ހަބަރު

ޕީޕީއެމްގެ ޓިކެޓް މޫސަ އާއި ނަޝީދަށް ނުދިން

Dec 4, 2018
21

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ނުހިމަނާ، ޕީޕީއެެމްގެ ހުރިހާ މަޖިލިސް މެންބަރުންނަށް، އަންނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ޓިކެޓް ދޭން ޕީޕީއެމް އިން ރޭ އިއުލާންކޮށްފި އެވެ.

ޕީޕީއެމްއިން ރޭ އިއުލާން ކުރި ގޮތުގައި، ޕީޕިއެމްގެ ހުރިހާ މަޖިލިސް މެންބަރުންނަށް ވެސް ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އެމްޑީއޭގައި ހުންނެވުމަށް ފަހު އެ ޕާޓީއާ މިފަހުން ގުޅިވަޑައިގަތް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއާ އެކު 24 މެންބަރަކަށް ރޭ ވަނީ ޕީޕީއެމްގެ ޓިކެޓް ހަވާލުކޮށްފަ އެވެ. އެ ލިސްޓުން އުނިވަނީ ހުޅުހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ ރީކޯ މޫސާ މަނިކެވެ.

އެ ޕާޓީގެ ހުރިހާ މަޖިލިސް މެންބަރުންނަށް ޓިކެޓް ދޭން ރޭ ނިންމައި އެކަން އިއުލާން ކުރި ނަމަވެސް، ރީކޯ މޫސާ މަނިކާއި މުހައްމަދު ނަޝީދަށް އެ ޕާޓީއިން ޓިކެޓް ނުދިނީ ކީއްވެ ކަމެއް ސާފެއް ނުވި އެވެ. އެކަމާ ބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ހުސެން ޝަރީފް، މުންދުއާ ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މެސެޖް ކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

އާބާދީއަށް އައި ބަދަލާ އެކު މޫސަ ތަމްސީލް ކުރައްވާ، ހުޅުހެންވޭރު ދާއިރާ ދެން އަންނަ މަޖިލީހުގައި ނޯންނާނެ އެވެ. އޭގެ ބަދަލުގައި އޮންނަނީ، ހުޅުމާލެ ދާއިރާ އެވެ. އެހެން ނަމަވެސް ނަޝީދު ތަމްސީލް ކުރައްވާ ދާއިރާ އާ މަޖިލީހުގައި ވެސް އޮންނާނެ އެވެ.

"އަވަސް ހުކުރު" ޝޯއަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާ ވެސް އަންނަ މަޖިލީހުގައި ނޯންނާތީ ސިޔާސީ ކުރިމަގާ މެދު ކަންބޮޑުވެ އެވެ.

ޕީޕީއެމްއިން ރޭ އިއުލާން ކޮށްފައިވާ ގޮތުގައި، މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެ ޕާޓީއިން ޓިކެޓް ދޭނެ ފަރާތްތައް ރޭ އިއުލާންކޮށް ނިމުނީ އެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދެން އިއުލާން ކުރީނީ ބާކީ ހުރި ދާއިރާތަކުން ޓިކެޓް ދޭނެ ފަރާތްތަކާއި އެ ޕާޓީއިން ޕްރައިމަރީ ބާއްވާނެ ދާއިރާތައް ކަމަށް ޕީޕީއެމްއިން ރޭ އިއުލާން ކުރި
އެވެ.

ރޭ އިއުލާން ކުރި ލިސްޓްގައި ޕީޕީއެމްގެ ފަރާތުން އަންނަ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވެސް އެ ޕާޓީއިން ކުރިމަތިލަ އެވެ. އެ ދާއިރާއަށް ކުރިމަތިލާނީ، އަހުމަދު އަސްއަދު އެވެ.