ހަބަރު

ސައޫދީއިން ހަދިޔާކުރި ކާރުގެ މައްސަލަ އޭސީސީއިން ތަހުގީގުކުރަނީ

މިއަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ކާރެއް އާންމު ފަރާތެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް އެނގިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ލުތުފީ މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް ބައްލަވާ ކަމަށެވެ. ނަމަވެސް ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލު ހާމަކޮށްދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، މިއަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި "މާސިޑީޒް ބެންޒް، އެސް 600" މޮޑެލްގެ އާމާޑް ކާރެކެވެ. އެ ކާރު ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރީ ލ އަތޮޅުގައި ދުއްވާ ގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ ޗީފް އޮފް ސްޓާފްއަކަށް ހުންނެވި، އަހުމަދު މުސްތަފާގެ އަމިއްލަ ނަމުގަ އެވެ. އެ ކާރާ ގުޅޭ ގޮތުން ރައީސް އޮފީހުން ކުރި މުއާމަލާތްތަކުން އެނގޭ ގޮތުގައި މުސްތޮފާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ކާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކުގައި އެކި ފަހަރު ބޭނުން ކުރައްވައިފަ އެވެ.

އެއީ ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު ކާރެކެވެ. އެ ކާރު ރާއްޖެ އެތެރެ ކުރި، ކަސްޓަމްސްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވީ، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ނަމުގަ އެވެ.

އެ ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވާ ނޮވެމްބަރު އަށް ވަނަ ދުވަހު ރައީސް ޔާމީންގެ އޭރުގެ ޗީފް އޮފް ސްޓާފް މުސްތޮފާއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ސައުދީއިން ހަދިޔާކުރި އާމާޑް ކާރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ނަމުގައި ރަޖިސްޓްރީކޮށް ދައުލަތުގެ ބޭނުންތަކަށް ބޭނުން ކުރުމަށް ދަންނަވާ ކަމަށެވެ. އެ އެންގުމާ ގުޅިގެން ނޮވެމްބަރު 14 ވަނަ ދުވަހު ޗީފް އޮފް ސްޓާފް މުސްތޮފާ ސޮއިކުރައްވައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ސައުދީއިން ހަދިޔާ ކުރި އާމާޑް ކާރު ރައީސުލްޖުމްހޫރިއްޔާގެ ގޭގެ ނަމުގައި ރަޖިސްޓްރީ ކުރަން އަންގާފައި ވާތީ މީގެ ކުރިން އެ ކާރާ ގުޅޭ ގޮތުން ކޮށްފައިވާ މުއާމަލާތްތައް ބާތިލް ކުރަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.