ހަބަރު

އެމްޑީޕީ އިން އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް މިރޭ ނިންމަނީ

Dec 1, 2018

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް ފައިނަލް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީއިން އެންމެ ކުރިން ނިންމީ އެ ޕާޓީއިން ވާދަކުރާ ދާއިރާތައް އިއްޔެގެ ވަގުތެއްގައި އިއުލާން ކުރާށެވެ. އެހެން ނަމަވެސް އެ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އިތުރަށް މަޝްވަރާކުރުމަށް ޓަކައި މިއަދަށް އެކަން ފަސްކުރީ އެވެ. އަދި އެކަން ނިންމާނީ މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްޑީޕީއިން މަޖިލީހުގައި ވާދަ ކުރާނެ ދާއިރާތައް ކޯލިޝަން ޕާޓްނަރުންނާ އިއްޔެ ލިޔުމުން ވަނީ ހިއްސާކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ އިން ޖުމުލަ 61 ދާއިރާއަކަށް ވާދަ ކުރާނެ އެވެ. އަދި އެ ދާއިރާތަކުގެ ތެރެއިން 20 ދާއިރާއެއްގައި އިއްތިހާދުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ކޯލިޝަނަށްޓަކައި އެމްޑީޕީ އިން ވާދަ ނުކޮށް ދޫކޮށްލާނީ 26 ދާއިރާއެއް ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.