ހަބަރު

އާ ރަށުގައި ހުރި ރައީސްގެ ގެކޮޅަކީ ބޭރު މަހުޖަނެއްގެ ހަދިޔާއެއް

Dec 3, 2018
28

އާ ރަށުގައި ރައީސް ޔާމީންއަށް ބިނާކުރެއްވި ގެކޮޅު ހެދުމަށް ހަރަދުކޮށްފައި ވަނީ ސިންގަޕޫރިގެ މަހުޖަނެއް ކަމަށްވާ، "އޮންގް ބެންގް ސެން"ކަން ހާމަވެއްޖެ އެވެ.

ސިފައިންގެ ބަލަހައްޓަމުން ގެންދާ އާ ރަށުގައި، "ގަނޑުވަރެއް" ސިފަވާ ގޮތަށް ރައީސް ޔާމީންއަށް ހަދާފައިވާ ގެކޮޅު ހެދީ ސީއެސްއާރުގެ ބަޖެޓުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"އަވަސް"އަށް ލިބިފައިވާ ކަށަވަރު މައުލޫމާތުތަކުން އެނގޭ ގޮތުގައި ރައީސް ޔާމީން ހުންނެވުމަށް އާ ރަށުގައި ފެންވަރު ރަނގަޅުކޮށް ހެދި، ގެކޮޅަށް ހަރަދު ކުރީ ރާއްޖޭގައި ގިނަ ރިސޯޓްތައް ވެސް ހިންގާ، ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ، "އޮންގް ބެންގް ސެންގް" އެވެ. އޭނާ ހިއްސާވާ ގިނަ ރިސޯޓްތަކާއި މޯލްޑިވިއަންއިން ހިންގާ ސީޕްލޭން ވިޔަފާރިގައި ވެސް އޭނާގެ ހިއްސާ އޮންނަ ކަމަށްވެ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ތެރެއިން، ދޫކުރި ގިނަ ފަޅުތަކާއި ރަށްތަކުގެ ޑީލްތަކުގައި ވެސް އޭނާ ހިއްސާވާ ކުންފުނިތައް ގިނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ދެ ކުންފުންޏަކުން ވެސް، ހިލޭ ސާބަހަށް އެ ރަށުގައި ވަނީ ދެ އިމާރާތެއް ހަދައިދީފަ އެވެ. އެގޮތުން އާ ރަށުގައި ފެންވަރު ރަނގަޅު މިސްކިތަކާއި ރެސްޓޯރަންޓެއް ދިވެހި ދެ ކުންފުންޏަކުން ހަރަދުކޮށްގެން ވަނީ ހަދައިދީފަ އެވެ.