ވާހަކަ

ކަޅު ބޯ ވިލާ

މަގުމަތިން ބައްދަލުވެ އަނގައިން ބުނަން ވެސް މީހުން ބިރުގަނެ އެވެ. ފާރަވެރި ކަންފަތަކަށް އަޑުއިވި ބޭޒާރުކޮށްލަފާނެތީ އެވެ. މަގުމަތިން ދިމާވެ ފޫހިފިލުވާލުމަށް އަނގަތަޅާލެވޭ މީހާ ވެސް ޖާސޫސަކަށް ނުވަތަ ތިމާގެ ހަތުރަކަށް ވެދާނެތީ އެވެ. ވެރިވެފައި އޮތީ އެހާ ވެސް ކަޅު، ބޯ، ސިޔާސީ ވިލާގަނޑެކެވެ. 

ސިޔާސީނުވެ ހުރި މީހާގެ މިނިވަންކަން ވެސް އޮތީ ޖަހައި، އިރާލައިގެން ގެންގޮސްފަ އެވެ. މިސާލަކަށް ދޭދޭ ލޯބިވެރިންނެވެ. ރަތްވިލާގެ ދަޅަޖެހުމުން ޒީނަތްވެގެން، ފޮނިމަލުން ހުވަނދުލައިގެން ފިރިހެނުންނަށް ފަރި ދެއްކުމަށް ނުކުތް ރަށުގެ ޒުވާން އަންހެން ކުދިންގެ ބައިގަނޑު ވެސް މަދުވަމުން ގޮސް ގެއްލުނީ އެވެ.

ބުނެވޭ ގޮތުގައި އެންމެ ރީތިކޮށް ތިބި ކުދިންތައް ހޮވާލައިގެން ވެރިންގެ ދާނަށް ގެންދިޔައީ އެވެ. އެމީހުންގެ ހޮވުމަކަށް ވާން ބޭނުންނުވީމަ ރަށުގައި ދެން ތިބި އަންހެން ކުދިން ފެންނުވަރައި ގައިން ވެސް ތާޚިރުނުވެ އެމީހުންގެ ޖިފުޓިތަކުގައި މަޑުކޮށްލީ އެވެ.

ރަށުގެ އަންހެން ކުދިން ގެއްލި، ލޯބިވެރިން ހޮރުހޮރަށް ވަދެ ފިލުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރި އެކަކަކީ އަހަންނެވެ. އަހަންނަށް އަސަރުކުރީ ހިތާވެގެން އުޅުނު އަންހެން ކުއްޖާ ދައުލަތުގެ ވެރިންގެ އަރާމަށް އުފުރާލައިގެން، އުރާލައިގެން ގެންދިޔައީމަކާއެއް ނޫނެވެ.

ލޯބީގެ ސިޓީގަނޑެއް ލިޔުއްވަން އަންނާނެ މީހަކު އެއަށްފަހު ނުވީމަ އެވެ. އަހަރެން ކުރި ކަމަކީ އެއީ އެވެ. ސިޔާސީ ކަޅު ބޯ ވިލާގަނޑުން އަހަރެން ސަލާމަތްވެ ހުރި ގޮތަކީ އެއީ އެވެ.

ރަށުގެ އަންހެން ކުދިން ފަހަތުން ދުވި، ފުރާވަރާއި ވިހި ފަންސަވީހުގެ ޒުވާން ފިރިހެން ކުދިންނަށް އެމީހުންގެ ހިތުގެ އިހްސާސްތައް ފަންވަތާއި ކަރުދާހަށް ބަންޑުންކޮށް، ހިތާއި ހިތް ގުޅުވައި ލޯބި ގަތައި ދިން މީހަކީ އަހަންނެވެ. މި އަނިޔާވެރިކަމެއް ފާވުމުގެ ކުރިން އެންމެން ވެސް އުޅުނީ މިހާ ލޯބިންނެވެ.

އެކުގައި މަކުތަބަށް ގޮސް، މަކުތަބުން ގެއަށް ގޮސް، ފިލާ ހިތު ދަސްކޮށް ކަޅުފަހާއި ފެނުން ދޮވެ އަވީލައިގެން ހިއްކީ ވެސް އެންމެން އެކުގަ އެވެ. ގޭގައި އޮންނަ އިލޮށިފަތިން އިލޮށި ދަމައި ހުސްކޮށްލައިގެން ގޮސް އޭގެ ކޮޅުގައި ބަނބުކެޔޮ ތެރަހުގެ ފަށަލައެއް އޮޅާލައިގެން ބަބުރާއި ލޯފިނދު ހިފަން ވެސް އުޅުނީ އެކުގަ އެވެ.

ވާރެއާ ތެމިގެން، މަގުތަކުގައި ހެދިފައިވީ ފެންގަނޑު ތެރޭގައި ބުރުއަޅައި މޫދަށް ގޮސް އަވީލެވިގެން ފޯރީގައި ވެލިން ދަތް އުނގުޅީ ވެސް އެކުގަ އެވެ. މިހެން ބޮޑުވަމުން އައި ޖީލަކަށް ނިސްބަތްވި، ޒުވާންކަމާއި ޖޯޝުން ފުރިގެންވީ ދެ ޖިންސުގެ މެމްބަރުންގެ ހިތުގައި އަހަރެންގެ ޖާދުލުން ލޯބީގެ މާ ފޮޅުވަމުން ދަނިކޮށް ޝަހުވަތްތެރިކަމުގެ ފުރޭތައެއް އަހަރެމެންގެ ތަހުތަށް ވެރިވެ މި އުފާވެރިކަމާއި މިނިވަންކަން ފޭރިގަތީ އެވެ.

ނަމަވެސް އަޅުގަނޑު ދެންނެވި ސިޔާސީ ކަޅު ބޯ ވިލާގަނޑަކީ މިއީއެއް ނޫނެވެ. އެއީ އަދި މުޅިން އެހެން ވާހަކަ އެކެވެ. އަހަރެމެންގެ ރަށާ އެތައް މޭލެއް ދުރުގައި އޮތް ފުރަމާލޭގެ ސިޔާސީ ހަތުރުންގެ މެދުގައި ހިނގަމުން ދިޔަ ކުރިމަތިލުމެއްގެ ވާހަކަ އެވެ. 

ދެންމެ މި ކިޔައި ދިނީ އޭގެ އަސަރު އަހަރެމެން ކަހަލަ ރަށްތަކުގެ އަހުލުވެރިންނަށް ކުރި ގޮތެވެ. އަދި އަހަރެން އުޅެ ބޮޑުވި ގޮޅި ކުޑަގޮޅިއަކަށް ބަދަލުވި ގޮތުގެ ވާހަކަ އެވެ.

ސިޔާސީނުވެ ލޯބީގެ ޖައްވުގައި ފިޔަޖަހަމުން ދިޔަ ލޯބިވެރިން ވެސް ކޮށައި ވައްޓާލި ގޮތެވެ. އެކަކު އަނެކަކު ދެކެ ލޯބިވުން ވެސް މަނާ ކަމަކަށް ހެދީ އެވެ. އަންހެން ކުދިން ހަވީރުގެ ފިންޏަށް ނުކުތުން ވެސް މަނާވީ އެވެ.

ޒުވާންކަމުގެ މިނިވަން ޖައްވުގައި ލޯބީގެ މާފޮޅުވި މީހުން ހިފައި ހައްޔަރުކޮށް މާލެ ގެންގޮސް ޗެންޗޭނު ޖަހައި ބުރިން ހަންވެސް ނެގީ އެވެ. ލޯބިވުން ކުށަކަށް ބަދަލުވީ އެވެ. ކުށަކަށް ހެދީ އެވެ.

ދެން މި އަންނަނީ މުޅިން އެހެން ވާހަކަ އެކެވެ. އެކަމަކު ސިޔާސީ ކަޅު ބޯ ވިލާގަނޑުގެ ވާހަކަ އަދިވެސް ފަހަށް ބާއްވާނީ އެވެ. މި ވިލާގަނޑެއްގެ އަސްލާއި މާ މޮޅަށް ލޯބީގެ ސިޓީ ލިޔާ މީހަކަށް ވުމަށް އަހަންނަށް ހިތްވަރު ލިބުނު ގޮތާއި އެ ހިތްވަރަކާ ގުޅިފައިވާ މީހެއްގެ ވާހަކައިން ފަށައިގަންނާނީ އެވެ.

އެމީހަކީ އަހަރެންގެ ބައްޕައެއް ނޫނެވެ. ނަމަވެސް އަތޮޅުގެ އެހެން ރަށްތަކާއި އެހެން އަތޮޅުތަކާއި ވެރިރަށުގައި ހިނގަމުން ދިޔަ ވާހަކަތަކަށް އަހަރެންގެ ކަންފަތާއި ލޮލާއި ބޯ ހުޅުވައި ދިން މީހަކީ އެ ބައްޕަ އެވެ. ބައްޕަ އަކީ ވިޔަފާރިވެރިއެކެވެ. ނާލުބައްތެއްޔެއް އަތުގައި އޮވެ އެވެ.

އޭގައި ތިން މަހުން އެއް މަހު މާލެ ގޮސް އެނބުރި އަންނައިރު މާލޭގައި މަޝްހޫރު ދުވަހު ނޫހާއި ހަފުތާ މަޖައްލާތައް އަބަދުވެސް ގެނެސް ގޭގައި ފޮރުވަ އެވެ. އަހަރެން އެ އެއްޗެހި ކިޔަނީ ނާލުބައްތެއްޔަށް ދޮންކޭލާއި ކާށި ބަރުކޮށްގެން ބައްޕަ ރަށުން ފުރާ ހިސާބުންނެވެ.

ބައްޕަ މާލެއިން ގެނެސް ފޮރުވި ފޮތްތަކުގެ ތެރޭގައި ގިނައީ ސިޔާސީ މީހުންނާއި ވެރިކަމާ ދެކޮޅު ލިޔުންތަކުން ފޯކޮށްފައިވާ ނޫހާއި މަޖައްލާތަކާއި ދައުލަތާ ދެކޮޅު، ކަޅު ޕޯސްޓަރެވެ. އެހެންވީމަ ބައްޕަ އުދުހުނީ ސިޔާސީ ޖައްވެއްގައެއް ނޫން ހެއްޔެވެ؟

އެކަމަކު ބައްޕަގެ ބަތަލަކީ އަހަރެންގެ ވެސް ބަތަލެވެ. އަހަރެމެން ދެ މީހުން އޭނާ ސިފަކުރި ގޮތާއި ގަބޫލުކުރި ގޮތް ތަފާތީ އެވެ. ބައްޕަ އަށް އޭނާ ފެނުނީ ޗޭގުވޭރާއެއް ނުވަތަ މަހާތަމާ ގާނދީއެއްގެ ގޮތުގަ އެވެ. އަހަރެންގެ ލޯ މައްޗަށް އޭނާ ސިފަވެގެން އައީ ފާރިސީ ޅެންވެރިޔާ ރޫމީގެ ގޮތުގަ އެވެ.

އޭނާގެ ވާހަކަ އާއި ރާގު ވެސް އެންމެ ވައްތަރީ ރޫމީއާ އެވެ. ރޫމީ ބުނެފައިވެ އެވެ. އަޑުގަދަނުކޮށް ބަސް ގަދަކުރާށެވެ. ގުލްޝަނުގައި މާ ފޮޅެނީ އެތަނަށް އަޅާ ހޮނަކުންނެއް ނޫނެވެ. އެތަނަށް ވެހޭ ވާރޭގެ ސަބަބުންނެވެ.

މާލޭގައި ދައުލަތާ ދެކޮޅަށް ނުކުތް މި ޒުވާނާ ވެސް ވާހަކަ ދެއްކީ މިހެންނެވެ. ނަމަވެސް އޭނާގެ އެ ސިޔާސީ ވާހަކަތައް އަހަރެންގެ ފޮތަށް ތަރުޖަމާވަމުން ގެތެމުން ދިޔައީ ލޯބީގެ ހާރެއްގެ ސިފަ އަށެވެ. ލޯތްބަށް އެދި ގޮވަމުން ދިޔަ މީހުންނަށް އެ ހާރުން މުތް ހަދިޔާކުރަމުން އަހަރެން ކުރިއަށް ހިނގައިގަތީ އެވެ.

ހިތާއި ހިތް ގުޅުވަމުންނެވެ. ދެން ހިފީ ހިތާއި ހިތުގެ އިންގިލާބަކަށެވެ.

އޭރު މާލެ މަތީގައި އޮތް ކަޅު ބޯ ވިލާގަނޑުން ސިޔާސީ ހޮނުއަޅަން ފަށައިފި އެވެ. އަހަރެންގެ ބައްޕަ އެއްކުރި ފޮތާއި ނޫސް މަޖައްލާތަކުގެ ބަތަލު ހައްޔަރުކޮށް ކަސްތަޅުއަޅުވައި ކުޑަގޮޅީގައި ބަންދުކޮށްފި އެވެ. ބަޣާވާތެއް ރޭވިކަމުގެ ތުހުމަތުގަ އެވެ.

ހިތާއި ހިތުގެ އިންގިލާބު އަވަސްކުރަން ޖެހުނީ އެވެ. ލޯބިވާން އަހަރެމެންނަށް ދަސްކޮށްދިން ބަތަލުގެ ދިފާއުގައި ސިޔާސީ ކަނޑަށް ނުކުންނަން މަޖުބޫރުވީ އެވެ.

އަހަރެން ހިތްވަރު ހޯދީ ޖަލުގައި އޮތް ބަތަލުގެ ކިބައިންނެވެ. އޭނާގެ ނޫހާއި ފޮތާއި ޅެމާއި ލޯބީގެ ވާހަކަތަކުންނެވެ. އަހަރެން ލިޔުނީ ސިޓީ އެވެ. ލޯބީގެ ސިޓީ އެވެ. ވަތަނާއި ފަރުދުންނަށެވެ. 

ދެން އައީ ބަހާރު މޫސުމެވެ. ދެން ފެށުނީ ލޯބީގެ އިންގިލާބެވެ.

މި ފޯރިގަނޑުގައި ދައުލަތާ ދެކޮޅަށް ނުކުތީ ލޯބިވެރިންނެވެ. އަނިޔާ ލިބި، ބައިވެރިޔާ ގެއްލި، ހިތްމަރުވެފައި ތިބި އެކަނިވެރިންނެވެ. ވީނުވީއެއް ނޭނގި ގެއްލުނު އަންހެން ދަރިންގެ ހިތާމައިން ސަލާމަތްނުވެވި ތިބި ނިކަމެތި މައިންނެވެ.

އެންމެން ވެސް ނުކުތީ ލޯތްބަށްޓަކަ އެވެ. އަނިޔާވެރިކަމާ ދެކޮޅަށް ލޯބިކުރީ އެވެ. މުޒާހަރާތަކަށް ވެސް ނުކުތީ ބައިވެރިންގެ ގޮތުގައި އަތާއި އަތް ގުޅާލައިގެންނެވެ.

ލޯބީގެ ބާރު ވަރަށް ވެސް ގަދަ އެވެ. މީހުން ހަނގުރާމައިގެ މައިދާނަށް ގެންގޮސް ލޭ އޮހޮރުވުމުގެ ބާރާއި އެ ލޭ އޮހޮރުވުން ހުއްޓުމަކަށް ގެނައުމުގެ ބާރު ވެސް ލޯތްބަށް ވަނީ ލިބިފަ އެވެ. ލޯބި ލައިގެން ނުކުރެވޭނެ ކަމެއް ނެތެވެ.

އަދި ލޯތްބާ ނުލައި ކުރެވޭނެ އެއް ކަމެއް ވެސް ނެތެވެ.

ލޯތްބަކީ ކޮބައިކަން ނޭނގުނު ނަމަ އަހަންނަށް އަހަރެންގެ ހުވަފެން ވެސް ހަގީގަތަކަށް ނެހެދޭނެ އެވެ. ލޯބީގެ ސިޓީ ލިޔާކަށް އަހަންނަކަށް ނޭނގޭނެ އެވެ. މީހުން އުފާކޮށްދޭކަށް ނޭނގޭނެ އެވެ.

އެކަމަކު މި ލޯބީގެ ހުރިހާ ވެސް ޝުކުރެއް އަހަރެންގެ ބަތަލަށެވެ. ކަޅު ބޯ ވިލާގެ ތެރެއަށް ވަދެ ގެއްލުނު އަހަރެންގެ ރޫމީ އަށެވެ. އޭނާގެ މަޒުމޫނާއި ޅެމާއި ވާހަކަ އަކީ އަހަންނަށް ފެނުނު އެންމެ ތޫނު ހަތިޔާރެވެ. އޭނާ އަހަންނަށް ދަސްކޮށް ދިނީ ލޯތްބާ އެއް ވަރުގެ ހަމައެކަނި ބާރަކީ ވެސް އެއީ ކަމެވެ. ޖުމްލަ އެމުނުމެވެ. ނުވަތަ ލިޔުންތެރިކަމެވެ.

ދުނިޔޭގައިވާ އެންމެ ބާރުގަދަ ދެ ހަތިޔާރަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފި ނަމަ އެއަށް ޖަވާބު ދޭނީ މިހެންނެވެ. އެކެއް، އެއީ ލޯތްބެވެ. ދޭއް، އެއީ ގަލަމެވެ. ނުވަތަ ލިޔުންތެރިކަމެވެ.

ލިޔެގެން ވެސް ނުކުރެވޭނެ ކަމެއް ނެތެވެ. ފަރުބަދަތައް ކަނޑައި ނަގައި ދުނިޔަވީ ގާނޫނާއި ކުލައާ ވެސް ކުޅެންވީ އެވެ. ދުނިޔެ އެނބުރޭ ގޮތް ވެސް ބަދަލުކުރަންވީ އެވެ. ދުނިޔެ ފުރޮޅަންވީ އެވެ.

ގަލަމާއި ދެލި ހިފައިގެން ނުކުމެ އަހަރެމެން ފުރޮޅީ އަނިޔާވެރި ވެރިކަމެކެވެ. ލޯތްބާއި ގަލަމާއި ދެލީގެ މިނިވަންކަން ފޭރިގަތް ނުބައިނުލަފާ މީހާ ނަގައި އަހަރެމެން އެއްލައިލީ އެވެ.

ދެން އައީ ލޯބީގެ ހިމޭންކަމެވެ. ދިރިއުޅުމުގެ އަލި ފެންނާނީ މި ހިމޭންކަމުގެ ތެރެއިންނޭ ރޫމީ ބުންޏެވެ. އެ އައްޔާއި ލޯތްބާއި އުފާވެރިކަން އަހަރެމެންނަށް ލިބުނެވެ.

ނުލިބުނީ އަހަރެންގެ ބަތަލެވެ. ބައްދަލުނުވީ އަހަރެންގެ ރޫމީއާ އެވެ. ކަޅު ބޯ ވިލާގެ ތެރެއަށް ވަދެ ގެއްލުނީ އެވެ. ނަމަވެސް ހިތާއި ހިތުގެ އިންގިލާބު ދިޔައީ ކުރިއަށެވެ. ހިފެހެއްޓުމެއް ނެތި ކުރިއަށެވެ. 

އަނދިރިކަން ވެރިވެފައި އޮތް ސިޔާސީ ޖައްވު ވެސް އެކުގައި އުޖާލާވެގެން ދިޔައީ އެވެ. ލޯތްބާއި ގަލަމާއި ދެލިން އަލިކުރީ އެވެ.