ދުނިޔެ

އިޒްރޭލުގެ ބޮޑު ވަޒީރުގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ދައުވާ ކުރަން އެދެފި

Dec 3, 2018

ޓެލްއަވީވް (ޑިސެމްބަރު 2) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރެވޭ ރިޝްވަތު ދިނުމާއި އޮޅުވާލުމުގެ ތަހުގީގަށް އެކަށިގެންވާ ހެކި ލިބިފައިވާތީ، އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ދައުވާކޮށް ދިނުމަށް އެގައުމުގެ ފުލުހުން އެދެފި އެވެ.

އިޒްރޭލު ފުލުހުން ބުނިގޮތުގައި، ނަތަންޔާހޫ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ ބެހޭ ޕޮޒިޓިވް ކަވަރޭޖު ގެނެސްދިނުމަށް، އެގައުމުގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް ބޮޑެތި ފައިދާތައްވާ ގޮތަށް ގަވައިދުތައް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ ތުހުމަތުތައް ނަތަންޔާހޫ ވަނީ ދޮގުކުރައްވާފައި އެވެ.

"މި [ފުލުހުންގެ] ހުށަހެޅުންތައް ލީކުކޮށްލާފައިވަނީ ތަހުގީގު ފެށުމުގެ މާކުރިން،" ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ނަތަންޔާހޫއަށް ދައުވާ ކުރަން އެގައުމުގެ ބަންޑާރަނައިބު ނިންމަވައިފިނަމަ، އެކަން ވެގެންދާނީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ކުރިމަތިވެވަޑައިގެން އެންމެ ބޮޑުގޮންޖެހުން ކަމުގައި ސިޔާސީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ރިޝްވަތު ދިންކަމުގެ ތުހުމަތު ނަތަންޔާހޫއަށް ކުރެވިފައިމިވަނީ، ސިޔާސީ ގޮތުން އެމަނިކުފާނު ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަދި މި މައްސަލާގައި، އެމަނިކުފާނުގެ ވަރަށް އަރިސް ދެ ބޭފުޅަކު އެމަނިކުފާނާއި ދެކޮޅަށް ތަހުގީގަށް ހެކިބަސް ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.