ބޭރު ކުޅިވަރު

ފަހު ވަގުތު މޮޅުވުމުން ކްލޮޕްގެ އުފާފާޅު ކުރުން ހައްދުން ނެއްޓިފައި!

މާސީ ސައިޑް ޑާބީ މެޗުގެ އެންމެ ފަހު މިނެޓްގައި ލިވަޕޫލް ލަނޑު ޖެހުމުން، އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް އުފާ ފާޅުކުރި ގޮތުން ކުރިމަތިވި ފާޑު ކިޔުންތަކާއެކު ކޮލޮޕް މާފަށް އެދިއްޖެ އެވެ.

މާސީ ސައިޑްގެ ވާދަ ވެރި އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ކާމިޔާބު ކުރީ، 1-0 އިންނެވެ. މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރެއިން ހަ ވަނަ މިނެޓްގައި ލިވަޕޫލްގެ ލަނޑު ކާމިޔާބު ކުރީ ޑިވޯކް އޮރީޖީ އެވެ. އެވަޓަންގެ އޭރިއާގެ ބޭރުން ލިވަޕޫލުގެ ކުޅުންތެރިން ފޮނުވާލި ބޯޅަ، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ޕަންޗު ކޮށްލާފައި ކޯނަރަކަށް ފޮނުވާލަން އުޅުނު ބޯޅަ އޭނާގެ އަތުގައި ޖެހިފައި ދޫވުމުން، ގޯލް ލައިން މަތީގައި ހުރެފައި އޮރީޖީ ވަނީ ގޯލްގެ ތެރެއަށް ބޮލުން ބޯޅަ ވައްދާލާފަ އެވެ.

އެ ލަނޑު ޖެހުމުން، ކްލޮޕް ވަނީ ބެންޗުގައި ހުރެފައި ދަނޑަށް އަރައި ދުވެފައި އަމިއްލަ ޓީމުގެ ހާފުގެ ތެރެއަށް ގޮސް، ކީޕަރު އެލިސަން އާ އެކު އުފާފާޅު ކޮށްފަ އެވެ. އެލިސަން ވެސް ވަނީ ސެންޓަ ސާކަލްއާ ހަމައަށް އައިސްފަ އެވެ. އެ ގޯލް ޖެހުމުގައި އެލިސަން، އެލެކްޒެންޑާ އާނޯލްޑަށް ދިން ބޯޅައިގެ ހިއްސާ އޮތެވެ. ކްލޮޕް އަމަލު ކުރި ގޮތުން އިނގިރޭސި ބައެއް މީޑިއާ ތަކުން ވަނީ ފާޑު ކިޔުން އޮއްސާލާފަ އެވެ.

ކްލޮޕް ވަނީ އޭނާއަށް އަމަލު ކުރެވުނު ގޮތުން، އެވަޓަންގެ ކޯޗް މާކޯ ސިލްވާގެ ކިބައިން މާފަަށް އެދިފަ އެވެ.

"މެޗަށް ފަހު އަހަރެންނާ މާކޯ ސިލްވާއާ ވާހަކަ ދެއްކި އިރު، އަހަރެން އޭނާ ގާތުން މާފަށް އެދުނިން" ކްލޮޕް ބުންޏެވެ. "އަހަރެން ބުނިން އޭނާގެ މަސައްކަތަށް އަހަރެން އިހްތިރާމް ކުރާ މިންވަރު، ސަބަބަކީ އެ ޓީމާއެކު އޭނާ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފި، އެ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް."

އެ ލަނޑު ވަނުމުން، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެވަޓަންގެ ސަޕޯޓަރުންގެ ކިބައިން މާފަަށް އެދިފަ އެވެ. އޭނާ ބުނީ އޭނާ މަސައްކަތް ކުރީ އެ ބޯޅަ ޕަންޗު ކޮށްލުމަށް ކަމަށާއި އެކަން ނުވުމުން ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.