟،" ބޭއިހްތިޔާރުގައި އަހާލެވުނީ މިހެންނެވެ.

"އޮފީސް ނިމިގެން ވާރެއާ ހެދި ގެއަށް ނުދެވިފައި ހުންނަ އަންހެން ކުދިން ބަލަން އަންނަ ގޮތުގެ ވާހަކަ."

އޭނާ މިހެން ބުނީމަ އަހަންނަށް ހެވުނީ އެވެ. ދެން އަހަރެން ފެށީ މުޅިން އެހެން ވާހަކަ އެކެވެ.

"މަށާ އެކީގަ ކޮފީއެއް ބޯން ދާން ކެރިދާނެ ހެއްޔެވެ؟."

އަހަރެންގެ އެ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުވަތަ ޝައުގުވެރިކަމެއް ފާޅުނުކޮށް އޭނާ ބުނީ ތިޔައީ ދިވެހިން ހިތާވާން އަހާ ގޮތޭ ކަމަށެވެ.

"އެއީ ކޮން ފޮތެއްގައި އޮތް ވާހަކައެއް ހެއްޔެވެ؟،" ޖެހިގެން ކުޅެލި ރާގެއްހެން އަހަރެން އަހާލީމެވެ.

"އެއީ މިކަހަލަ ކޫސަލި ލޯބީގެ ވާހަކަތަކުގައި ވާ ގޮތެވެ،" މިހެން ބުނެފައި އޭނާ އަސްކަނިން ބޭރަށް ނުކުމެލާފައި ބަލައިލީ މައްޗަށެވެ.

މިހެން ބުނެފައި ދެން ހިނގައިގަތީ ދުރަށެވެ.

*** ** **

"މިއަދު އަދި މިއީ މާ ވިއްރާސަ ދުވަހެކެވެ،" ޖެހިގެން އައި ދުވަހު އަންހެން ކުއްޖާގެ އޮފީހުގެ އަސްކަނި ދޮށަށް ގޮސް އަހަރެން ވަނީ މާ ކުރިންނެވެ.

އޭނާ ނުކުތްއިރު އަހަރެން އެތަނުގައި ހުރިތަން ފެނިފައި އަނެއްކާވެސް އަންހެން ކުއްޖާގެ އަނގަ ވެއްޓުނީ އެވެ.

"މިއީ ދިވެހިން ލޯބި ހުށަހަޅާ ގޮތް ހެއްޔެވެ؟،" ކެފެއާ އިން ގެނައި ޓޭކްއަވޭ ހޮޓްޗޮކްލެޓް ތައްޓެއް އަހަރެން ދިއްކޮށްލީމެވެ.

"ސީރިއަސްލީ."

ސީރިއަސްލީއާ ދިމާކުރަން އަހަންނަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ އަންހެން ކުއްޖާ އެވެ.

"މިއީ ކޮފީއެއް ނޫނެއް ނޫންހެއްޔެވެ،" ދިއްކޮށްލި ހޮޓްޗޮކްލެޓް ތަށި އަތުލައިގެން ވަސްގަނޑެއް ދަމާލުމަށް ފަހު އޭނާ ބުނެލި އެވެ.

"ކޮފީ އަށް ދާ އަންހެން ކުއްޖާ ބޮނީ ހޮޓްޗޮކްލެޓެއް ނޫންތަ؟"

އަހަރެން މިހެން ބުނެލީމަ އަންހެން ކުއްޖާ ދޯއެއް ޖަހާލާފައި ފޮދުވަރެއް ބޯލާފައި މޫނު މައްޗަށް ޖެއްސި ވައްތަރަކާ އެކު ހޮޓްޗޮކްލެޓަށް ތައުރީފު އޮއްސާލީ ގަދަ ރަތްކުލައިގެ ތުންފަތުގެ ހިތްގައިމު ނިޝާނުންނެވެ.

އަސްކަނީގައި އަހަންނާ ކޮނޑާކޮނޑު ޖެހޭހާ ގާތުގައި ހުރެ އޭނާ ހޮޓްޗޮކްލެޓް ތަށިން ފޮދުވަރަކަށް ފަހު ފޮދުވަރެއް ބޮމުން ގެންދިޔައިރު އަހަންނަށް ހުރެވުނީ އެ ހިތްގައިމު މަންޒަރަށް ބަލާށެވެ. ބޯން ގެނައި ކަޅު ކޮފީ ތަށި މަތިން ހަނދާންނެތި އެ ވެސް ވަޅުފެނަށް ބަދަލުވީ އެވެ.

މިހައި ހިސާބުން އެނބުރި ގަންނަން މި ޖެހެނީ މި ވާހަކައެއް ފެށި ހިސާބަށެވެ.

މީހަކު ދެކެ އިންތިހާ އަށް ލޯބިވެވި، އެހެން ހުރިހާ އެއްޗެއް މަތިން ހަނދާން ނެތުނު ދުވަސްތަކެއްގައި އުޅެވުނު ހެއްޔެވެ؟ މަތީގައި ދެންމެ އެ އައީ އޭގެ ހިނދުކޮޅެކެވެ.

ނަމަވެސް އޭގެ އަސްލު ތަޖުރިބާ އަދި ކުރިއަށް އޮތީ އެވެ.

ހޮޓްޗޮކްލެޓް ބޮއެ ނިންމާލާފައި އަހަރެންގެ އަތަށް ތަށި ދީފައި އާދައިގެ މަތިން އަންހެން ކުއްޖާ ހިނގައިގަތީ އޭނާ ގޮސް އަޅާލާ ގޯޅިގަނޑާ ދިމާލަށެވެ.

"އަހަރެން ދަން ހެއްޔެވެ؟،" ކެތްނުކުރެވިގެން ގޮސް އަހަންނަށް އަހާލެވުނެވެ.

"ދާނެ ކަމެއް ނެތެވެ. ހޮޓްޗޮކްލެޓް ވަރަށް މީރެވެ."

މިހެން ބުނެފައި އަންހެން ކުއްޖާ ގޮސް ގޯޅިން އަޅާލައިގެން ގެއްލިއްޖެ އެވެ. އޭނާގެ ފަހަތުން އަހަންނަށް ދެވުނީ، ފަހަރެއްގައި ހިތްނުފުރުނީމަ އެވެ. ނުވަތަ އެންމެ ފުރަތަމަ ދުވަހު ވެސް ބުނަން ބޭނުންވެފައި ހުރި ވާހަކަ ދެން އިތުރަށް ނުހިފެހެއްޓުނީމަ އެވެ.

ނަމަވެސް ގޯޅި އަޅާލައިގެން ގޮސް ދެން ފެނުނު މަންޒަރާ އެކު އަހަންނަށް ޖެހުނީ ލަދުން އެނބުރި އަންނާށެވެ.

ބަލައި އައިސް އިން ފިރިހެން ކުއްޖެއްގެ ސައިކަލު ފަހަތަށް އަރައިގެން އަންހެން ކުއްޖާ އޭރު ނައްޓާލަނީ އެވެ. އަހަރެންގެ ހިތް ހަމަ ކުދިކުދިވީ އެވެ. 

ދެން ތިރިއަށް މި އަންނަނީ އެއްކަލަ ތަޖުރިބާގެ ދުވަސްތަކެވެ. ކުރަން ވަރަށް ބޭނުންވި ކަމެއް ހާސިލުނުވުމުން ހިތުގައި އަޅާ ވޭނެވެ. ފެށި ލޯބީގެ ވާހަކަ އަހަރެން ބޭނުންވި ގޮތަށް ނުނިމުނީމަ ވީ ތުރާލެވެ.

ހުރިހައި އެއްޗަކާއި މީހެއް މަތިން ހަނދާން ނެތިގެންދާ ހިސާބަކީ މިއީ އެވެ. އެ ވޭނުގެ އަސަރު މިކަހަލަ ކީބޯޑަކާއި ކޫސަނި ވާހަކައަކުން ކިޔައިދޭނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެ އެވެ.

ކުދިކުދިވި ހިތް، އަންހެން ކުއްޖާގެ ރަތް ތުންފަތުގެ ނިޝާން ޖެހި ކަރުދާސް ތައްޓަށް ލައިގެން އަމިއްލަ ދުނިޔެއަކަށް ވަދެ އަހަރެން ގެއްލުނީ އެވެ.

ވާރޭ ބޯކޮށް އަހަރެން ތެންމާލިއިރު ފަހަތުން އައިސް މީހަކު އަތުގައި ހިފިހެން ހީވި އެވެ. ނަމަވެސް އަހަންނަށް ހީވާގޮތް ނުވަތަ އަހަރެން ބޭނުންވާ ގޮތް އަބަދު އަސްލަށް ވާކަށް ނުޖެހެ އެވެ.